ރިސޯޓް ކައްކާއިންގެ މީރު ރަހަތައް އާއިލާތަކަށް

ފާރުފުށީގެ ސޫ ޝެފް އެއް ކަމަށްވާ މުހައްމަދު އާދިލް ޑިޝް އެއް ތައްޔާރުކުރަނީ --- ފޮޓޯ : މުހައްމަދު އާދިލް

ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ ރިސޯޓުތަކުގެ މުވައްޒަފުންނެވެ. ރިސޯޓުތައް ބަންދުކުރުމާއެކު އެތައް ބަޔަކު ވަޒީފާ ގެއްލިފައިވާއިރު އަނެއް ބަޔަކު ކުރާނެ މަސައްކަތެއް ނެތިފައި އާއިލާއާ އެކު ގޭގައި ވަނީ ބަންދުވެފަ އެވެ. ނަމަވެސް މި ހާލަތުގައި އެ ބައެއްގެ ހުނަރުތައް ދައްކަމުންދާ އެއް ބަޔަކީ ރިސޯޓުތަކުގެ ޝެފުން ނޫނީ ކައްކާއިންނެވެ. ރިސޯޓުތަކުގެ ބަދިގެއިން ދައްކަމުން ދިޔަ ހުނަރު މިހާރު އެ ފަރާތްތަކުން ދައްކަމުންދަނީ އާއިލާގެ ސުފުރީމަތީ އެވެ. ރިސޯޓު ފެންވަރުގެ ކެއުންތައް ގޭގެ މޭޒުމައްޗައް އެފަރާތްތަކުން ދަނީ ފޯރުކޮށްދެމުންނެވެ.

މިހާރު ފެތުރެމުންދާ ވައިރަސް އާއެކު ރިސޯޓު ބަންދުވުމުން ވަޒީފާއަށް ނުދެވިފައި ހުރި އެކަކަކީ 28 އަހަރުގެ މުހައްމަދު އާދިލް އެވެ.

އާދިލް އަކީ ފާރުފުށި ރިސޯޓުގައި ސޫ ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނެވެ. ނަމަވެސް އޭނާ މާލެއަށް އައި ދުވަހު މާލޭގައި ފުރަބަންދަކަށް ދިއައީ އެވެ. އެއާއެކު އޭނާ ފުރަބަންދު ހޭދަކުރަމުންދަނީ އޭނާ އަންހެނުންގެ ގާތުގަ އެވެ.

"އަސްލު ރަށަށް ދިޔުމުގެ ކުރީން މާލެ އައީ. ދެން މާލެ އައި އިރަށް ލޮކްޑައުން އިއުލާނުކޮށްފައިވަނީ. އެހެންވެ ލޮކްޑައުން ކުރި ފަހުން މިހުންނަނީ އަންހެނުން ގާތު،" އާދިލު ކިޔައިދިނެވެ.

އާދިލް ތައްޔާރުކޮށްފައިވާ ޑިޝް އެއް --- ފޮޓޯ :މުހައްމަދު އާދިލް

އާދިލު ބުނިގޮތުގައި އާންމުކޮށް އަންހެނުންނާއެކު މިހާ ގިނަ ދުވަސް އެކީގައި ހޭދަކުރުމަކަށް ނުލިބެ އެވެ. އެހެންކަމުން މިފަހަރު އެ ލިބުނު ވަގުތުގައި ގޭގައި ތަފާތު ތަކެތި އަންހެނުންނަށް ކައްކާފައި ކާން ދެވުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށް އާދިލް ފާހަގަކުރި އެވެ.

"އަބަދުވެސް ރަށަށް ދިޔަނަމަވެސް މިގޮތަށް އާއިލާއަށް ކައްކައިދީ ހަދަން. ވަރަށް އުނދަގު އަސްލު މަސައްކަތް ނުކޮށް ހުންނަން،" އޭނާ ބުންޏެވެ.

އާދިލް ބުނިގޮތުގައި އޭނާގެ އިތުރުން އެހެން ޝެފުންވެސް އާއިލާ ގާތަށް ދެވުމުން ކައްކައި ހަދާ ކަމަށެވެ. އެގޮތުން ތަފާތު ވައްތަރުގެ މޮޅެތި ކެއުން އާއިލާއަށް ތައްޔާރުކޮށްދީ ހެދުމަކީ ޝެފުން ކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

އޭނާ ބުނީ އެ ދާއިރާއިން ކުރިއަށްދާން އަޒުމުކަނޑައަޅައިގެން މަސައްކަތް ކުރާ ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. ރިސޯޓުތަކުގައި ނޫން ނަމަ ގޭގެ ބަދިގޭގަ އެވެ. ފައިވް ސްޓާ މެނޫއެއްގެ ޑިޝް އެއް ނޫން ނަމަ އާއިލާގެ ހިތް ހަމަޖައްސައިދިނުމަށެވެ.

އާދިލް ތައްޔާރުކޮށްފައިވާ ޑިޝް އެއް --- ފޮޓޯ : މުހައްމަދު އާދިލް

އާދިލްގެ އިތުރުންވެސް އެތައް ދިވެހި ޝެފުންނެއް މިވަގުތު ތިބީ ރިސޯޓާ ދުރުގަ އެވެ. އެތައް ފަރާތްތަކުން ދަނީ އާއިލާއަށާއި ގާތް ފަރާތްތަކަށް ތަފާތު ވައްތަރުގެ ކާއެއްޗެއްހި ތައްޔާރުކޮށްދީ ސުފުރާ މަތި ފަޅުފިލުވައިދެމުންނެވެ.

ކޮވިޑްއާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ގައުމު ގެނައުމުގެ ކުރީން ކްރޮސްރޯޑްސްގެ ހާޑްރޮކްގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އިހުތިޝާމް މުހައްމަދު ވެސް މިހާރު ކުރަނީ އެކަހަލަ ކަމެކެވެ.

މާލެ ފުރަބަންދަށް ގެނައުމުގެ ކުރީން އޭނާ ހުރީ އޭނާ ގެ ރަށަށް، ފުނަދޫ އަށް ގޮސްފަ އެވެ. އިއްތިޝާމް ހުރީ އޭނާގެ އާއިލާގެ ގާތުގަ އެވެ. މީގެ ކުރިން "ސަން"ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އިހުތިޝާމްވެސް ފުރަބަންދުގައި އޭނާގެ ކެއްކުމުގެ ހުނަރު ޗެނަލްކުރަމުން ދަނީ އާއިލާއަށް މޮޅެތި ޑިޝްތައް ތައްޔާރުކުރުމަށެވެ.

"އެވަގުތު ހިތަށް އެރި އެއްޗެއް އަސްލު މި ހަދަނީ. އެކި ފަހަރު އެކި އެއްޗެހި. ވެސްޓާން އެއްޗެހި ވަރަށް ގިނައިން ހެދޭކަން ފާހަގަވޭ،" އޭނާ ބުންޏެވެ.

މިދުވަސްކޮޅު އެންމެ ގިނައިން މަސައްކަތްކުރަނީ ކޮންމެވެސް އެއްޗެއް ފިހެލުމަށް ކަމަށާއި އޭގެތެރޭގައި ތަފާތު ވައްތަރުގެ ކޭކު ފަދަ ތަކެތި ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން މޭވާއެއް ފެނުމުން އެ ބޭނުންކޮށްގެން ކޮންމެވެސް ކަހަލަ އެއްޗެއް އާއިލާއަށް ތައްޔާރުކޮށްދޭ ކަމަށް އިހުތިޝާމް ބުންޏެވެ.

ކޮންމެއަކަސް މި ކަމަކީ އާއިލާތަކަށް ވަރަށް ކަމުދާ ކަމެކެވެ. ފުރަަބަންދާއެކު އެތައް ޝެފުން ވަޒީފާއަށް ނުނިކުމެވިފައި ތިބިއިރު މިއީ އެފަރާތްތަކުގެ ހުނަރު އިތުރަށް ތަރައްގީކޮށްލަން ވެސް ލިބޭނެ ފުރުސަތަކަށް ވެދާނެ އެވެ. ކޮންމެއަކަސް އެ ފަރާތްތަކުގެ ބުރަ މަސައްކަތްތައް އާއިލާއަށް ދައްކާލައި އާއިލާ އުފާކޮށްލަން ލިބޭ މި ފުރުސަތަކީ ގިނަ ޝެފުން ހިތް ހަމަޖެހިގެންދާނެ ކަމަކަށް ވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް