އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ބުރުގާ އަޅާ ފަނޑިޔާރެއް

އިނގިރޭސިވިލާތުގެ ފުރަތަމަ ބުރުގާ އަޅާ ފަނޑިޔާރު ރާފިއާ އަރުޝަދު -- ފޮޓޯ: ސެއިންޓް މޭރީސް ޗޭމްބާސް

ލަންޑަން (މެއި 28): އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ބުރުގާ އަޅާ އަންހެނަކު ފަނޑިޔާރު ކަމަށް އައްޔަންކޮށްފި އެވެ.

ގާނޫނީ ދާއިރާގައި މަސައްކަތް ކުރާތާ 17 އަހަރުވެފައިވާ ރާފިއާ އަރުޝަދު މިދިޔަ ހަފްތާގައި އައްޔަން ކޮށްފައި ވަނީ ޑެޕިއުޓީ ޑިސްޓްރިކްޓް ފަނޑިޔާރެއްގެ މަގާމަށެވެ. އަދި އޭނާ ވަނީ އެއީ އަމިއްލަ ކާމިޔާބީއަކަށް ވުރެ ބޮޑަށް ހުރިހާ އަންހެނުންނަށްވެސް ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

"އަޅުގަނޑު ނުދެކެން މިއީ އަމިއްލަ ކާމިޔާބީއެއް ކަމަށް. މިއީ އެއަށް ވުރެ ބޮޑު ކަމެއް. މިއީ އަންހެނުންނަށް، ހަމައެކަނި މުސްލިމު އަންހެނުންނަކަށް ނޫން، ނަމަވެސް ހާއްސަކޮށް މުސްލިމު އަންހެނުންނަށް މުހިއްމު ކާމިޔާބީއެއް،" ފަނޑިޔާރު ރާފިއާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ގާނޫނީ ދާއިރާއިން ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ފަނޑިޔާރު ރާފިއާ ގެންދެވީ 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް ނޮޓިންހަމްގެ ސެއިންޓް މޭރީސް ފެމެލީ ލޯ ޗޭމްބާސްގައި މަސައްކަތް ކުރައްވަމުންނެވެ. އަދި އޭނާ ބެއްލެވި މައްސަލަތަކުގެ ތެރޭގައި އަންހެނުން ހިތާނު ކުރުމާއި މަޖުބޫރުން ކައިވެނި ކުރުވުމާއި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ހިމެނެ އެވެ.

ފަނޑިޔާރު ރާފިއާ ވިދާޅުވި ގޮތުގައި އޭނާއަކީ ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅަކަށްވި ނަމަވެސް އޭނާ ބުރުގާ އަޅާތީ އަދިވެސް ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހެ އެވެ. އެގޮތުން ކޯޓުގައި ބައެއް ފަހަރު އޭނާއަކީ ދައުވާ ލިބޭ މީހެއްކަމަށް ނުވަތަ ޝަރަހަކޮށްދޭ މީހެއް ކަމަށް ބައެއް މީހުން ހީކުރެ އެވެ. އަދި މިހާރު އޭނާ ފަނޑިޔާރަކަށް ވުމުން ތަފާތު މީހުންގެ އަޑު އިއްވަދޭން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޒުވާން މުސްލިމު އަންހެނުންނަށް އެމީހުން ފަދަ އެހެން އަންހެނުން ކޮންމެ ދާއިރާއަކުންވެސް ފެނުމުން އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ފަނޑިޔާރު ރާފިއާ ވިދާޅުވި އެވެ.

comment ކޮމެންޓް