އިއްޔެ ފެނުނީ 43 ކޭސް، އިތުރު 10 މީހަކު ބަލިން ވަނީ ރަނގަޅުވެފައި

ސާމްޕަލް ނެގުމަށް އާރްއާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ރާއްޖެއިން ކޮވިޑް-19 ގެ ޖުމްލަ 43 ކޭސް ފެނިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. އަދި ވައިރަސް ޖެހިފައިވާ އިތުރު 10 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެ ސެންޓަރުން ހާމަކުރި އެވެ.

މިއާއެކު ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،481 އަކަށް އަރާފަ އެވެ.

އިއްޔެ އެޗްޕީއޭ އިން އެންމެ ފުރަތަމަ ހާމަ ކުރެއްވީ 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރޭ އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑރ. ނަޒްލާ ރަފިގު ވިދާޅުވީ، އެފަހުން އިތުރު 24 ކޭސް ފެނި އިއްޔެ ޖުމަލް 43 ކޭސް ފެނިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ޖުމްލަ 242 މީހަކު ވައިރަހުން ރަނގަޅުވެފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު، 787 ސާމްޕަލް ނެގުނުއިރު، 822 ސާމްޕަލްގެ ނަތީޖާ ލިބުނު ކަމަށެވެ. އަދި މިހާރު ނަތީޖާ ނުލިބި 207 ސާމްޕަލް އެބަހުރި ކަމަވެސް ނަޒްލާ ވިދާޅުވި އެވެ.

"މިހާތަނަށް ޖުމްލަ 2،038 ސާމްޕަލްއެއް ނެގިފައިވޭ،" ޑރ.ނަޒްލާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވަނީ މިއަދަށް ހަމަވާ މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދިނުމަށެވެ. ފުރަބަންދަށް ލުއި ދިން ނަމަވެސް އަދިވެސް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަކީ މަނާކަމެކެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދޭނެ ލުއިތަކުގެ ތަފްސީލު ވަނީ ދީފަ އެވެ. އެގޮތުން ކޮންމެ ގޭބީސީއަކުން ވެސް ދެ ގަޑިއިރަށް ތިން މީހަކަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ.

ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ނުކުމެވޭނީ ވަކި ވަގުތެއްގައެވެ. އެގޮތުން މާދަމާ އިން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް ފަތިހުގެ 5:00 އިން ހެނދުނު 8:00 އަށް ގެއިން ނުކުތުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ކުޑަ ކުދިންނަށް ގެއިން ނުކުމެވޭނީ ފުރަތަމަ ފިޔަވަހީގެ ދެވަނަ ހަފްތާގަ އެވެ. އެއީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން ބައެއް ވިޔަފާރިތަކާއި ބޭންކްތައްވެސް ވަކި އިންތިޒާމެއްގެ ދަށުން ވަނީ ހުޅުވުމަށް ނިންމާފަ އެވެ.

އިއްޔެ ރާއްޖެއިން 43 ކޭސް ފެނުނު އިރު، އަންގާރަ ދަވަހުވެސް ވަނީ 43 ކޭސް ފެނިފައެވެ. އެޗްޕީއޭ އިން ބުނެފައިވަނީ ދުވާލަށް 50 ކޭސް ފެނުމަކީ ފުރަބަންދަށް ލުއިދިނުމަށް ގިނަ އަދަދެއް ނޫން ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި ހާލަތު އިތުރަށް ގޯސްވާނަމަ، އަނެއްކާވެސް ފިޔަވަޅުތައް ހަރުަކަށި ކުރަން ޖެހިދާނެ ކަމަށް މިރޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ. ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެ އުޅެވޭނެ ގޮތާއި އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތު ދިނުން ފަދަ ކަންތައްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ލުއި ދިނުމުގެ މާނައަކީ، ބަލި އެއްކޮށް ރާއްޖެއިން ނައްތާލެވުމެއް ނޫން ކަމަށާއި އަދިވެސް ބަލީގެ ނުރައްކާ އޮތް ކަން ފާހަގަކޮށް މި މުއްދަތުގައިވެސް ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

އިތުރު 10 މީހަކު ވައިރަހުން ރަނގަޅުވިއިރު، މިވަގުތު ރާއްޖޭގައި މި ވައިރަހަށް ފަރުވާދޭ މީހުންގެ އަދަދަކީ، 1،232 އެވެ. ފަސް މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

comment ކޮމެންޓް