އަލީ ރަމީޒަށް ފާޑުކިޔުމުން ޒަކިއްޓެ "ކާލައިފި"

ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިިއްޓެ) ---

ދިވެހީން އެންމެ ގަޔާވާ ލަވަކިޔުންތެރިޔަކީ ކާކުހޭ އަހައިފި ނަމަ ގިނަ ދިވެހީން ދޭނީ އެއް ޖަވާބެވެ. އެއީ އަލީ ރަމީޒެވެ. ލަވަކިޔުން ހުއްޓާލިތާ އެތައް އަހަރެއް ފަހުންވެސް ގިނަ ބަޔަކަށް ހަމަ އެންމެ ކަމުދާ ލަވަކިޔުންތެރިޔަކީ އަލީ ރަމީޒެވެ. އަލީ ރަމީޒުގެ ހުނަރަށް މީހަކު ސުވާލު އުފައްދައިފިނަމަ ދިވެހީން ރުޅި އަންނާނެ ކަމާ މެދު ޝައްކެއް ނެތެވެ. މޯލްޑިވިއަން އައިޑަލް އިން މަގުބޫލުކަން ހޯދި ހަސަން އިރުފާން (ޒަކިއްޓެ) ހޫނު ފެނަށް ވެއްޓުނީ މި ސަބަބާ ގުޅިގެންނެވެ.

ޒަކިއްޓެ ދާދި ފަހުން ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލަކާ ގުޅިގެން އޭނާ ވަނީ ހަމަ ރަނގަޅަށްވެސް ހޫނު ފެނަށް ވެއްޓިފައެވެ. މުޅި ސޯޝަލް މީޑިއާގައި ހުރިހާ ދިވެހީން ހެން އެއް އަޑަކުން އަލީ ރަމީޒްގެ ދިފާއުގައި ތެދުވެ، އެކަމުގެ ތެރެއިން ޒަކިއްޓެ "ކައި ހުސްކޮށްލީ"އެވެ.

އިއްޔެ ޒަކިއްޓެ ސޯޝަލް މީޑިއާގައި ފުރަތަމަ ޕޯސްޓުކޮށްފައިވަނީ އަލީ ރަމީޒުގެ ލަވަތަކާ ގުޅޭގޮތުންނެވެ. އޭނާ ބުނީ، އަލީ ރަމީޒުގެ ލަވަތަކުގެ 80 ޕަސެންޓު ލަވަތަކަކީ ކޮންމެވެސް އާޓިސްޓެއް "ރިޕް އޮފް" ކޮށްގެން ނުވަތަ ކޮޕީކޮށްގެން އުފައްދާފައިވާ ލަވަ ކަމަށެވެ.

އެ ޕޯސްޓު ގިނަ ބަޔަކަށް ހަޖަމެއް ނުވިއެވެ. އެތައް ބަޔަކު އަލީ ރަމީޒުގެ ދިފާއުގައި އެތައް ބަޔަކު ތެދުވެ ބުނީ އަލީ ރަމީޒަކީ އެތައް އަހަރެއް ވަންދެން ދިވެހީންގެ ހިތްތަކުގައި ރަސްކަން ކުރަމުން އައި ފަންނާނެ ކަމަށެވެ. އަލީ ރަމީޒުގެ ލަވަތަކަކީ އޮރިޖިނަލް ރާގުތަކަކަށް ނުވި ނަމަވެސް އޭނާގެ ލަވަތައް އަޑުއެހުމުން ހިތްހަމަޖެހޭކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން އަލީ ރަމީޒު އަބަދުވެސް "ރިލެވެންޓް" ވާނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ.

ނަމަވެސް މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ ޕޯސްޓަށް ކޮމެންޓުކުރި މީހަކަށް ޒަކިއްޓެ ދިން ރައްދާއެކުގައެވެ.

ޒަކިއްޓެގެ މިއުޒިކް ކެރިއަރާއި އަލީ ރަމީޒުގެ މިއުޒިކް ކެރިއަރާ އަޅާ ކިޔައި އޭނާ ކުރި ކޮމެންޓާއެކު މައްސަލަގަނޑު އިތުރަށް ބޮޑުވެގެން ދިޔައެވެ. އެންމެންހެން ރަތަށް އެރި ކަހަލައެވެ.

ޒަކިއްޓެ ބުނީ އަލީ ރަމީޒަކީ ހަމައެކަނި ލަވަކިޔުންތެރިޔެއް ކަމަށާއި އެއާ ޚިލާފަށް އޭނާއަކީ އަމިއްލަ ލަވަކިޔުމުގެ އިތުރުން ލަވަ ލިޔާވެސް ފަންނާނެއް ކަމަށެވެ.

ޕީއެސްއެމްގެ މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުން މަގުބޫލުކަން ހޯދި ޒަކިއްޓެ އިތުރަށް ބުނީ އޭނާއަކީ އެއްވެސް މީޑިއާއެއްގެ އެހީއަކާ ނުލައި އަމިއްލަ ނަމެއް ހޯދި މީހެއް ކަމަށާއި، އަދި އަލީ ރަމީޒަކީ "ޓީވީއެމްގެ ޕްރޮޑަކްޓެއް" ކަމަށެވެ.

އެއާއެކު ފޭސްބުކްއާއި ޓްވިޓާގައި ޒަކިއްޓެއަށް ނުކިޔާކަށް އެއްޗެއް ނެތެވެ. އެތައް ބަޔަކު ވަރަށް ރުޅި ގަދަ ވިއެވެ. އެއް ބަޔަކު ގޮވަމުން ދިޔައީ ޒަކިއްޓެ ނުވެސް ދަންނަ ކަމަށެވެ. އަދި އޭނާއާއި އަލީ ރަމީޒާ އެއްވެސް ވަރަކަށް އަޅާ ނުކިޔޭނެ ކަމަށެވެ.

ފޭސްބުކްގައި ޒަކިއްޓެއާ ގުޅޭގޮތުން ތަފާތު މީމްތައްވެސް ގިނަ ބަޔަކު ވަނީ ހަދާފައެވެ. މައްސަލަ އިތުރަށް ހޫނުވެ ޒަކިއްޓެއަށް ރައްދުވަމުންދާ ފާޑުކިޔުމާ ގުޅިގެން އޭނާ ވަނީ އޭނާގެ ސޯޝަލް މީޑިއާވެސް ޑީއެކްޓިވޭޓްކޮށްފައެވެ.

comment ކޮމެންޓް