އޭރު އެހެން މިހާރު މިހެން، މިވީ ކިހިނެއް؟

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ -- މަޖިލިސް

ކޮވިޑް19 އާ ގުޅިގެން ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހި، އަތުވެދާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީ އިސްލާހު ކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވާ މެމްބަރަކީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

ގާނޫނު އަސާސީ އިސްލާހުކުރުމާ ދެކޮޅަށް މެމްބަރު އެންމެ ބޮޑަށް ވާހަކަދައްކަވާ ސަބަބަކީ، މިހާރު އޮތް ފުރަބަންދުގެ ހާލަތެވެ. ގާނޫނު އަސާސީއަށް އެއްވެސް ކަހަލަ ބަދަލެއް ގެންނަން ވާނީ ރައްޔިތުންނާ ވަރަށް ބޮޑަށް މަޝްވަރާކޮށް، ރައްޔިތުން އެ އިސްލާހަކާ ދޭތެރޭގައި ދެކޭ ގޮތެއް ހޯދުމަށް ފަހުގައި ކަމަށް މެމްބަރުު ގަބޫލުކުރައްވަ އެވެ.

ސަރުކާރުުން ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހެޅި ބިލު އެގޮތަށް ފާސްކުރަން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ނިންމި ވިޕްލައިިނާ ވެސް ހިލާފުވެވަޑައިގެންނެވީ އެ ސަބަބާ ހުރެ އެެވެ.

މިވަގުތަކީ މަގުތަކަށް ނުކުމެ ހިޔާލުފާޅުކޮށް، ސައިހޮޓާތަކަށް ގޮސް ކަޅު ސަޔަކަށް އިންސާފު ކުރަމުން އެ އިސްލާހާ ގުޅޭގޮތުން ރައްޔިތުން މަޝްވަރާކުރާނެ ޖާގަ ނެތް ވަގުތަކަށް ވާތީ އެވެ.

އެ ޖާގަ ނެތްކަން ހާމަކޮށްދެއްވުމަށް މެމްބަރު ވަރަށް ޖަޒުބާތީ ވާހަކަތަކެއް ވެސް ދެއްކެވި އެވެ. ރަމަޟާން މަހެއް ނިމިގެން ދިޔަ އިރު ލޯބިވާ މީހުންނާ އެކު ރޯދާވީއްލުމެއް ނުބޭއްވުނެވެ. މުސްކުޅި މައިންބަފައިންނަށް ޒިޔާރަތްކޮށްލެވޭނެ ފުރުސަތެއް ނެތެވެ. މިސްކިތަށް ނަމާދަށް އެރުމަށް ވުރެ އައުލާކަން ބޮޑީ ގޭގައި ނަމާދުކުރުމެވެ. ކަންމަތީ ފިހާރައިން ކާނެ އެއްޗެއް ގަންނަން ވެސް މިޖެހެނީ ފުލުހުންްގެ ހުއްދަ ހޯދާށެވެ.

"މީ ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ކަމަށް އަޅުގަނޑުމެން ދެކެންޏާ އަޅުގަނޑުމެންނަކީ ގަދަ ބައެއް،" މެމްބަރު ވިދާޅުވި އެވެ.

މިއީ ދަތި ދަނޑިވަޅެކެވެ. ގިނަ ހައްގުތަކެއް ވެސް ހުރީ ހިފެހެއްޓިފަ އެވެ. އެކަމަކު އެއީ އެއްވެސް މީހަކަށް ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން މެދުވެރިވި ހާލަތެކެވެ.

https://sun.mv/137465

މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހުކުރުމަކީ އޮތް ހަމަ އެކަނި ހައްލު ކަމަށް ގަބޫލުކުރަން މެމްބަރަށް ވަރަށް ދައްޗެވެ. ގާނޫނު އަސާސީއަކީ ރާއްޖޭގެ ދުސްތޫރެވެ. މިފަދަ ދަތި ހާލެއްގައި ރައްޔިތުންގެ ދުސްތޫރާ ކުޅުމަކީ "ޖަންގަލީ ވިސްނުމެއް" ކަމަށް މެމްބަރު ސިފަކުރެއްވި އެވެ.

"މީހުން ނުރައްކަލުގެ ހާލަތުގައި ތިބެގެން މިގޮތަށް މުޅި މޫނުގައި ފޮތި އޮޅައިގެން ތިބޭ ހާލުގައި ތިބެގެން ގާނޫނު އަސާސީ އިސްލާހުކުރާ ވާހަކަ މި ދައްކަނީ. ބޮޑު ރައްޔިތުންގެ މަޖިލީހަކުން މި ވާހަކަ މިދައްކަނީ. ރައްޔިތުން އިންތިހާބުކޮށްފައި ފޮނުވީމާ ގާނޫނު އަސާސީއާ ކުޅެން މި އުޅެނީ މި ހާލަތުގައި އަޅުގަނޑުމެން ބައިތިއްބައިިގެންތޯ. ކޮން ކަހަލަ ބައެއްތޯ އަޅުގަނޑުމެންނަކީ؟ ކޮން ކަހަލަ ވިޕް ތަކެއްތޯ މި ނެރެނީ. ކޮން ކަހަލަ ނިންމުންތަކެއްތޯ މި ނިންމަނީ. ކޮން ކަހަލަ ލަފާތަކެއްތޯ ލިބެމުން މިދަނީ. މި ނޫން ގޮތެއް ނެތީތޯ،" ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި މެމްބަރު ވިދާޅުވި އެވެ.

ވަރަށް ރަނގަޅު ސުވާލުތަކެކެވެ. ވިސްނާލުން ރަނގަޅު ނުކުތާތަކެވެ.

އެހެން ނަމަވެސް މީގެ ފަސް ވަރަކަށް އަހަރު ފަހަތަށް ޖެހިލަމާ ހިނގާށެވެ. މިފަދަ އެއްވެސް ދަތިކަމެއް ނެތި، ރައްޔިތުން ގޭބަންދުވެފައި ނެތް ދުވަސްވަރެއްގައި ދިވެހިންގެ ދުސްތޫރާ ކުޅެ، ގާނޫނުއަސާސީއަށް ވަނީ ބަދަލުތަކެއް ގެނެސް ފައެވެ.

ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް، އޭރުގެ މެޖޯރިޓީ ޕާޓީ، ޕީޕީއެމް އިން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ އެމްޑީޕީގެ ވެސް ތާއީދާއެކު އެވެ. އެ ބަދަލު ގާނޫނުއަސާސީއަށް ގެންނަންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނެތެވެ. ހަމައެކަނި އޭރުގެ ސަރުކާރުން އެކަން ކުރަން ބޭނުންވުން ނޫން އެހެން ސަބަބެއް ނެތެވެ.

އެ އިސްލާހު ފާސްކުރަން އެމްޑީޕީން ތުރީލައިން ވިޕެއް ނެރުނެވެ. އަދި އޭރު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 21 މެމްބަރުން ވަނީ އެ ބިލު ފާސްކުރަން ވޯޓު ދެއްވައިފަ އެވެ. މެމްބަރު އިމްތިޔާޒް ވެސް ވޯޓުދެއްވީ ގާނޫނު އަސާސީ ބަދަލުކުރުމަށެވެ.

އޭރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ 44 މެމްބަރުންނާއި ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންގެ ވޯޓުން އެ ބިލު ފާހެއް ނުކުރެވުނީހެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހުގެ ހަތަރުބައި ކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ބޭނުންވާ އިރު، އެ އަދަދު ހަމަކުރެވުނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު އެވެ.

ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެމްބަރުންނެވެ. އެއީ މިނިވަން މެމްބަރެއްގެ ގޮތުގައި އޭރު ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ. ހަ މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ރައްޔިތުންްގެ ވޯޓުން އިންތިހާބުކުރާ ގައުމުގެ ރައީސާއި ރައީސްގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ ޝަރުތުތަކަށް މިވަރުގެ ބޮޑު ބަދަލެއް ގެންނަން އެމްޑީޕީން ވެސް ތާއީދުކުރެއްވި އިރު ރައްޔިތުން އެގޮތް ބޭނުންވޭތޯ ބަލަން މަޝްވަރާ ހޯއްދެވި ކަމަށް ފެންނާކަށް ނެތެވެ.

