ކޮވިޑް ފެތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށް ކުރެވިއްޖެ: އަމީން

30 އެޕްރީލް 2020: ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިކަން އިއުލާން ކުރުމަށް ބޭއްވި ޕްރެސްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން: އިހުމާލެއް އޮތް ނަމަ، ބަލާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ އެންއީއޯސީ

ކޮވިޑް ފެތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށް ކުރެވިއްޖެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީން ވަނީ ރާއްޖޭގައި ބަލި ފެތުރޭ ނިސްބަތް އަދި ކޮންޓެކްޓުންގެ އަދަދު ދަށްކުރެވިފައިވާކަމަށް އިއުލާންކުރައްވާފަ އެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ބަލި ފެތުރޭ ނިސްބަތް މިވަނީ ދަށްކުރެވިފައި. އެކަކުގެ ކިބައިން އަނެކަކުގެ ގަޔަށް ބަލި ފެތުރޭ ނިސްބަތް 3.8 އިން 1.4އަށް ވަނީ ދަށްކުރެވިފައި،" އަމީން ވިދާޅުވިއެވެ.

"އެކަކު އަނެކަކާއި ބައްދަލުވާ މިންވަރު 33 މީހުންނާއި ހިސާބުން ހަ މީހުންނަށް ވަނީ ތިރިކުރެވިފައި،"

މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖެއިން އަލަށް ފެންނަ ކޮވިޑް-19 ގެ ކޭސްތައްވެސް ވަނީ ނިސްބަތުން މަދުކުރެވިފައެވެ. ބަލީގެ އަލާމާތްތައް ހުރި އަދި ފްލޫ ކްލިނިކުން ބައްޔަށް ޓެސްޓުކުރެވޭ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ތިރިކުރެވިއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ބަލި ފެތުރުނު ގޮތާ ޚިލާފަށް މިހާރު ކްލަސްޓާ ތަކާއި ގުޅުމެއް ނެތް ކޭސްތައް ނުވަތަ އިންޑިޕެންޑެންޓް ކޭސްތައް ފެންނަ މިންވަރުވެސް މަދުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހިސާބަށް އަޅުގަނޑުމެންނަށް މި އާދެވުނީ ބަލިން ރައްކާތެރިވުމަށްޓަކައި އެޅުނު މުހިންމު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މި ހިސާބަށް ރާއްޖެ އައުމުގެ ފަހަތުގައި އެތައް މަސައްކަތްތަކަކާއި، ފިޔަވަޅުތަކާއި އަދި ނިންމުންތަކެއްވެ އެވެ. އެގޮތުން ރާއްޖެ މިހާރު މި އޮތް ހިސާބަށް އައުމަށްޓަކައި ސަރުކާރުން އިސްނަގައި ދުރާލާ ރޭވުނު ރޭވުންތަކާއި ވެވުނު ތައްޔާރީތައް އަދި މަޝްވަރާތަކުގެ އިތުރުން އެޅުނު އަވަސް ފިޔަވަޅުތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުންވެސް ނިންމުންތައް ނިންމުމުގައި ޑޮކްޓަރުންނާއި ފަންނީ ބޭފުޅުންގެ ލަފާ އިސްކޮށް، ދުނިޔޭގެ ތަޖުރިބާއިން މިސާލު ނެގުމުގެ ސަބަބުން ކޮވިޑް-19 ގެ ބޮޑު ނުރައްކަލަކުން ގައުމު ސަލާމަތްކުރެވިފައިވާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އާދެ، ކޮވިޑުގެ ބަލިމަޑުކަން، ބޮޑު ރާޅަކަށް ބަދަލުނުވެ، ކުއްލި ސިހުމާއެކު އެތައް ފުރާނައެއް އަޅުގަނޑުމެންނާ ބީވެގެން ނުދިޔައީ އިސްވެ ދެންނެވި މަގުން އަޅުގަނޑުމެން ތައްޔާރުވީމައި. ހަމަ އެހެންމެ ވަރުބަލިކަމެއް، ފޫހިކަމެއް އަދި ފަހަތަށް ޖެހުމެއް ނެތި އެތައް ބަޔަކު ކުރި ބުރަ މަސައްކަތް އަދި ހަމަ އެހެންމެ އުނދަގުލާއި ދަތީގައި ދިވެހި ރައްޔިތުން ދެއްކެވި ކެތްތެރިކަމުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް