ރައްކާތެރިކަމާއެކު ބޭރުގެ ދަތުރުތައް އަލުން ފެށުމަށް އަލީ ވަހީދު ކޮމަންވެލްތަށް ގޮވާލައްވައިފި

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްކާތެރިކަމާއެކު ބޭރުގެ ދަތުރުތައް އަލުން ފެށުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޮމަންވެލްތަށް ގޮވާލައްވައިފިއެެވެ.

ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށާއިި ދަރަންޏަށް ކުރާ އަސަރާ ގުޅޭ ގޮތުން ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔެއަށް ދިމާވި ފައިނޭންޝިއަލް ކްރައިސިސްތަކާ އަދި ސުނާމީގައި ލިބުނު ގެއްލުންތަކަށް ވުރެ މިފަހަރު ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ބޮޑުވާނެ ކަމަށެެވެ.

ރާއްޖެއަކީ ފަތުުރުވެރިކަމަށް ބިނާވެފައި އޮންނަ ގައުމަކަށް ވެފައި އިގްތިސާދަށް މިހާރުވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މި ކާާރިސާއާ ގުޅިގެން ރައްޔިތުންގެ ދިފާއުގައި ރިސޯޓް ޓޫރިސްޓް ހޮޓާ އަދި ގެސްޓު ހައުސްތައް ހިމެނޭގޮތަށް ފަތުރުވެރިކަމުގެ އެކި ވަސީލަތްތައް މިވަގުތު ބޭނުންކުރަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަމުގެ ދާއިރާ އަލުން ހުޅުވާލުމުގެ ގޮތުން ރައްކާތެރިކަމުގެ އުސޫލުތައް މިހާރު އެކުލަވާލަމުންދާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

އެހެންނަަވެސް ފަތުރުވެރިކަން އަލުން ފަށައިގަތުމުގައި ޖެހުންތައް ހުރިކަން ފާހަގަކުރައްވައި އެކަމުގައި ކޮމަންވެލްތުގެ އެހީއަށް މިނިސްޓަރު ވަނީ އެދިވަޑައިގަތެވެ. ހަމައެހެންމެ ދޭދޭ ގައުމުތަކުގެ މެދުގައި ދަތުރުފަތުރުތައް ފެށުމުގެ އުސޫލުތައް އެކުވަލާލުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކުން މިހާލަތު އަރައިގަތުމަށް ދަތުރުފަތުރު ކޮންމެހެންވެސް މުހިންމު ކަމަށާއި އަދި ރައްކާތެރިކަމާއެކު އަލުން ދަތުރުފަށަން މިނިސްޓަރު ވަނީ ބާރުއަޅުއްވައިފައެވެ.

comment ކޮމެންޓް