ފުރަބަންދު ނިމުމާ އެކު އެގްރޯ ކުންފުނީގެ މަސައްކަތް ފުޅާކުރަނީ

އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހާރޫން---

ފުރަބަންދު ނިމުނުހާ އަވަހަކަށް ދަނޑުވެރިންގެ އަތުން ތަކެތި ގަތުމާއި އަދި އެހެނިހެން މަސައްކަތްތައް އިތުރަށް ފުޅާކުރާނެ ކަަމަށް ދަނޑުވެރިންގެ ތަކެތި ގަންނަން ހާއްސަކޮށް އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނެފި އެެވެ.

އެގްރޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ވިދާޅުވީ މިހާރުވެސް ދަނޑުވެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

ނަމަވެސް ފުރަބަންދާ ހުރެ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތައް ހުއްޓިފައިވާތީ ތަކެތި ގަތުމުގައި ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިގެން ދިޔަ ރޯދަ މަހު އެގްރޯ ކުންފުނިން ވަނީ ކަރާ ފަދަ ބައެއް ބާވަތްތައް މާލެ ގެނެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކައިފަ އެވެ.

ހާރޫން ވިދާޅުވީ ދަނޑުވެރިކަމުގެ ބާވަތްތައް ރަށުން ގެނެސް އެ ތަކެޔި ބަހައްޓާނެ ގުދަންތައް ހޯދައި އެތަންތަނުގެ ސެޓަޕް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެެވެ.

އޭނާ ވިދާޅުވީ އެޗްޑީސީން އެ ކުންފުންޏަށް 5000 އަކަފޫޓުގެ ގުދަން ދޫކުރި ކަަމަށާއި ނަމަވެސް ކޮވިޑާާ ގުޅިގެން އެތަން މިހާރު އެހެން ކަަމަކަށް ބޭނުންކުރަމުންދާ ކަމަށެވެ. އަދި މިހާރު އަމާޒު ހިފައިފައިހުރީ މާލެއިން 1000- 1500 އަކަ ފޫޓުގެ ގުދަންތަކެއް ހޯދުމަށްކަމަށްވެސް ހާރޫން ވިދާޅުވި އެވެ.

ހާރޫން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން ގެނެސް ދަނޑުވެރިންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ރާވަމުންދާ ކަމަށެވެ.

"ފުރަބަންދުން ވީއްލުމުން އެކި ރަށްރަށަށް ގޮސް ދަނޑުވެރިންނާ މަޝްވަރާތައް ބާއްވައި އެމީހުންގެ ހިޔާލުތައްވެސް ހޯދާނަން." ހާރޫން ވިދާޅުވި އެވެ.

comment ކޮމެންޓް