އީޕީއެލް: ކޮންޓެކްޓް ޓްރެއިނިން ބޭއްވުމަށް ކުލަބުތަކުން ވެސް ތާއީދު

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން ކޮންޓެކްޓް ޓްރެއިނިންގްއަށް ތާއީދު --

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކަށް ކުޅުންތެރިންގެ ގްރޫޕްތަކުގައި، އެކަކު އަނެކަކާ ގާތްވެގެން ޕްރެކްޓިސް ކުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދިނުމުން ކުލަބުތަކުން ވެސް އެކަމަށް ތާއީދު ކޮށްފި އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ މި މަހުގެ ކުރީކޮޅު ދީފައިވާ އިރު އިނގިރޭސި ކުލަބުތަކަށް ވެސް މިހާރު ވަނީ އެ ފުރުސަތު ދީފަ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން މިދިޔަ ހަފުތާގައި ނެރުނު ގައިޑްލައިންގައި ބުނެފައިވަނީ މީގެ ކުރިން ކުޅުންތެރިން ވަކި ވަކިން ފަރިތަކުރުން އަންގާފައި އޮތް ނަމަވެސް ދެވަނަ ސްޓޭޖެއްގެ ފަރިތަކުރުންތައް ކުލަބުތަކަށް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެކަމަކު ޕްރެކްޓިސްތަކަށް ނިކުތުމުގެ ކުރިން ކުޅުންތެރިންނާއި އޮފިޝަަލުން ޓެސްޓް ކުރި އިރު ޖުމުލަ ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ބައެއް ކުލަބުތަކާއި، ކުޅުންތެރިން ވަނީ ޕްރެކްޓިސްއަށް ނުކުންނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް ޕޮޒިޓިވްވާ ކުޅުންތެރިންނާއި އޮފިޝަލުން ކަރަންޓީންކޮށް ސަރުކާރުން ކަނޑައަޅާ މުއްދަތު ހަމަވުމުން އެހެން ކުޅުންތެރިންނާ އެކު ޕްރެކްޓިސްތަކުގައި ބައިވެރިވާ ގޮތަށް ކުލަބުތަކުން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ނެރުނު ގައިޑްލައިންގައި ވާގަޮތުން ޓީމް ޓްރެއިނިންގްތައް ކުރިއަށް ގެންދިއުމުގައި ތިން ސްޓޭޖެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ފުރަތަމައިން ފަށާއިރު 2-3 ކުޅުންތެރިންގެ ގްރޫޕުތަކުން ފަރިތަކުރުން ފަށާއިރު އެއަށްފަހު ހަތަރު ކުޅުންތެރިންނާއި 12 ކުޅުންތެރިންނަށް އިތުރު ކުރެވޭނެ އެވެ.

އަދި އެ އަދަދަށް ފަރިތަކުރުންތައް މައްސަލައެއް ނުޖެހި ގެންދެވިއްޖެ ނަމަ ފުލް ޓީމް ޓްރެއިނިންގް ހެދުމަށް ހުއްދަ ލިބޭނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ފަރިތަކުރުންތައް ނިމުމަށްފަހު ބޭރުތެރޭގައްޔާއި، އެހެން ހުރިހާކަމެއްގައި ސޯޝަލް ޑިސްޓެންސް ބަހައްޓަން ޖެހޭ ކަމަށް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.

މިހާރު މަޝްވަރާ ކޮށްފައިވާ ގޮތުން ނަމަ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށާނީ އަންނަ މަހުގެ 12 ނުވަތަ 13 ވަނަ ދުވަހު އެވެ. އެކަމަކު ހާލަތަށް ބަލައި އެއަށްވުރެން ފަސްކުރަން ޖެހޭ ނަމަ އެކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް