ޓްރަމްޕަކީ މޮޔައެއް ކަމަށް އެމެރިކާގެ ރިޔާސީ އިދިކޮޅު ކެންޑިޑޭޓް ޖޯބައިޑެން ސިފަކުރައްވައިފި

ބައިޑެން އާއި އޭނާގެ އަނބިކަނބަލުން މެމޯރިއަލް ޑޭ ގެ މުނާސަބަތުގައި މާބޮޑިއެއް ބޭއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނީ

ވޮޝިންޓަން (27 މޭ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މޮޔައެއް ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޖޯ ބައިޑެން ސިފަ ކުރައްވައިފި އެވެ.

އެމެރިކާގައި ފާހަގަކުރާ މެމޯރިއަލްޑޭ އާ ގުޅިގެން ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑެން ވިދާޅުވީ މޮޔައެއް ކަމަށް ހެދިގެންއުޅެނީ ޓްރަމްޕް އަމިއްލައަށް ކަމަށާ އެމެރިކާގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ އެހެންމީހުންވެސް ޓްރަމްޕްގެ އަމަލުތަކަށާއި އޭނާ އުޅުއްވާގޮތަށް ޖޯކުޖަހައި މަލާމާތް ކުރަމުން ގެންދާކަމުގައެވެ.

ކޮރޯނާ ވައިރަސް ނުރައްކާތެރި މިންވަރަކަށް އެމެރިކާގައި ފެތުރެމުންދާ މިދަނޑިވަޅުގައި ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމަށް އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ތަޖްރިބާކާރުން ލަފާދެއްވާފައިވާއިރުވެސް މާސްކް އަޅަން ދެކޮޅު ހައްދަވައި އެ ރޯގާއަށް ގޮންޖައްސަވާގޮތަށް ޓްރަމްޕްގެ އަމަލުތައް ބެހެއްޓުމަކީ ލަދުވެތި ކަމެއްކަމަށާ އެއީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އުޅުއްވަން ޖެހޭގޮތް ނޫންކަމަށް ބައިޑެން ވިދާޅުވިއެވެ.

މެމޯރިއަލް ޑޭގެ ރަސްމިއްޔާތުގައި ޓްރަމްޕް މާސްކް ނާޅުއްވައި

ވައިޓް ހައުސްގައާއި ނޫސް ކޮންފަރެންސްތަކުގައާ އަދި ރަސްމިއްޔާތު ތަކުގައިވެސް ޓްރަމްޕް އުޅުއްވަނީ މާސްކް ނާޅުއްވައެވެ. މިގޮތަށް ޓްރަމްޕް އުޅުއްވާއިރު އެއިން ޓްރަމްޕް އަންގަވަން ބޭނުންވަނީ އޭނާއަކީ ކޮވިޑް-19 ގެ ވައިރަސް ޖެހޭވަރަށްވުރެ މާވަރުގަދަ ބޭފުޅެއްކަން ކަމަށާ ނަމަވެސް އެއީ ގައުމުގެ އިސްވެރިޔާގެ ހައްޘިއްޔަތުން ދައްކަވާ ގޯސް ނަމޫނާއެއްކަމަށް ބައިޑެން ސިފަ ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

މެމޯރިއަލްޑޭ ފާހަގަ ކުރުމަށް ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތުގައި ބައިޑެން ހުންނެވީ ސީޑީސީ ގެ ތަޖްރިބާކާރުންގެ ލަފައާއި އިރުޝާދާ އެއްގޮތަށް މާސްކް އަޅުއްވައިގެންނެވެ. ނަމަވެސް އެ ރަސްމިއްޔާތުގައިވެސް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވީ މާސްކް ނާޅުއްވައެވެ.

ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލް ކުރުމުގެ ކަންކަން މެނޭޖް ކުރުމުގައި ޓްރަމްޕް ގެ ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް އިދިކޮޅު ޑިމޮކްރެޓިވް ޕާޓީންވަނީ ތުހުމަތުކޮށްފައެވެ. ކޮވިޑް-19 އާ އެކު އެމެރިކާގެ އިގްތިސާދީ ހަރަކާތްތައް ދިގުމުއްދަތަކަށް ހުއްޓި 34 މިލިޔަން މީހުންގެ ވަޒީފާ ގެއްލި އެތަށް ވިޔަފާރިއެއް ބަނގުރޫޓް ވެފައިވާއިރު ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގައިވަނީ އޭނާގެ ވެރިކަމުގައި މިހާތަނަށް ދަށަށް ނުދާ މިންވަރަށް ދަށަށްގޮސްފައެވެ.

ޓްރަމްޕްގެ މަގްބޫލުކަމަށްވުރެ ބައިޑެން ގެ މަގްބޫލުކަން 4 ޕޮއިންޓް މަތީގައި އުޅޭކަން އެމެރިކާގައި އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ސާވޭއިންވަނީ ހާމަވެފައެވެ. މެމޯރިއަލްޑޭ އަކީ އެމެރިކާގެ ސިފައިންގެ ޚިދުމަތުގައި އުޅެނިކޮށް މަރުވެފައިވާ މީހުންގެެ ހަނދާން އައުކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް