ސީޝެލްސްގެ އެއާޕޯޓާއި ބީޗުތައް އަންނަ ހަފްތާގައި ހުޅުވާލަނީ

ސިޝެލްސްގެ ގޮނޑުދޮށެއް --

ސީޝެލްސްގެ އިންޓަނޭޝަނަލް އެއާޕޯޓު އަންނަ ހަފްތާ އިން ފެށިގެން ޕްރައިވެޓް ޖެޓުތަކުގައްޔާއި ޗާޓާޑް ފްލައިޓުތަކުގައި އަންނަ ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފިއެވެ.

އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ނިންމާފައިވަނީ އެއާޕޯޓު ފުރަތަމަ ހުޅުވާލާއިރު ހަމައެކަނި ޕްރައިވެޓް ޖެޓްތަކަށާއި ޗާޓާޑް ފްލައިޓުތަކަށް ހުޅުވާލުމަށެވެ.

ޓޫރިޒަމަށް ބަރޯސާވާ ސީޝެލްސްގެ ޕަބްލިކް ހެލްތު ކޮމިޝަނަތު ޖޫޑް ޖީޑޮން ވިދާޅުވީ ފަތުރުވެރިންނަށް ހުޅުވާލި ނަމަވެސް، ރައްކާތެެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިން ތިބޭނީ ވަކި ކްރައިޓީރިއާ އެއް ހަމަވާ ފެސިލިޓީސްތަކެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަތުރުވެރިން ތިބޭނީ ރިސޯޓުގައި، އިތުރު ތަނަކަށް ނުދެވޭނެ. ސީޝެލްސް އަށް އައުމުގެ 48 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓު ހަދަން ޖެހޭނެ. ސީޝެލްސް އަށް އައުމަށްފަހުވެސް އެއާޕޯޓުގައި ރެޕިޑް ޓެސްޓު ކުރެވޭނެ. ރިސޯޓުތައް ހުޅުވާލިޔަސް، ގިނަ ފިޔަވަޅުތަކެއް ހުންނާނެ ނެގިފައި،" ޖޫޑް ވިދާޅުވިއެވެ.

ނިއު ނޯމަލްއަށް ތައްޔާރުވުމަށް ކަންކުރަންވީ ގޮތާ ބެހޭ މައުލޫމާތު ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށް ޖޫޑް ވިދާޅުވިއެވެ.

ހުޅަނގު އިންޑިއާ ކަނޑުގައި އޮންނަ ސީޝެލްސް އަކީ 115 ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ. މިހާތަނަށް ކޮވިޑް19 އިން ސަލާމަތްވެ އަދި އެ ބަލި ނައްތާލެވިފައިވާ ކަމަށް އިއުލާނުކުރި ގައުމުތަކުގެ ތެރޭގައި ސީޝެލްސް ހިމެނެއެވެ.

އެގައުމުން 11 މީހަކު ޕޮޒިޓިވްވި އިރު އެ ހުރިހާ އެންމެންވެސް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދިވެސް 90 މީހަކު ކަރަންޓީނު ފެސިލިޓީތަކުގައި އެބަތިބި ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ސީޝެލްސްގެ ޕަބްލިކް ހެލްތު ކޮމިޝަނަރު ވަނީ ގައުމުން ބޭރުގައި ތިބި ސިޝެލްސްގެ ރައްޔިތުންގެ ތެރެއިން ބަލި ފެތުރޭ ގައުމުތަކުގައި ތިބި ރައްޔިތުން އެނބުރި ގައުމަށް ނައިސް މަޑުކޮށްލުމަށް އެދިފައެވެ. އޭނާ އެދިލައްވާފައިވާނީ އެމީހުން ތިބި ގައުމުތަކުގައި ބަލީގެ ހާލަތު ރަނގަޅުވަންދެން އެ ތިބި ގައުމެއްގައި މަޑުކޮށްލުމަށެވެ.

ސީޝެލްސްގެ އެއާޕޯޓު ހުޅުވާލާއިރު، ސިވިލް އޭވިއޭޝަނުން ވަނީ އެއާޕޯޓުގައި ތާމަލް ކެމެރާތައް ހަރުކޮށް ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް