މާދަމާ އިން ފެށިގެން ފިހާރަތައް ހުޅުވުމުގެ ހުއްދަދީފި

ތިން ރަށެއްގައި އަލަށް އަޅާ ހެލްތު ފެސިލިޓީސްތައް އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު އަމީން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާދަމާ އިން ފެށިގެން ފުރަބަންދަށް ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުމާއި މިހާރަށް ވުރެ ގިނަ ވަގުތު ބޭރުގައި އުޅެވޭނެ އުސޫލުތަކެއް ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެ އުޅެވޭނެ ގޮތާއި އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުން ފަދަ ކަންތައްތަކަށް ކަމަށެވެ. އަދި ވިޔަފާރި ކުރުމަށް ލިބޭނެ ޖާގަ ދިނުމާއި މާލޭ ސަރަހައްދުގައި ދަތުރުފަތުރު ކުރުމަށް ލިބޭ ލުއިތަކާއި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ދަތިތަކަށް ވެސް ލިޔެއްދޭން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

މާދަމާ އިން ފެށިގެން ދެވޭ ލުއިތައް

1. ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާ އެކު ގޭބިސީތަކުން ނުކުމެވޭ އަދަދު އިތުރު ކުރެވި، އަދި ބޭރުގައި ހޭދަކުރެވޭ ވަގުތު އިތުރު ކުރެވޭނެ.

2. ބޭރަށް ނުކުމެ އުޅޭއިރު، ބޭރުގައި އުޅޭނެ ޒޯނުތައް އިތުރު ކުރެވިގެންދާނެ.

3. ސުޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް، އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ. މޮބައިލް ފޯނު ފިހާރަ، އިލެކްޓޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅިވަރު ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ހުޅުވޭނެ.

4. ޑެލިވަރީ ސާވިސް، އޮޓޯ މޮބައިލް، އިލެކްޓްރޯނިކްސް ރިޕެއާ، ވޯކްޝޮޕް ޚިދުމަތް، ހުޅުވާނެ.

5. މަސްމާރުކޭޓުވެސް މާދަމާ އިން ފެށިގެން ހުޅުވޭނެ.

6. ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، އަދި ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ޚިދުމަތް ހުޅުވޭނެ

7. ފުރަތަމަ ހަފްތާގައި ރެސްޓޯރަންޓު އަދި ކެފޭތަކުން ދެވޭނީ ޑެލިވަރީގެ ޚިދުމަތް. އަދި ދެވަނަ ހަފްތާ އިން ފެށިގެން ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނެ.

8. ފްލޫ ކްލިނިކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ހުއްދަ ދެވޭނެ.

9. ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައެއް ނެތް. އެހެންނަމަވެސް ހުއްދަ ލިބޭ ވަރަކަށް އެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ.

10. އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާ އެކު އަމިއްލަ އޮފީސްތަކަށް ޚިދުމަތްދެވޭނެ ގޮތްތައް އިއުލާން ކުރެވިގެންދާނެ

11. ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ވެސް ޚާއްސަ ހުއްދައެއް ދެވޭނެ.

ލުއި ނުދެވޭ ކަންކަން

1. ސްކޫލްތައް ހުންނާނީ އަދިވެސް ބަންދު ކުރެވިފައި. ސަރުކާރުގެ އޮފީސްތަކާއި ސެލޫންތަކާއި ޖިމްތައް ހުޅުވުމުގެ ހުއްދަވެސް އަދި ނުދެވޭނެ

2. އެއްރަށުން އަނެއް ރަށަށް ދަތުކުރު ކުރުމުގެ ހުއްދައެއް ނުދެވޭނެ

3. ޕާކްތަކައި ބީޗް ފަދަ ތަންތަން ފުރަތަމަ ދެ ހަފްތާގައި ހުޅުވިގެން ނުދާނެ

4. މާލޭ ސިޓީގެ މިސްކިތްތައް ހުޅުވުމުގެ ހުއްދަ އަދި ނުދޭނެ

comment ކޮމެންޓް