ގާނޫނުއަސާސީ އިސްލާހުކުރަން ފާސްކުރުމުން، އާންމުންގެ ފަރާތުން އޭރު ވަނީ ރައްޔިތުން އެކަމުގައި ދެކޭގޮތް، "ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ މެމްބަަރުން" ނުބައްލަވަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.

"މަގޭ ހިތަށް އަރަނީ މިވަރުގެ ކަމެއްވާއިރު ކީއްވެބާވައޭ އެއްވެސް ދާއިރާއެއްގެ މެންބަރަކު ދާއިރާގެ މީހުން، މާނަޔަކީ އެމީހުންނަށް ވޯޓުދީގެން އެތާ ބޭންދި މީހުންނާ ސުވާލުކޮށްނުލީ ކިހިނެއްތޯ ވޯޓުދޭންވީ، ކޮބާތޯ ދާއިރާގެ ޚިޔާލަކީ،" މިއީ އެދުވަހު "ސަން" ގެ ކިޔުންތެރިޔަކު ކޮށްފައިވާ ކޮމެންޓެކެވެ.

މިފަދަ އެތައް ހިޔާލެއް އެދުވަހު ނޫސްތަކާއި ސޯޝަލް މީޑިއާގައި ވެސް ރައްޔިތުން ދިޔައީ ފާޅުކުރަމުންނެވެ.

https://sun.mv/57268

ބިލު ފާސްކުރަން ވޯޓު ދިނުމަށްފަހު، އެދުވަހު އެމްޑީޕީގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި މެމްބަރު އިމްތިޔާޒް އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ، އެމްޑީޕީން އެގޮތަށް ވޯޓު ދިނީ ސަރުކާރަށް އިތުބާރެއް ދިނުމަށް ކަމަށެވެ.

"...ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް އެމްޑީޕީން ތާއީދުކުރި މައިގަނޑު އެއް މަގުސަދަކީ އަޅުގަނޑުމެން އެންމެ ހިތް ރުހޭ ކަމަކަށް ނުވިކަމުގައި ވީ ނަމަވެސް، އަޅުގަނޑުމެން ސަރުކާރަށް އިތުބާރެއް ދިނުމުގެ ގޮތުން، އެމްޑީޕީގެ ފަރާތުން ދެވެން އޮތް އިތުބާރެއް ދިނުމުގެ ގޮތުން،" އިމްތިޔާޒް ވިދާޅުވި އެވެ.

އެދުވަހު އެމްޑީޕީން ސަރުކާރަށް "އިތުބާރެއް" ދިނީ އެމްޑީޕީން ބޭނުންވާ ކަންތައްތަކެއް ކުރުމަށް ހެދި ޑީލެއްގެ ދަށުން ކަމަށް އޭރުވެސް ގިނަ ބަޔަކު ދިޔައީ ތުހުމަތު ކުރަމުންނެވެ. އަދި އެ ތުހުމަތުތަކަށް ބާރުލިބޭ ވާހަކައެއް އިމްތިޔާޒް ވެސް އޭރު ވިދާޅުވި އެވެ.

މެންބަރު އިމްތިޔާޒު 2015 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ދިނުމަށް ފަހު ދެއްކެވި ވާހަކައަށް އާންމުން ފާޅުކޮށްފައިވާ ހިޔާލު --

އިމްތިޔާޒް ވިދާޅުވީ އެމްޑީޕީން ސަރުކާރަށް އިތުބާރު ދޭ ފަދައިން ޕާޓީތަކާއި ސަރުކާރާ ކުރާ މަޝްވަރާތަކުގައި ވެސް ރަނގަޅު ގޮތްތަކެއް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެގޮތުން ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ 400 އެއްހާ މީހުންނާއި ސިޔާސީ ލީޑަރުންނަށް ވެސް ލުއިގޮތްތަކެއް ހަމަޖެހޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"... އަޅުގަނޑުމެން މި ވޯޓް މިގޮތަށް ދިނުމާއި އެކުގައި ވެސް، އަދި މީގެ ކުރީގައި ވެސް މިދެކެވެމުންދާ ވާހަކައިގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް އަދި މިހާތަނަށް ކަންތައްތައް މިދަނީ އަޅުގަނޑުމެން އުއްމީދުކުރި ގޮތްތަކަކާއި އެއްގޮތަށް. އެހެންވީމާ އަޅުގަނޑުމެން ދެންވެސް އުއްމީދުކޮށްގެން މިތިބީ ހަމަ އިތުބާރު މިދޭ ފަދައިން އަޅުގަނޑުމެންނަށް ސަރުކާރާގައި އެކުގައި މަޝްވަރާގައި ރަނގަޅު ގޮތްތަކެއް ވެގެން ދާނެ ކަމަށް،" އިމްތިޔާޒް ވިދާޅުވި އެވެ.

އެދުވަހު އެމްޑީޕީން ވެސް ސަރުކާރުގެ ފަރާތުން ބޭނުން ކަންތައްތަކެއް ހުރުމުންް ގާނޫނު އަސާސީ އިސްލާހުކުރަން ވޯޓު ދިނީ އެވެ. ސަރުކާރު ފައިބުޑަށް ވެއްޓުނީ އެވެ. އަދި އެ ދުވަސްވަރަކީ، މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަލު ބަންދުން މިނިވަންކޮށް އަމާން މާހައުލެއް ގާއިމްކުރުމަށް ސަރުކާރާއި އެމްޑީޕީގެ މެދުގައި މަޝްވަރާތައް ހިނގަމުން ދިޔަ ދުވަސްވަރެވެ.

މެންބަރު އިމްތިޔާޒު 2015 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ދިނުމަށް ފަހު ދެއްކެވި ވާހަކައަށް އާންމުން ފާޅުކޮށްފައިވާ ހިޔާލު --

މެންބަރު އިމްތިޔާޒު 2015 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ދިނުމަށް ފަހު ދެއްކެވި ވާހަކައަށް އާންމުން ފާޅުކޮށްފައިވާ ހިޔާލު --

މިއަދު އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ، އެމްޑީޕީ ސަރުކާރަކަށް ދޭނެ "އިތުބާރެއް" ނެތީ ކަމަށް ވެދާނެ އެވެ؟ ނޫނީ އެ އިތުބާރު ދެއްވީ ނަޝީދު ޖަލުން މިނިވަން ކުރަން ކޮންމެ ކަމެއް ކުރެއްވުމުގެ ރޫހުގައި ކަމަށްވުން ގާތެވެ. ހަމަ އަސްލުގައި ވެސް "ގަދަ" ބައެކެވެ. ބޭނުން ކަމެއް ހާސިލު ކުރުމަށް، ފުރުސަތު އޮވެމެ ރައްޔިތުންގެ މަޝްވަރާއެއް ނުހޯދާ ދުސްތޫރާ ކުޅުން އެންމެ ރަނގަޅެވެ. ބޭނުންވާ ގޮތް ނޫން ކަމަށް ވާތީ، ހާލަތު ބަހަނާއަކަށް ހަދައި ދުސްތޫރާ ކުޅުން މިވަނީ ހޯހޯ ކަމަކަށް ވެފަ އެވެ. ޖަންގަލީ ވިސްނުމަކަށް ވެފަ އެވެ.

ޕާޓީން ކޮންމެ ގޮތަކަށް ނިންމިޔަސް، އަމިއްލަ ނަފްސަށް މަކަރު ނުހައްދަވާނެ ކަމަށް ވިދާޅުވެ، ޕާޓީގެ ވިޕްލައިނާ ވެސް މިވަނީ ހިލާފުވެވަޑައިގެންފަ އެވެ. އެކަމަކު، މީގެ ކުރިން އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި މެންބަރުންނަށް ވަރުގަދަ ސުލޫކީ ފިޔަވަޅުތައް އެޅި އެވެ. ހަމަ ހަގީގަތުގައި ވެސް "ގަދަ" ބައެކެވެ.

comment ކޮމެންޓް