ގުޅީފަޅު ހިއްކަން ފަށައިފި، ޑައިވް ސައިޓުތަކަށް ނުރައްކާ!

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ --

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުން ޓޫރިސްޓުން ޑައިވް ކުރާ ސައިޓުތަކަށް ތިމާވެށީގެ ގޮތުން ނޭދެވޭ އަސަރު ކުރާނެ ކަމަށް ބައެއް ރިސޯޓުތަކާއި ޑައިވަރުން ބުނެފި އެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، އެކަމުގެ އިޖުތިމާއީ އަސަރުތައް ބަލަން ހެދި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައިވާ ގޮތުން އެ މަޝްރޫއާ ގުޅޭ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން އެ މަޝްރޫއުއިން ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރި އެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، ފަރުތަކާއި މުރަތަކަށް ހަލާކުވުމެވެ.

އެންމެ ފުރަތަމަ ގުޅީފަޅު ހިއްކީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ހިއްކީ 10 ހެކްޓަރެވެ. އެ ފަހުން 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެ އެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ.

ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ. ވެލި ނަގާ ސަރަހައްދުތައް ކަނޑައެޅީ ހިއްކާ ސަރަހައްދާ ކައިރި ވަރާއި، ކިލަނބުކަން އެންމެ ކުޑަވާނެ ކަހަލަ ހިމުން ވެލި މަދު ވަރާއި، ރިސޯޓުތަކާ، ޑައިވްސައިޓުތަކާއި، ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނާ އެންމެ ދުރުތަނަކަށް ބަލާފައި ކަމަށް އީއައިއޭ ރިޕޯޓުގައިވެ އެވެ. އެ ސަރަހައްދު ނޫން އެހެން ދެ ސަރަހައްދެއްވެސް ވެލި ނަގަން ޖެހިދާނެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

ގޫޅީފަޅު ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ސަރަހައްދު (ކަޅު ކުލައިން): ފެހި އަދި ނޫ ކުލައިގައި އެހެރީވެސް ހާލަތަށް ރިއާއަތްކޮށް ވެލި ނަގަން ޖެހިދާނެ ސަރަހައްދުތައް -- ޑައިގްރާމް/ އީއައިއޭ ރިޕޯޓު

ވެލި ނެގުމަށް ހަމަޖެހިފައި ވަނީ ބޮސްކާލިސް ކުންފުނީގެ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާއެއް ބޭނުންކޮށްގެންނެވެ. މުޅި ޕްރޮޖެކްޓަށް އެ ޑްރެޖަރު ބޭނުންކޮށްގެން 20 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެ އެވެ. އެއީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ނަގާނީ ހަ މިލިއަން ކިއުބިކް މީޓަރުގެ ވެއްޔެވެ. އަދި ދެވަނަ ފިޔަވަހީގައި 14 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެ އެވެ.

މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެލި އެޅުމުގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވުމާއި، ވެލީގެ ސަބަބުން ފެން ކިލަނބުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ގެއްލުންވެދޭނެ ތިރީހަކަށް ޑައިވް ސައިޓު

ގުޅީފަޅުގެ ޕްރޮޖެކްޓުގެ އީއައިއޭއަށް ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރިއިރު، ޑައިވާސް އެސޯސިއޭޝަނުން ފާހަގަ ކުރީ، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކި އިރު، ބަނޑޮހާ ހަމައަށް ލޮނުގަނޑު ކިލަނބުވެ ގިނަ މަސްތަކެއް ވަންދެން އެގޮތަށް އޮތް މައްސަލަ އެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު އޭރުވެސް ފަރުތަކަށް ކުރި ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ، ބިން ހިއްކުމުގެ މަޝްރޫއުތަކުން އިއާދަ ނުކުރެވޭ ގެއްލުން ތިމާވެއްޓަށް ވާތީ އެފަދަ މަޝްރޫއުތަކަށް ތާއީދު ނުކުރާ ކަމަށެވެ. ނަމަވެސް، ތިމާވެއްޓަށް ގެއްލުންވުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރިއަސް އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދާކަން އެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ. އާންމުކޮށް، ބިން ހިއްކާ ނިންމާލާފައި ރިވެޓްމެންޓު ޖަހަން ދިގު މުއްދަތެއް ހިނގާތީ ހިއްކި ސަރަހައްދުން ގިރާ ވެލި ފަރުތަކަށް އެޅި އެކަމުގެ ނޭދެވޭ އަސަރުވެސް ފަރުތަކަށް ކުރާކަން އެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ.

ޑައިވާސް އެސޯސިއޭޝަނުން ބުނީ، މި ޕްރޮޖެކްޓުގެ ސަބަބުން ވެލީގެ އަސަރު ކޮށްފާނެ 30 ހަކަށް ޑައިވް ސައިޓު އެބަ ހުރި ކަމަށެވެ. އަދި ވެލި ނަގަން ނިންމާފައިވާ ސަރަހައްދަކީ ރިސޯޓުތަކާއި ޑައިވް ސައިޓުތަކާ ކައިރީގައި ހުރި ސަރަހައްދެއްކަންވެސް ފާހަގަކުރި އެވެ. ވެލީގެ އަސަރު ޑައިވް ސައިޓުތަަކަށާއި، ރިސޯޓުތަކުގެ ހައުސް ރީފްތަކަށްކޮށް އެކަމުގެ އަސަރު އިގްތިސާދަށް ވެސް ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ކުރުނބާ މޯލްޑިވްްސް ރިސޯޓުން ބޭނުން ކުރާ 30 ޑައިވް ސައިޓެއް: ޑައިވާސް އެސޯސިއޭޝަނުން ބުނީ، ގެއްލުން ބިން ހިއްކުމުން ގެއްލުން ލިބިދާނެ ތިރީހަކަށް ޑައިވް ސައިޓު އެބަ ހުރި ކަމަށް -- ޑައިގްރާމް/ އީއައިއޭ ރިޕޯޓު

އެގޮތުން ގެއްލުންވާނެ ކަމަށް ބެލެވޭ ތަންތަނުގެ ތެރެއިން، ގުޅީފަޅު ކައިރީގައި އޮންނަ ވިލިމާލޭގެ ފަރާއި، ޕެރަޑައިސް އައިލެންޑު ރިސޯޓުގެ އިރު ދެކުނުގައި އޮންނަ މަންޓާ ޕޮއިޓު އެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ. އަދި ހިމާޔަތްކޮށްފައިވާ ތަންތަނުގެ ތެރެއިން ގުޅީފަޅުގައި އޮންނަ ހާންސް ހާސް ޕްލޭސް އާއި، ކުޑަ ހުރާ އާއި، ބަނާނާ ރީފް އާއި މާގިރިއަށް ވެސް އަސަރު ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ޑައިވާސް އެސޯސިއޭޝަނުން އެދުނީ، މިހާރު ވެލި ނަގަން ނިންމާފައިވާ ސަރަހައްދުން ވެލި ނެގުމުގެ ބަދަލުގައި މާލޭ އަތޮޅުގެ އުތުރުން، ރިސޯޓުތަކާއި ޑައިވް ޕޮއިންޓުތައް ނެތް ތަންތަނުން ވެލި ނަގާށެވެ. މިއީ ބައެއް ރިސޯޓުތަކުގެ ވެސް އެދުމެކެވެ.

ޑައިވާސް އެސޯސިއޭޝަންގެ އިތުރުން، މާލެ އަތޮޅުގެ ރިސޯޓުތަކާއި، މަޓީއިންވެސް ފަރުތަކާއި މުރަކައަށް ގެއްލުންވާ ކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި މީގެ ކުރިން ހިންގި ބިން ހިއްކުމުގެ ޕްރޮޖެކްޓުތަކުންވެސް ފަރުތަކާއި މުރަކަތައް ހަލާކުވުމުން ވިޔަފާރިއަށް ގެއްލުންވެފައި އެބަ ހުރި ކަމަށް ބައެއް ރިސޯޓުތަކުން ބުންޏެވެ. މީގެ އިތުރުން، ކަނޑުގެ އަޑިން ގިނަ އަދަދަކަށް ވެލި ނެގުމުގެ ސަބަބުން ރިސޯޓުތަކުގެ ބީޗުތަކުގައި ހުންނަ ވެލި ކަނޑަށް ދަމާލައި، ރަށް ގިރުން ކުރިމަތިވާ ކަމަށްވެސް ބައެއް ރިސޯޓުތަކުން ބުންޏެވެ.

މަޝްރޫއަށް ވެލި ނަގަން ނިންމާފައިވާ ސަރަހައްދަކީ މަސްވެރިން އެން ހިފާ ސަރަހައްދެއްވެސްމެ އެވެ. މަސްވެރިންގެ އެސޯސިއޭޝަނުން ފާޅު ކުރި ކަންބޮޑުވުމަކީ އެތަނުން ވެލި ނަގައިފި ނަމަ އެން ލިބުން ދަތިވާނެ ކަމުގެ ކަންބޮޑުުވުމެވެ. ބޮސްކާލިސް ކުންފުނިން ކުޅުދުއްފުށީގައި ބިން ހިއްކި އިރު އެހެންވިކަމުގެ ޝަކުވާ ލިބިފައިވާކަން އެސޯސިއޭޝަނުން ބުންނެވެ. މި ކަންބޮޑުވުން ސްޓޭކްހޯލްޑަރުންނާ ބައްދަލު ކުރި އިރު މަސްވެރިންވެސް ފާހަގަކުރި އެވެ.

"ބިން ހިއްކާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން"

ޕްލޭނިން މިނިސްޓްރީއިން މި ކަންބޮޑުވުންތަކަށް ޖަވާބު ދެމުން ބުނެފައި ވަނީ، ބިން ހިއްކާނީ ވެލި ފެތުރިޔަ ނުދީ، އޭގެ ނޭދެވޭ އަސަރު ނުކުރާނެ ގޮތަށް ކަމަށެވެ.

އެގޮތުން މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ، މޫދު ކިލަނބުވުން ކުޑަ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ހިއްކަން ވެލި އަޅާއިރު، ވެއްޔަށް ބޭރު ނުވެވޭނެހެން ފަޅުގެ ބޯޑަރު ވަށައިގެން "ސޭންޑް ބަންޑް" ޖަހައިގެންނެވެ. އަދި ފުރަތަމަ ވެލި އަޅަން ނިންމާފައި ވަނީ ފަޅުގެ ފުން ސަރަހައްދަށެވެ. އެއީ އެތަން ފުންވުމުން، ފަޅުން ބޭރަށް ވެލި ނުގޮސް މޫދު ކިނލަބު ކުރާ ވެލީގެ މިންވަރު މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.

ނަމަވެސް، ވެލި ބޭރަށް ފެތުރިޔަ ނުދޭން ބޭނުން ކުރާ ސިލްޓް ސްކްރީން މުޅި ޕްރޮޖެކްޓުގައި ބޭނުމެއް ނުކުރާނެ އެވެ. ސިލްޓް ސްކްރީން ބޭނުން ކުރަން ނިންމާފައި ވަނީ އޮއިގެ ސަބަބުން ވެލި ފަޅުން ބޭރުވެދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި އެކަންޏެވެ. ސިލްޓް ސްކްރީން ބޭނުން ކުރުމަކީ ބިން ހިއްކާ އިރު ވެލި ފެތުރިޔަ ނުދީ ކިލަނބުވުން ހުއްޓުވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެކެވެ.

ގުޅީފަޅު ހިއްކުމުގެ ތެރެއިން ބޭރުވާ ވެލި ވިލިނގިއްޔާ ހަމައަށް ގޮސް ކަނޑުގެ ފެން ކިލަނބުކޮށްލާފައި -- ފޮޓޯ/ ސޭވް ދަ ބީޗް

މި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނި ނަމަވެސް، މިހާރު ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ފަޅަށް އަޅަމުންދާ ވެލި ވިލިމާލެއާ ހަަމައަށް ގޮސް ކަނޑުގެ ފެން ކިލަނބުކޮށްލާފައި އޮތްތަން ފެންނަ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. އެކަމުގެ ވިލިމާލޭ ފަރަށް ލިބޭނެ ގެއްލުންތަކާ މެދު ކަންބޮޑުވު، ސޭވް ދަ ބީޗް އަދި ސޭވް މޯލްޑިވްސް ފަދަ މޫވްމެންޓުތަކުންނާއި ތިމާވެއްޓަށާއި ކަނޑުގެ ދިރުންތަކަށް ލޯބި ކުރާ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް