ބޭންކްތަކުގެ ހިދުމަތްތައް ދޭ ދުވަސްތައް އިތުރުކުރަނީ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރޭތީ މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތް އޮތުމަށް ދޭ ލުއިތަކުގެ ތެރެއިން ބޭންކިންގްގެ ހިދުމަތްތައް ދިނުން އިތުރަށް ފުޅާކޮށް، ބޭންކްތައް ހުޅުވާ ދުވަސްތައް އިތުރުކުރަން ނިންމައިފިއެވެ.

ކޮވިޑް-19 ގޭ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާރު އޮތް ހާލަތުން އެހެން ހާލަތަށް ދިޔުމަށް ފުރަތަމަ ފިޔަވަހީގައި ފުރަބަންދަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެެ.

މިނިސްޓަރު ވިދާޅުވ ގޮތުގައި ދެ ހަފްތާއަށް ދެމިގެންދާ މި ފިޔަވަހީގައި ދޭ ލުއި ދިނުމުގައި އިސްކަން ދީފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރިކުރުމަށާއި އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތު ދިނުން ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ މަރުހަލާގެ ތެރެއިން، ފުރަތަމަ ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ހަފްތާއަކު ތިން ދުވަހު ދެވޭނެ ކަމަށެވެ. އަދި ދެވަނަ ހަފްތާގައި ހަފްތާގެ ފަސް ދުވަހު ބޭންކުގެ ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ބޭންކުތައްވެސް މިވަގުތު ދެމުން ގެންދަނީ ކޮންމެހެން ބޭނުންވާ، އެންމެ އަސާސީ ހިދުމަތްތަކެވެ.

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިންވެސް ބްރާންޗުތަކުން ދޭ ހިދުމަތްތައް މިވަގުތު ނުދިން ނަމަވެސް ގިނަ ހިދުމަތްތަކެއް ދެމުން ގެންދަނީ އޮންލައިންކޮށެވެ. އެ ބޭންކުން ބުނި ގޮތުގައި މި ހާލަތުގައި އެ ބޭންކުގެ ކަސްޓަމަރުންގެ 90 ޕަސަންޓު މުއާމަލާތްތައް ހިނގަނީ އޮންލައިންކޮށެވެ.

ފުރަބަންދުކުރި ފަހުން ރާއްޖޭގެ އިސްލާމިކް ބޭންކުންވެސް ހަފްތާއަކު ހިދުމަތް ދެމުންގެންދިޔައީ ދެ ދުވަހުއެވެ. އެއީ ހޯމަ އަދި ބުދަ ދުވަހުއެވެެ. އަދި އެ ދެދުވަހުވެސް ދެމުން ގެންދިޔައީ ކޮންމެހެން ދޭންޖެހޭ މުހިންމު ހިދުމަތްތައް އެކަންޏެވެ. ދެން ހުރި ހިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ބޭނުންކުރުމަށް ދިޔައީ ބާރު އަޅަމުންނެވެ.

comment ކޮމެންޓް