އެމްއޭސީއެލް މުވައްޒަފުންނަށް ބަހުގެ ހިދުމަތްދޭނެ ބަޔަކު ހޯޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ބަހަށް އަރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ބަހުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ މި ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނު ކުރީ ކުރީގެ އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާގޮތުން ހިދުމަތްދޭ ފަރާތުގެ އަމިއްލަ ހަރަދުގައި އެމްއޭސީއެލްގެ މުވައްޒަފުން މާލެއިން ހުޅުލެއަށް ގެނެސް އަދި އަނބުރާ ގެންދިއުމަށް ކުންފުނިން ދޭ ތާވަލާއި އެއްގޮތަށް ހިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އިއުލާނުގައި ބުނެފައިވާގޮތުން ދުވާލެއްގެ މައްޗަށް ކޮޅަކަށް ގާތްގަނޑަކަށް 1،600 މުވައްޒަފުން އުފުލަން ޖެހޭނެކަމަށް އަންދާޒާ ކުރެވެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ބާރުބޮޑު ގަޑިތަކުގައި ގާތްގަނޑަކަށް 600 މުވައްޒަފުން އުފުލޭވަރުގެ ގާބިލުކަން ހުރި ފަރާތްތަކަކަށް ވާންވާނެކަމަށް އިއުލާނުގައިވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން މަހުގެ ތިނެއް ވާ ބުދަދުވަހުގެ ހެދުނު 11:00 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އިއުލާނުގައިވެއެވެ. މިގޮތަަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށް އެކުންފުނީން ކޮށްފައިވާ އިއުލާނުގައި ވެއެވެ

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 14 ވަނަ ދުވަހުގެ ހެދުނު 11:00 އެވެ. ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެނީ އެމްޓީސީސީ އަދި އެމްޕީއެލްގެ ގްރޭޓާ މާލޭ ޓްރާންސްޕޯޓު ލިންކުންނެވެ. މާލެއާއި ހުޅުލެއާ ދެމެދު މިހާރު ބަހުގެ ހިދުމަތް ދެނީ އެމްޕީއެލްއިންނެވެ. ހުޅުމާލެއާއި ހުޅުލެއާ ދެމެދު ބަސް ދަތުރުގެ ހިދުމަތް ދެނީ އެމްޓީސީސީ އިންނެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ކުންފުނީގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާލެ އާއި ހުޅުލެ އާއި ދެމެެދު މިހާރު އޮންނަނީ ފެރީ ދަތުރެވެ.

comment ކޮމެންޓް