ސްކޫލްތައް އަލުން ހުޅުވާލަންވީ ވަގުތު ޖެހިއްޖެތަ؟

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަހުގެ ބިރުވެރި ހާލަތުން ރާއްޖެއަށް އަދި މިއޮތީ އަރައިނުގަނެވި އެވެ. ކުޑަވަރެއްގެ ލުއިތަކެއް މިހާރު ދީފައިވީ ނަމަވެސް، މިދިޔަ މާޗް މަހު ސްކޫލްތައް މެދުކަނޑާލިފަހުން، އަދިވެސް އޮތީ ހަމަ އެގޮތުގަ އެވެ. ބެލެނިވެރިންނާއި ދަރިވަރުންނަށް ވެސް އެ މާޔޫސްކަން އެބައޮތެވެ.

ފުރަބަންދުގެ މުއްދަތަށް މަސް ދުވަސް ވާން ކައިރިވާން ވަނިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދާދި ފަހުން ވަނީ އުފާވެރި ހަބަރެއް ދެއްވައިފަ އެވެ. ސްކޫލްތައް ވީހާވެސް އަވަހަކަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއިރު، އެކަމާ ގުޅޭ ޕްލޭންތައްވެސް މިހާރު ވަނީ ކަނޑައަޅާފައިކަމަށް ވިދާޅުވި އެވެ.

ކޮރޯނާއާއެކު ކައިރި މުސްތަގުބަލެއްގައި ދެން ކުރީގެ ދިރިއުޅުމަށް ނުދެވޭނެކަން އެއީ މިހާރު ކަށަވަުވެފައިވާ ކަމެކެެވެ. އެކަން ރަނގަޅަށް އެނގިހުރެ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ހުޅުވަން ނިންމާފައިވަނީވެސް މުޅިން އާ ދިރިއުޅުމެއްގައި އުޅެވޭނެގޮތަށް މާހައުލު ބައްޓަން ކުރާ ގޮތަށެެވެ.

ފުރަބަންދުގެ މުއްދަތު މިއަދަށް ހަމަވާން ކައިރިވެފައިވަނިކޮށް އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ދެ ހަފްތާއަށް ވަނީ އިތުރުކޮށްފަ އެވެެ. މިފަހަރު ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިން ނަމަވެސް މި ފޭސްގައި ސްކޫލްތައް ހުޅުވަން ނިންމާފައެއް ނުވެ އެެވެ. ސަރުކާރުން މީގެ ކުރިން ބުނީ އެންމެ އަވަހަށްވެސް ދެން ސްކޫލްތައް ހުޅުވޭނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެެ.

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހު 16 އިގެ ފަހުން ސްކޫލްތައް ހުޅުވިދާނެ އެވެ. ނަމަވެސް އެއީ މިވަގުތަށް އެންމެ ރަނގަޅު ނިންމުންތޯ އެއީ މިހާރުވެސް ބައެއް ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ސުވާލު ކުރައްވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދޭން ބޭނުންވާ މެެސެޖު ވަރަަށް ސާފެެވެ. ކުޑަކުދިން އެހާ ގިނަ ދުވަހު ސްކޫލަށް ނުގޮސް ތިބެން ޖެހުން އެއީ ނިހާޔަތަށް ކަންބޮޑުވާކަމެއްކަން މިނިސްޓަރު ބުނެދޭން ބޭނުންވެ އެވެ. ސްކޫލާ ކުދިން ދުރުވެ، ކިޔެވުމުގެ މަތިން މުޅިން ފޫހިވެގެން ދާކަސް މިނިސްޓަރު ބޭނުންފުޅެއް ނުވެެ އެވެ.

ހުރިހާ ބެލެނިވެރިންނަށްވެސް މިނިސްޓަރު ޔަގީންކަން އަރުވާ އެއްކަމެއް އެބައޮތެވެެ. ސްކޫލްތައް އަލުން ހުޅުވާނީ ހުދު އެ ތަންތަަނަކީ ރައްކާތެރިތަނެއްކަން ކަަށަވަރުކުރުމަށްފަހު އެވެ. އަދި ބަލިމަޑުކަން އެރަށެއްގައި ނުފެތުރޭކަން ސްކޫލްތައް ހުޅުވުމުގެ ކުރިން ޔަގީންކުރާނެކަމަށް މިނިސްޓަރު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

"މިއީ މިހާރު ސްކޫލްތަކުގައި ކޮންމެހެން ހުންނަން ޖެހޭނެ ކަންތައްތައް. އޭގެ ތެރޭގައި ދަރިވަރުންނަށް އަތް ދޮވުމުގެ އިންތިޒާމް، ކުދިންގެ ރެސްޕިރެޓަރީ ހައިޖީންއަށް ބޭނުންވާ ކަންތައްތައް އަދި ކުދިންގެ ފިޒިކަލް ޑިސްޓެންސިންގެ ކަންތައްތައް ކްލާސް ތެރޭގައި ކުރެވޭނެ ކަންތައްތައް. ހަމަ މިކަންކަމަށް ވަރަށް ރަނގަޅު ޕްލޭންތަކެއް ހެދެމުން ދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

އެ ލިސްޓަށް އިތުރުކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ކޮންމެ ދަރިވަރެއްގެ ފިނި ހޫނު މިން ބެލުންވެސް ހިމެނެ އެެވެ.

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލްތައް ހުޅުވޭއިރު އާންމުކޮށް ދަރިވަރުން އަތްލާ ހަދާނެ ތަންތަން ޑިސްއިންފެކްޓްކުރާނެ ގޮތްގޮތާއި އެކަންކަން ކުރާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު އެކަމުގައި މިނިސްޓްރީއަށް އެހީތެރިވެދޭނެކަަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

އާ ދިރިއުޅުމަށް ސާފުތާހިރު މާހައުލެއްގެ "މަގު" ކޮށިދާނެ އެވެ. އެކަމާ މާބޮޑަށް ދެބަސް ނުވެވިދާނެ އެވެެ. ނަމަވެސް އެވަރުން އެކަނި އާ ދިރުއުޅުމަށް ފުދޭ ހެއްޔެވެ؟ އިޖުތިމާއީ ގައިދުރުކަން ކޮބާ ހެއްޔެވެެ؟ ބެލެނިވެރިން ކުރަނީ އެ ސުވާލުތަކެވެ.

ސްކޫލްތައް އަލުން ފަށާއިރު ތިން ހަތަރު ސެޝަންއަކަށް ގެންދަން ނިންމާފައިވާ ކަމުގެ އަޑުތައްވެސް މިދޭތެރެއިން ގަދަވި އެވެ. ނަމަވެސް މިނިސްޓަރުގެ ވާހަކައިން އެއީ މުޅިން ތެދެއް ނޫންކަން މިހާރު އެނގެ އެވެެ.

" އަޅުގަނޑުމެންގެ ސްކޫލްތަކުގެ ތެރޭގައި މިތިބީ އެކި އަދަދުތަކުގެ ކުދިން އެކި ކްލާސްތަކުގައި ތިބޭ ސްކޫލްތަކެއް. ބައެއް ސްކޫލްތައް އެބަތިބި 100 ކުދިންނަށް ވުރެ މަދު ކުދިން އުޅޭ ސްކޫލްތައް. ބައެއް ސްކޫލްތަކުގަ އެބަތިބި 500 އަށް ވުރެ މަތި އަދި އަނެއްބައި ސްކޫލްތަކުގަ 500 އަށްވުރެ ގިނަ. އަދި ހަމަ އެބަތިބި 2000 ކުދިންނަށް ވުރެ ގިނަ." މިނިސްޓަރު ވިދާޅުވި އެވެެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ކުރިއްސުރެވެސް އޮތީ ސިންގަލް ސެޝަންގޮތަށް ކުރިއަށް ގެންދަން ކަމަށާއި އެެހެން ނަމަވެސް ގިނަ ކުދިން ތިބި ސްކޫލްތަކުގައި ސެޝަންތައް ގިނަ ކޮށްލަން ޖެހިދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލަށް 35 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޖަމާލުއްދީން ސްކޫލް

"އޭގެ އޯލްޓަނޭޓިވްތައްވެސް [އެހެން ގޮތްތަކެއް] ބަަލަމުން ދަނީ. މިސާލަކަށް އެއް ދުވަހު ސްކޫލްގެ ބައެއް ކުދިން އައިސް އަނެއް ދުވަހު އަނެއް ގްރޫޕް އަންނަ ކަހަލަ ގޮތަކަށް. އެހެންވީމާ ހުރިހާ ޕޮސިިބިލިޓީސްތަކެއް އެކްސްޕްލޯކުރަމުންދަނީ. އަދި އެގޮތަށް ނުނިންމަން. އެންމެފަހުން ނިިންމާ ނިންމުމަކަށް ވާނީ ގިނަ ދަންފަޅިތަކެއް ތައާރަފްކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

އާ ދިރިއުޅުމަކުން ފަށައި ގަންނައިރު ކުރިއެކޭ އެއްގޮތަށް ކިޔެވުން ކުރިއަށް ނުގެންދެވިދާނެކަން ވެސް މިިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ. އެންމެ ބޮޑު ބަދަލަކަށްވާނީ ހުރިހާ ފިލާވަޅުތައް ކްލާހުގައި "ފޭސް ޓު ފޭސް ކޮށް" ކުރިއަށް ނުގެންދެވުމެެވެ. އެ ހާލަތުގައި ޑިސްޓެންސް މޯޑްގައި ފިލާވަޅުތައް ފޯރުކޮށްދޭން އަމާޒު ހިފާފައިހުރިއިރު އެކަމަށް ތައްޔާރުވުމުގެ ގޮތުން މުދައްރިސުން ތަމްރީންކުުރުމާއި މުދައްރިސުން ބިނާކުރުމާއި މުދައްރިސުންނަސް އެފަދަ ތަމްރީންތައް ދިނުމާއި އަދި ލެސަންތައް އެ މޯޑަށް ބަދަލުކުރުމުގެ ކަންތަކަކީ މިހާރު މިނިސްޓްރީގެ ޕްލޭންގައި ރާވާފައިވާ ކަންކަމެވެެ.

އާ ދިރިއުޅަމަކަށް އުޅެން ކަންތައްތައް ބައްޓަން ކޮށްގެން ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން އަމާޒު ހިފާފައި ހުރި ނަމަވެސް އެކަމާމެދު ސްކޫލްތައް ތައްޔާރުވަމުންދަނީ ކިހާ ވަރަަކަށް ހެއްޔެވެ؟

މާލޭގެ މަޝްހޫރު ސްކޫލެއްގެ ލީޑިން ޓީޗަރަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ސްކޫލްތައް އަލުން ފާށާއިރު އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން އަދި މިނިސްޓްރީގެ ސީދާ އިރުޝާދެއް ނުލިބޭ ކަމަށެވެެ. އަދި އާ ހާލަތުގައި ސްކޫލްތައް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ގޮންޖެހުންތައްވެސް ޓީޗަރު ފާހަގަކުރެއްވި އެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުދެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮން ފެށުން -- ޕޮޓޯ/ ރައީސް އޮފީސް

އެގޮތުން ގައިދުރުކަން ބަހައްޓައިގެން ކުދިންނަށް ކިޔައިވައިދޭ ހާލަތުގައި އެހާ މަދު ކުދިންނަށް ގިނަ ސެޝަންތަކަކަށް ކިޔަވައިދޭވަރަށް ޓީޗަރުންނާއި ވަސީލަތްތައް އެބަހުރިތޯ އޭނާ ސުވާލުކުރެއްވި އެވެ. ހާއްސަކޮށް ކުޑަ ކުދިންނަށް ކިޔަވައިދޭއިރު ހުރިހާ ފަހަރަކު ދަރިވަރުންނަށް ގައިދުރުވޭތޯ ބަލަމުން ފަސް ފަހަތުން އުޅޭނެ ގޮތެއް އެ ޓީޗަރަަކަށްވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި އަންނަ މަހު ސްކޫލްތައް އަލުން ފެށިދާނެކަމާ މެދު އެ ލީޑިން ޓީޗަރަށްވެސް ޝައްކެެވެ.

"އަޅުގަނޑަށް ހަމަ އެންމެ މުހިންމީ ދަރިވަރުންގެ ސިއްހަތު ކިޔެވުމަށް ވުރެ ބޮޑަށް. ހުރިހާ އެންމެންވެސް ވަރަށް ބޮޑަށް ޑިސިޕްލިންވެގެން ނިއު ނޯމަލްގައި އުޅެވޭނީ." މާލޭގެ މަޝްހޫރު ސްކޫލެއްގެ ލީޑިން ޓީޗަރަކު ވިދާޅުވި އެވެ.

މާލޭގެ އެހެން ސްކޫލެއްގެ ލީޑިން ޓީޗަރަކުވެސް ހަމަ ވިދާޅުވީ އެގޮތަށެވެ. މި ހާލަތުގައި ސްކޫލްތައް ހުޅުވުން ބުއްދިވެރިއެއް ނޫނެެވެ. އޭގެ ބަދަލުގައި މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް ގޫގަލް ކްލާސްރޫމް އާއި ޓެލެކްލާސްތައް ގެންދެވިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ގޫގަލް ކްލާސްރޫމްތައް ބައެއް ފަހަރު ވަރަށް ރަނގަޅަށް ދޭ. ކުރިން ހިޔެއްވެސް ނުކުރަން މީތި ވޯކް ކުރާނެ ކަަމަކަށް. އެ އެތި ހަމަ ވަރަށް ޕްރޮޑަކްޓިވް. ހަމަ އެޓެންޑެންޓުވެސް ރަނގަޅު ހަމަ.އެކަމަކު މިހާރުވެސް އެބަ އުޅޭ ގޭގެއށް ރަނގަޅަށް އިންޓަނެޓް ނުލިބި. ފަސް ޖީބީވޭސް ކުދިންނަށް ހިލޭ ލިބެން އޮންނައިރު އަދިވެސް އެވެސް ނުލިބޭ ކުދިން އެބައުޅޭ" އޭނާ ވިދާޅުވި އެވެ.

ކޮރޯނާއާއެކު އާ ދިރިއުޅުމަކަށް ތައްޔާުރުވާން އެއްވެސް ބަޔަކު ކުރިން ތައްޔާރުވެފައެއް ނެތެވެ. ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް މިއީ އުނދަގޫ ދުވަސްވަރެކެވެ. އެކަމުގައި އެކި މީހުންގެ ވިސްނުން ހުރީ އެކި ގޮތަށެެވެ. އެއް ބަޔަކު، ސްކޫލްތައް ނުހުޅިވިގެން ކެތް މަދުވެފައި ތިބިއިރު، އަނެއް ބަޔަކަށް މިއީ އެކަމަށް އެންމެ ރައްކާތެރި ދަނޑިވަޅެއް ނޫނެެވެ. ބައެއް ބެލެނިވެރިން އެ މީހުންގެ ދަރިން ސްކޫލަށް ނުފޮނުވާނެކަމަށް މިހާރުވެސް ދަނީ ބުނަމުންނެވެ.

އެކަމާމެދު މިިނިސްޓްރީން އަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ދަރިވަރުން ސްކޫލަށް މި ދަނޑިވަޅު ފޮނުވުން އިހްތިޔާރީކަމެއްގެ ގޮތުގައި ބެލެނިވެރިންނަށް ދޫކޮށްލާނީ ހެއްޔެވެ؟

"އަޅުގަނޑުމެން ހުރިހާ ގޮތްގޮތަކުންވެސް ބެލެނިވެރިންގެވެސް ކަންބޮޑުވެލައްވ ކަންބޮޑުވުންތަކަށް އެޓެންޑްކުރެވޭތޯ ބަލާނަން. ދެން އަދި ވަކި ގޮތަކަށް ނުނިންމާތީ މިހެންނޭ ހަދާނީ މިވަގުތު ދަންނަވާލަން ދަތި. އެކަމު އަޅުގަނޑު ޔަގީންކޮށްދެން ކަށަވަރުކޮށްދޭން ބޭނުން ސްކޫލްތައް އެއީ ދަރިވަރުންނަށް އަޅުގަނޑުމެންނަށް ސޭފް އެންވަޔަރަމަންޓްތކަށް ނުވަނީސް އަޅުގަނޑުމެން ދަިރވަރުން ސްކޫލްތަކަށް ނުނެރޭނެކަން." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް