ނިއު ނޯމަލް: ފަސިންޖަރުން ތިބެންވީ ޓެކްސީގެ ފަހަތު ސީޓުގައި

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތްތަނުގައި ޓެކްސީތަކުގައި ފަސިންޖަރުން ދަތުރު ކުރުން އެންމެ ރައްކާތެރީ ފަހަތު ސީޓުގައި ތިބެގެން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުއި ދިނުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ލޮކްޑައުންއަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ދޫކޮށްފައި ހުރި ޕާމިޓްތަކަށް ވުރެ ގިނައިން ޓެކްސީކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށެވެ.

ޓެކްސީއަކީ ވަރަށް ބަންދުވެެފައި ވަރަށް ކައިރި ކައިރީގައި މީހުން ތިބޭ ތަނަކަށް ވާތީ ބަލި ޖެހިފައި ތިބި މީހުން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ޓެކްސީއަކަށް އަަރައިފިއްޔާ އެތަނުގައި ބަލި ހަރުލާފައި ހުންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޖެނުއަރީ 29، 2020: ވެލާނާ އެއާޕޯޓްގައި ޓެކްސީތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ފަސިންޖަރުންނާއި ޑްރައިވަރުން ޖެހޭނީ މާސްކު އަޅައިގެން ތިބެން ކަމަށެވެ. އަދި ފަސިންޖަރުންނަށް ތިބެވޭނީ ފަހަތު ސީޓުގައި ކަމަށާއި، ޑްރައިވަރު ސީޓާއި ފަހަތު ސީޓާ ދެމެދު ޕާޓިޝަނެއްވެސް ޖަހަންވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ފަސެންޖަރުންނާއި ޑްރައިވަރުންވެސް މާސްކު އަޅުއްވަން ޖެހޭނެ. ފަސެންޖަރުންނަށް ތިބެވޭނީ ހަމައެކަނި ފަހަަތު ސީޓުގައި. ދެން ކުރިއަށް އޮތް ތަނުގައި ޑްރައިވަރު ސީޓާއި ފަހަތު ސީޓާ ދެމެދުގައި ޕާޓިޝަނެއްވެސް ޖަހަންވާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޮންލައިންކޮށް ޓެކްސީއަށް ފައިސާ ދެއްކޭނެ ގޮތް ޓެކްސީގައި ހަދަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޓެކްސީތަކުގެ ކުޑަދޮރުތައްވެސް ހުޅުވާފައި ބަހައްޓަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވައްސަކީ މާދަމާއިން ފެށިގެން ދެ ހަފްތާ އެވެ. އޭގެ ފަހުން އަންނަ ދެ ހަފްތާ އަކީ ދެވަނަ ފިޔައްސެވެ.

comment ކޮމެންޓް