ވިޔަފާރިތަކަށް ހުއްދަ ދޭނީ އިކޮނޮމިކް މިނިސްޓްރީއާއި ސިޓީ ކައުންސިލް މެދުވެރިވެގެން

މެއި 27، 2020: މަޖީދީމަގު ފިހާރައެއްގައި މީހަކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ތަންފީޒު ކުރަމުންދާ ލޮކްޑައުން އަށް ލުޔެއް ދިނުމުގެ ފުރަތަމަ ފިޔަވަހީގައި އިތުރު ވިޔަފާރިތަކަށް ހުއްދަ ދޫކުރާއިރު ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލްއަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރެޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮޕް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ލޮކްޑައުންއަށް ލުއިދޭއިރު، ފުރަތމަ ފިޔަވަހީގައި ވިޔަފާރިތަކުން ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް އަކަށް ކަމަށާއި އެކަމާ ގުޅޭ ތަފްސީލު މިއަދު ފަހުން އާންމު ކުރާނެ ކަމަށެވެ. ފުލުހުން ހުއްދަ ދޭނީ ސިޓީ ކައުންސިލު މެދުވެރިވެގެން އަންނަ ހުށަހެޅުންތަކަށް ކަމަށް ނަވީން ވިދާޅުވިއެވެ.

"އީޒް ޑައުން ޕްލޭންގަ ފުތަރަމަ ފޭސްގައި އެޕްލައި ކުރައްވަން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް އަކަށް. އެ ޕޯޓަލް މިރޭ އިއުލާނު ކުރައްވާނެ. އެ ޕޯޓަލް ތްރޫކޮށް ފުލުހުން ދެން ޕާމިޓްސް ދޫކުރާނީ. އޭގެ މާނައަކީ ސޯޝަލް އަދި ބިޒްނަސް ހުރިހާ ކަމަކަށް ޕާމިޓްސް ދޫކުރާނީ މާލޭ ސިޓީ ކައުންސިލް އަދި އެމްއީޑީ [އިކޮނޮމިކް މިނިސްޓްރީ]ގެ ފަރާތުން ޗެކްކޮށް ޕޮލިސްއަށް ފޮނުވާ ޕާމިޓްސްތަކޭ ޕޮލިހުން ދޫކުރާނީ. އޭގައި އެކޮޅުން ދޫކުރާ ވަރަކަށް ހުއްދަ ދެމުންދާނީ،" ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ މީގެ ކުރިން އާންމުންނަށް ދޫކޮށްފައި ހުރި ހުއްދަތަކާއި ވިޔަފާރި ހުއްދަތަައް އަދިވެސް ބޭނުން ކުރެވޭނެ ކަމަށެވެ. އިތުރު ހުއްދައަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށާއި މިހާރު ހުށަހެޅިފައިވާ ހުއްދަތައް ޕްރޮސެސްކޮށް ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ނަވީން ވިދާޅުވިއެވެ.

ހުއްދަ ދޫނުކުރާނީ ހަމައެކަނި ކަރަންޓީނުގައި ނުވަތަ އަންޑާ މޮނީޓަރިންގެ ދަށުގައި ހުރި ތަންތަނަށް އެކަނި ކަމަށް ނަވީން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުުގައި ނަވީން ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ

"ކުރިން ދެވިފައި ހުރި ޕާމިޓްސް ތަކަކީ ހަމަ ވެލިޑް ޕާމިޓްސްތަކެއްގެ ގޮތުގައި ކުރިއަށްދާނެ. އަދި އަޅުގަނޑުމެންނަށް މިހާރު އެޕްލައިކޮށްފައި ހުރި ޕާމިޓްސްތައްވެސް ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ހަމަ ކުރިއަށް ގެންދާނެ. އެ ޕާމިޓްސްތައް ދޫކުރާނެ،" ނަވީން ވިދާޅުވިއެވެ.

ގްރޯސަރީ ޝޮޕިންއަށް ދޫކުރާ ހުއްދައިގެ ދަށުންވެސް ބޭރަށް ނިކުންނަ އިރު މާސްކް އެޅުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނަވީން އިލްތިމާސް ކުރެއްވިއެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަތިހު ފަހަކުން ހެނދުނު އަށަކަށް ބޭރަށް ނިކުތުމަށް ހުއްދަ ދިނުމުގައިވެސް ވަކި ލިމިޓެއް ނުގެންގުޅޭނެކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ހަމަ ހުއްދައަށް އެދޭ ހުރިހާ ފަރާތްތަކަށް ހުއްދަ ދެމުން ގެންދާނީ. ޝަރުތަކީ 60 އަހަރު ވުން. އެ ޕާމިޓް ލިބިގެން ނިކުންނަވާއިރުވެސް، ޖަމާވެގެން ތިބެ ވާހަކަ ދައްކަން ނުތިބުމަށް އިލްތިމާސްކުރަން. މިއީ ކަސްރަތު ކުރުމަށް ދެވޭ ލުޔެއްގެ ގޮތުގައި މި ދެނީ،" ނަވީން ވިދާޅުވިއެވެ.

މީގެެ އިތުރުން ބޭންކުތަކަށް ހާއްސަ ލިންކެއް ދީގެން ބޭންކުތަކުގެ ހިދުމަތް ހޯދާ ފަރާތްތަކށް ހުއްދަ ދޫކުރާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

"މިސާލަކަށް މާދަމާ އަންނަ ފަރާތްތަކަށް މިއަދު އެޕޮއިންޓްމެންޓު ދޫކުރެވޭނެ. އެބޭފުޅުންނަށް ކޮންޓްރޯލު ކުރެވޭނެ ކިހާ މީހުންނެއްތޯ ކިހާބަޔެއްތޯ އެ ދުވަހަކު ބޭންކަށް ގެނައުމުގެ މަސައްކަތް ކުރާނީ،" ނަވީން ވިދާޅުވިއެވެ.

ގައިދުރުކަމަށް ސަމާލުކަން ދީ!

ނަވީން ވަނީ ފިހާރަތަކަށް ހިދުމަތް ހޯދުމަށްދާ ފަރާތްތަކުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރައްވައފައެވެ. ބޭންކުތަކާއި ފިހާރަތަކުގެ ބޭރުގައި ތިން ފޫޓުން ޖަހާފައިވާ މާކުތަކަށް ބަލައި، ކިޔު ތަރުތީބުކުރުމަށް ނަވީން އިލްތިމާސް ކުރެއްވިއެވެ.

"މާކިންގްސް އަކީ މުހިންމު މާކިންގްސް ތަކެއްގެ ގޮތުގައި ބައްލަވާ ކިޔު ތަރުތީނު ކުރުމުގެ ކަންތަކަށް އެ ވަޑައިގަންވާ ބޭފުޅުން އަދި ހިދުމަތް ދޭ ފަރާތްތަކުން ބައްލަވަމް ވާނެެ،" ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ފުލުހުންގެ ހުއްދައަށް އެދޭނެ ގޮތާ ގުޅޭ ތަފްސީލީ ނޫސްބަޔާނެއް މިރޭ އާންމު ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް