ވައިރަހުން ނަގައިދިން އެތައް ފިލާވަޅެއް

މެއި 24، 2020: "ތޫފާނު"ގެ ތެރެއިން އައި ހިމޭން ފިތުރު އީދު 1441 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ނަވާރަވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީ އިން އުފަންވެގެން އައި އާ ކޮރޯނާ ވައިރަސް ނުވަތަ، ކޮވިޑް19 ދުނިޔޭހެ ހަ ބިތަށް ފެތުރެން މާ ގިނަ ދުވަހެއް ނުނެގި އެވެ. މިއަހަރުގެ ފެބްރުއަރީ މަސް ނިމުނު އިރު މުޅި ދުނިޔެ ވަނީ މި ވައިރަސްގެ ބިރުވެރިކަމުގެ ދަށުވެފަ އެވެ. އާންމު ދިރއުޅުމުގެ އެތައް ކަމެއް އެފުށް މިފުށަށްޖެހި، އާމްދަނީ ހޯދުމަށް އެތައް ބަޔަކު ކުރަމުން އައި މަސައްކަތް ހުއްޓުވާލާ، މުޅި ދުނިޔެވެސް ގާތްގަނޑަކަށް ހުއްޓުވާލީ މި ވައިރަސް އެވެ.

ކޮރޯނާ އާއެކު އުޅެން ދަސްކުރަން ޖެހެޔޭ ސިއްހީ މާހިރުން ވިދާޅުވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މި ވައިރަސް އައިސް އަހަރެމެންގެ ދިރިއުޅުން އެއްކޮށް ބަދަލު ކޮށްލިއިރު، ކުރިން ކުރަމުން އައި އެތައް ކަމެއް ހުއްޓާލާފައި މިހާރު ތިބެން މިޖެހެނީ ގޭގަ އެވެ. ކޮންމެ ދުވަހަކު ރައްޓެހިންނާއެކު ކޮފީތަކަށް އެރުން ހުއްޓިފައި އޮންނަތާ ދެ މަސްވީ އެވެ. އޮފީހަށް ނުނިކުންނަތާ ތިން މަސްވީ އެވެ. ސްކޫލުތައް ބަންދުކުރުމުން މާޗު މަހު ކުރީކޮޅުން ފެށިގެން ކުދިވެރިން ގޭގައި ތިބީ ފޫހިވެފަ އެވެ. އެކަމަކު މި ހުރިހާ ކަމަކާއެކު ވެސް ދިރިއުޅުން ކޮންމެވެސް ގޮތަކުން ކުރިއަށް ގެންދަން އެބަ ޖެހޭތާ އެވެ. ކޮވިޑް19 އައިސް އަހަރެމެންނަށް ދަސްކޮށްދިން ކަމެއް އެބައޮތް ހެއްޔެވެ؟

އިގްތިސާދު ކުރަން ދަސްވި

ލިބޭ މުސާރައިން ކިރިޔާ ދެކޮޅުޖެހުނަސް ދުވަސް ފުރިހަމަވަނީ ރައްޓެހިންނާއެކު ދުވާލަކު އެއްފަހަރު ނަމަވެސް ކޮފީ އަކަށް އަރާލާ ހެދުމުންނެވެ. މަހަކު އެއްފަހަރު ނަމަވެސް ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކު އަގުބޮޑު ރެސްޓޯރެންޓަކުން ކާލަން ޖެހެ އެވެ. އޮފީހަށް ދިޔަކަން ފުރިހަމަވަނީ ކައިރި ފިހާރައަކަށް ވަދެ ދެތިން ހެދިކާއަކާ ޕެކެޓެއް ނޫނީ ދަޅެއް ބޯލުމުންނެވެ. ސިނގިރޭޓަށް ދެވިހިފާފައި ތިބޭ މީހުން ކޮންމެ ދުވަހަކު ސިނގިރޭޓް ބޯން އެތައް ސަތޭކަ ރުފިޔާއެއް އަންދާލަ އެވެ.

އެކަމަކު ކޮވިޑް އައިސް މާލެެ ފުރަބަންދުކޮށް، އޮފީސްތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓުތައް ފަޅުކޮށްލުމާއެކު މަންޒަރު ބަދަލުވެއްޖެ އެވެ. މީގެ ކުރިން މަހެއްގެ މައްޗަށް ކޮފީތަކަށް ހާހުން ހަރަދު ކުރި މީހުންނަށް ކޮފީ އަކަށް އަރާނުލައި ފަރުޖެއްސޭނެކަން ގަބޫލުކޮށްފި އެވެ. ސިނގިރޭޓަށް ދެވިހިފާފައި ތިބި މީހުން އެކަމަށް ކުރާ ހަރަދު މަދުކޮށްފި އެވެ. ގޭގައި އާއިލާއާއެކު ހޭދަކުރާ ވަގުތުގައި އެފަދަ ކަންތަކަށް ދޭ ސަމާލުކަން ކުޑަކޮށްފި އެވެ.

ބަޔަކު ކޮފީ ޝޮޕެއްގެ ތެރޭގައި-- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

"މިހާރު ގަބޫލު ކުރެވޭ ކޮންމެ މަހަކު މުސާރަ ލިބޭއިރަށް ފިހާރައަށް ގޮސް މޭކަޕު ސާމާނާ އާ ހެދުމާ ފައިވާން ނުގަތަސް ފަރުޖެއްސޭނެކަން. އޮންލައިން ކޮށް ވިޔަފާރި ނުކުރިޔަސް އެއީ މައްސަލައެއް ނޫންކަން. ކޮވިޑާއެކު އައި އިގްތިސޯދީ ހީނަރުކަން އެންމެ ބޮޑަށް ދަސްކޮށްދިން ކަމަކީ ސޭވްކުރުމުގެ މުހިއްމުކަން. މިހާރު އޮންލައިން އެޕަކުން އެއްޗެއް ނުގަންނަތާ ދެ މަސް ވީ. ލޮކްޑައުންގެ ފަހުން އައި އާ ލިޕްސްޓިކެއް ނުގަންނަން. އެކަމަކު މިއީ ހެޔޮ ބަދަލެއް އިނގޭ،" ޒުވާން އަންހެނަކު ބުންޏެވެ.

"މީގެ ކުރިން ހިތެއް ހަމައެއް ނުޖެހޭ ދެތިން ކޮފީއަކަށް ނޭރެންޏާ، ރައްޓެހިންނާއެކު. އާންމުކޮށް ދުވާލެއްގެ މައްޗަށް 200 އެއްހައި ރުފިޔާ ހަރަދުވާނެ މަދުވެގެން ކޮފީތަކަށް. އެކަމަކު މިހާރު މިހެން ގެގައި ހުންނައިރު ވިސްނާލެެވޭ ކިހާބޮޑު ވޭސްޓެއްކަން. ކޮފީއަށް ނާރައިވެސް ފަރުޖައްސާލެވިދާނެކަން، އެކަމަކު އެންމެން އެކީ އެ ދިމާވާ ދިމާވުން ވަރަށް މިސްވޭ،"

އޭނާވެސް ބުނީ އިގްތިސޯދު ކުރުމާއި ފަހަށް ރައްކާކުރުމަކީ ކިހާ މުހިއްމު ކަމެއްކަން މި ބަލިމަޑުކަން ދަސްކޮށްދީފި ކަމަށެވެ.

މަސައްކަތަށް ނުނިކުމެ ގޭގައި ތިބޭއިރު އެތައް ބަޔެއްގެ ވަޒީފާތައް ގެއްލި މުސާރަތައް ކުޑަކުރި އިރު، ހަރަދަށް ބެލުމުގެ މުހިއްމުކަން މި ވައިރަސް ވަރަށް ރަނގަޅަށް ދަސްކޮށްދީފި އެވެ.

ރޯދަ މަސް ނިމިގެން ދިޔައީ އެހެން އަހަރުތަކާ ހިލާފަށް ގޭގައި ތައްޔާރު ކުރާ ކާއެއްޗެހި މަދުކޮށް އިސްރާފު ކުޑަކޮށްގެންނެވެ.

އާއިލީ ވަގުތުގެ މުހިއްމުކަން

މިއީ ގިނަ މީހުން އެހާ މުހިއްމު ކަމެއް ދިން ކަމެއް ނޫނެވެ. އޮފީހުގައި ހޭދަކުރާ ވަގުތަށްފަހު ރައްޓެހިންނާއެކު ބޭރުގައި އުޅެފައި ގެއަށް ވަންނަނީ ނިދާލުމަށެވެ. އަނެއްކާވެސް ހެނދުނު ތެދުވަނީ އޮފީހަށް ދިޔުމަށެވެ. ގޭގައި އުޅޭ މީހުންނާ އާންމުކޮށް ދިމާވަނީ ހުކުރު ދުވަހަކު ނޫނީ ގޭގައި ނާސްތާ ކުރާނަމަ އެވެ. ނޫނީ ހާއްސަ މުނާސަބަތަކާ ގުޅުވައިގެން ގޭގައި ކަމެއް އޮންނަ ނަމަ، އެދުވަހަކު ގޭތެރެއިން ފެނިދާނެ މީހުންވެސް މަދެއް ނޫނެވެ.

އެކަމަކު، ކޮވިޑު އައިސް އެންމެން ގޭބަންދުކޮށްލުމާއެކު ގޭގައި ހޭދަކުރަންޖެހޭ ވަގުތު އިތުރުވެއްޖެ އެވެ. ބޭރަށް ދެވެން އޮތީ ހާއްސަ ހުއްދައެއްގެ ދަށުން ކުޑަ ވަގުތުކޮޅަކަށެވެ. މިއާއެކު، ގޭގައި، އާއިލާ އާއެކު ވަގުތު ހޭދަކުރުމަކީ ކިހާ މުހިއްމުކަމެއްކަން އެނގިއްޖެ އެވެ.

ޖޫން 17، 2016: ރަމަޝާންމަހުގެ 12 ވަނަ ދުވަހު ވެރިރަށް މާލޭގެ އެކި ހިސާބުތަކަށް މީހުން ޖަމާވެ ރޯދަ ކުރުކުރުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޭގައި މަންމަމެންނަށް އެހީތެރިވެދީ، ކޮއްކޮމެންނާއެކު ކުޅެލާ މަޖާކޮށްލުމަކީ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަން މިހާރު އިހުސާސް ވެއްޖެ އެވެ.

"ކުރިން ރޯދަމަހުގައިވެސް ވާގޮތަކީ އޮފީހުން އައިސް ޖައްސާލަނީ. ދެން ރޯދަ ވީއްލައިގެން ދަނީ ބޭރަށް. ގިނަ ވަގުތު އުޅެވެނީ ރައްޓެހިންނާއެކު. އެކަމަކު މިފަހަރު ރޯދަމަސް އެކީ މިދިޔައީ ފެމެލީ އާއެކީ. ކޮއްކޮ މެންނާއެކު ޓައިމްސް ސްޕެންޑުކޮށްލާ ރޭގަނޑު ފެމެލީ އެންމެން ކޮންމެވެސް ގޭމެއް ކުޅެލާ. އަސްލު އުފާވެރި އިހުސާސެއް މިއީ. ކުރިން ވަރަށް ނުވާ ކަންތައް،" މާލޭގައި އާއިލާއާއެކު ދިރިއުޅޭ މީހަކު ބުންޏެވެ.

ސާފުތާހިރުކަމަށް ދޭ ސަމާލުކަން އިތުރުވެއްޖެ

ކޮވިޑުން ރައްކާތެރިވުމަށް އަތް ދޮވެ، ސާފުތާހިރުކަމަށް އިސްކަން ދިނުމުގެ ވާހަކަ ޑޮކްޓަރުން ދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މި ހާލަތުގައި ޑޮކްޓަރުންގެ ބަސް އަހައިގެން، ބަލިން ރައްކާތެރިވުމަށް އަތް ދޮވުން އިތުރުވެއްޖެ އެވެ. ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެނބުރި ގެއަށް އައިސް އަތްދޮވުމާއި، ފޯނު ޑިސްއިންފެކްޓު ކުރުން، ގެއަށް ގެންނަ ސާމާނު ސާފުކުރުން ފަދަ ކަންތައްތަކަށް މިހާރު ދެވޭ ސަމާލުކަން އިތުރުވެއްޖެ އެވެ.

ގުޅުން ބަދަހި ކުރަން ފުރުސަތެއް

މި ވައިރަސް އައިސް އަހަރެމެންނަށް ބުނެދިން މުހިއްމު އެއްކަމަކީ ދުރުގައި ތިއްބަސް އެކަކު އަނެކަކުގެ ހާލު ބަލައި ގުޅުން ބަދަހި ކުރެވިދާނެކަމެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ބައްދަލުވާ ރައްޓެހިން ހަމަ ލޮލަށް ނުފެނި މަސް ދެމަސް ވެގެންދާއިރު، ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް އެންމެން އެކީ ވީޑިއޯ ކޯލެއް ނޫނީ ކޮންފަރެންސް ކޯލެއް ކޮށްލާ ގުޅުން ބަދަހި ކޮށްލެވެ އެވެ.

ހުޅުމާލޭގެ މޫދައް އެރެން ހާއްސަކޮއްފައި ވާ ސަރަހައްދުގައި ޒުވާން ކުދިންތަކެއް މޫދަށް އެރުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޮކްޑައުން އައީ ކުއްލިއަކަށް ކަމުން، ރަށުން ބޭރުގައި ނުވަތަ އާއިލާ އާއި ދުރުގައިވެސް އެތައް ބަޔަކު އެބަތިއްބެެވެ. ނަމަވެސް އެ ދުރުކަން ގާތްކޮށް، އެކަކު އަނެކަކުގެ ހާލު ބަލައި ހެދުމަކީ އުނދަގޫ ކަމެއް ނޫންކަން މި ހާލަތު ވަނީ ޔަގީންކޮށްދީފަ އެވެ.

ކޮންމެއަކަސް، ކޮވިޑްގެ ބިރުވެރިކަން ފިލައިގެން ދިޔުން ކައިރިނޫންކަން އެބަ އެނގެއެވެ. މި ބައްޔަށް އަދި ބޭހެއް ވެކްސިނެއް ހޯދިފައެއް ނެތެވެ. ނަމަވެސް މުޅި ދުނިޔޭގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި މި ނުރައްކާތެރި ވައިރަސް މިވަނީ އަހަރެމެންނަށް އެތައް ކަމެއް ދަސްކޮށްދީފައެވެ. މި ނޫނަސް ގިނަ ކަންތައްތަކެއް މިހާލަތުގެ ސަބަބުން ދަސްވެއްޖެ އެވެ.

comment ކޮމެންޓް