ރައީސް ނަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމްއާ އެކު -- ފައިލް ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި، ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި އިންނެވުމަކީ އިންސާފެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމިއްލަ ފަރާތަކުން ހުށަހަޅައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް ރައީސް ނަޝީދު އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވާ ހިއްސާ ކުރެއްވި ނޯޓެއްގައި ވިދާޅުވީ، ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށް އެ ނޯޓުގައި އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

އެކަމާ ގުޅިގެން އަމިއްލަ މީހަކު ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ވަނީ ނަޝީދު އެގޮތަށް ވިދާޅުވުމަކީ ޖުޑިޝަރީ އާއި ތަހުގީގީ އިދާރާތަކާ މެދު އޮންނަ ކަރާމާތް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް އެ ކޮމިޝަންގެ މެމްބަރަކު ކުރެއްވުމަކީ އެ ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ މިންގަނޑާ ހިލާފް ކަމެއް ކަމަށްވެސް އެ ސިޓީގައިވެ އެވެ.

އެހެންކަމުން، ނަޝީދާ މެދު ފިޔަވަޅު އަޅަން މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށާއި ކަމާބެހޭ އިދާރާތަކަށް ފޮނުވައިދޭން އެދޭ ކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަށް އެޑްރެސްކޮށް ފޮނުވާފަައިވާ އެ ސިޓީގައިވެ އެވެ.

ރައީސް ނަޝީދަކީވެސް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެކެވެ. މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާހާ ހިނދަކު އެމަނިކުފާނު ޖޭއެސްސީގައި އިންނަވާނެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީން އެކަނި ޖަލުގައި ބޭންދުމުގައި އިންސާފެއް ނުވިސްނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި ފަހުން، މަޖިލީހުން މެންބަރަކު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު އޮތް ހިސާބެއް ބަލަން މައްސަލަ ވައްދައިފަ އެވެ. އެ މައްސަލަ މަޖިލީހުގެ ދެ ކޮމިޓީއަކުން ގުޅިގެން މިހާރު އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ހުށަހަޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު އެވެ.

comment ކޮމެންޓް