އޮފީސްތައް ހުޅުވުމުގެ ހުއްދަ ދެނީ ހަތަރު ގަޑީގެ ޝިފްޓަކަށް ފަސް މީހުންނަށް

ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: އޮފީސްތައް ހުޅުވޭނީ ހަތަރު ގަޑީގެ ޝިފްޓަކަށް ގިނަވެގެން ފަސް މީހުން މަސައްކަތް ކުރާ ގޮތަށް --- ސަން ފައިލް ފޮޓޯ

ހުރިހާ އޮފީހެއްވެސް ހުޅުވުމުގެ ހުއްދަދޭނީ ހަތަރު ގަޑީގެ ޝިފްޓަކަށް ގިނަވެގެން ފަސް މީހުންނަށް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ފުރަބަންދަށް މިއަދުން ފެށިގެން ލުއި ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުން ވަނީ ދޭނެ ލުއިތަކުގެ ތަފްސީލު ހާމަމޮށްފައެވެ.

އެ މައުލޫމާތުތައް ހާމަކުރައްވަމުން އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ލުއި ދިނުމަށް ނިންމާފައިވާ ފުރަތަމަ ފިޔަހީގައި ސަރުކާރު އޮފީސްތައް އަދި އަމިއްލަ އޮފީސްތައްވެސް ހުޅުވުމުގެ ހުއްދަ ދޭނެ ކަމަަށެވެ. ފުރަތަމަ ފިޔަވެއްސަކީ ދެ ހަފްތާގެ މުއްދަތެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ސަރުކާރު އޮފީސްތަކަށް ހުޅުވޭނީ ރައީސް އޮފީހުން ހުއްދަ ނަގައިގެން ކޮންމެެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި އަމިއްލަ އޮފީސްތައް ހުޅުވޭނީ އިކޮނޮމިކް މިނިސްޓްރީން ނަގަން ޖެހޭ ހާއްސަ ހުއްދަ ނަގައިގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ ރައީސް އޮފީހުގެ ހުއްދަ ލިބިގެން ކޮންމެހެން ދޭންޖެހޭ ބައެއް ކަހަލަ ހިދުމަތްތައް ނުވަތަ ބައެއް ކަހަލަ މަސައްކަތްތައް ނިންމަންޖެހޭ ތަންތަން ހުޅުވޭނީ. އަދި އެޗްޕީއޭއާ ކުރަން ޖެހޭ މަސައްކަތްވެސް ހިއްސާ ކުރުމަށްފަހު. އޮފީސް ހުޅުވާފައި ބެހެއްޓޭނީ ދުވާލަކު ގިނަވެގެން ހަތަރު ގަޑިއަށް. އެއްވަގުތެއްގައި ތިބެވޭނީ ފަސް މީހުންނަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އޮފީހުގައި މަސައްކަތް ކުރާއިރުވެސް ތިބެންވާނީ މާސްކް އަޅައިގެން ގައިދުރުކަން މަތީ ކަމަށެވެ. އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ކޮވިޑްގެ ނުރައްކާ ބޮޑު މީހުންނަށް އޮފީހަށް ނުނިކުމެވޭނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އަމިއްލަ އޮފީސްތަކުގައި ހަތަރު ގަޑިއަށް ޝިފްޓް ބަހަލައިގެންވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އަމިއްލަ އޮފީސްތަކުގައިވެސް މަސައްކަތްކުރަން ވަނީ ގިނަވެގެން އެއްވަގުތެއްގައި ފަސް މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ، ފުރަބަންދަށް ލުއި ދޭއިރު، ކޮންމެ ގޭބީސީއަކުން ތިން މީހުންނަށް ދެގަޑިއިރަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށެވެ. މީގެ އިތުރުންވެސް އެހެން ބައެއް ލުއިތަކެއް ފުރަތަމަ ފިޔަވަހީގައި ވަނީ ދިނުމަށް ނިންމާފައެވެ. އެގޮތުން ބައެއް ވިޔަފާރިތަކާއި ބޭންކްތައްވެސް ވަކި އިންތިޒާމެއްގެ ދަށުން ވަނީ ހުޅުވުމަށް ނިންމާފައެވެ.

ފުރަތަމަ ފިޔަވަހީގައި ހާލަތު އިތުރަށް ގޯސްވާނަމަ، އަނެއްކާވެސް ފިޔަވަޅުތައް ހަރުަކަށި ކުރަން ޖެހިދާނެ ކަމަށް މިރޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެ އުޅެވޭނެ ގޮތާއި އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުން ފަދަ ކަންތައްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލުއި ދިނުމުގެ މާނައަކީ، ބަލި އެއްކޮށް ރާއްޖެއިން ނައްތާލެވުމެއް ނޫން ކަމަށާއި އަދިވެސް ބަލީގެ ނުރައްކާ އޮތް ކަން ފާހަގަކޮށް މި މުއްދަތުގައިވެސް ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް