ނިއު ނޯމަލްއަށް ތައްޔާރުވުމަށް ކުލަބުތަކާ އެކު މަޝްވަރާ ކޮށްފި

ނިއު ނޯމަލްއަށް ތައްޔާރުވުމަށް ކުލަބުތަކާ އެކު އެފްއޭއެމުން މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުން --- ފޮޓޯ: ޓްވިޓާ

ފަސޭހަ ކަމާ އެކު ފެތުރޭ ނުރައްކާތެރި ކޮވިޑް-19 ރޯގާއާ އެކު ދިރިއުޅެން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާ އެކު އެފްއޭއެމުން މަޝްވަރާ ކޮށްފި އެވެ.

މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެފްއޭއެމުން ވަނީ މިިދިޔަ ސީޒަނުގެ ފަހު ދެ މުބާރާތް ކެންސަލްކޮށް އަވަހަށް ސީޒަން ނިންމާލައިފަ އެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރޭތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ.

ކުރިން މަޝްވަރާކުރެވިފައި އޮތް ގޮތަށް ބަލާއިރު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން ޝެޑިއުލްކުރީ އަންނަ މަހަށެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީވެ، ސިއްހީ މާހިރުންގެ ދޭ ލަފާތަކަށް ބެލުމަށް ފަހު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖޫން މަހު ފުޓްބޯޅަ ސީޒަން ނުފަށާނެ އެވެ.

ނަމަވެސް މި ވައިރަސް އެއްކޮށް ނައްތާލެވޭނީ ކިހާ ދުވަހަކުން ކަމެއް ނޭނގޭތީ ވައިރަހާ އެކު ވެސް ދިރިއުޅެން މިހާރު ވަނީ މަޖުބޫރުވެފަ އެވެ. އަދި ސަރުކާރުން ވެސް މިހާރު އަންނަނީ ފުރަބަންދަށް ލުއިތަކެއް ދެމުންނެވެ.

އެގޮތުން މޮނީޓަރިންގްގެ ހާލަތުގައި ނެތް ރަށްރަށުގައި ކުޅިވަރު ދަނޑުތައ ބޭނުން ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ. އަދި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް "ނިއު ނޯމަލް" އަކަށް ދިރިއުޅުން ބައްޓަންކޮށް ކުޅިވަރުތައްް ފަށަމުންދާތީ ރާއްޖޭގައި ވެސް އެކަން ކުރެވެން ހުރި ގޮތްތައް ބެލުމަށް މިހާރު ވަނީ މަޝްވަރާތައް ފަށައިފަ އެވެ.

އެގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްވެ އެ އިދާރައިގެ ބައެއް ސީނިއާ އިސްވެރިން މިރޭ ވަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބުތަކާ މަޝްވަރާކޮށް ނިއުނޯމަލްއެއްގައި ފުޓުބޯޅަ އަލުން ފެށޭނެ ގޮތްތަކަކާ މެދު މަޝްވަރާ ކޮށްފަ އެވެ.

މީގެ އިތުރުން ދާދި ފަހުން ފުޓުބޯޅަ ޓީމުގެ ކޮމިއުނިޓީއާ އެކު އަލުން ޕްރެކްޓިސްތަށް ފެށޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ކުޅިވަރާ ބެހޭ ވަޒީރު ވެސް ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން ވަނީ އެހެން ގައުމުތަކަށް ދޭ އެހީތެރިކަން ރާއްޖެ އަށް ވެސް ފޯރުކޮށްދޭން ނިންމައިފަ އެވެ. އެފްއޭއެމުން ވަނީ ފުޓްބޯޅަ އާއިލާގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވާން އެ އިދާރާއިން ކުރެވޭނެ ކަންތައްތައް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް