ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 3 ވަނަ ފަހަރަށް އިތުރުކޮށްފި

އޭޕްރީލް 9، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން 3 ވަނަ ފަހަރަށް އިތުރުކުރައްވައިފި އެވެ.

ހެލްތު މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވަނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 29 ޖޫންގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

ގަރާރުގައި ވިދާޅުވީ، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރެއްވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށެވެ. އަދި އެ ނުރައްކާ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރީ މިދިޔަ މާޗް 12 އިން ފެށިގެން 30 ދުވަހަށެވެ.

މާލޭ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 15ގައިއެވެ. އެ ފަހުން މާލޭ ސަރަހަައްދު ލޮކްޑައުން ކުރުމަށް ފަހު، ފުރަތަމަ ފަހަރަށް ލޮކްޑައުންއަށް ލުއި ދޭން މިއަދު ވަނީ ނިންމައިފައެވެ. ލުއި ދެނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

comment ކޮމެންޓް