އުރީދޫއިން އެންޑީއެމްއޭއަށް އިންޓިއުބޭޝަން ފޮށިތަކެއް

އުރީދޫގެ ފަރާތުން އެންޑީއެމްއޭ އަށް ވަނީ 50 އިންޓިއުބޭޝަން ފޮށި ހަވާލުކޮށްފައި --- ފޮޓޯ: އުރީދޫ

ކޮވިޑް-19 އަށް ޓެސްޓުކުރާއިރު ޑޮކްޓަރުންނާއި ނަރުހުންގެ ރައްކާތެރިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އިންޓިއުބޭޝަން ފޮށިތަކެއް އުރީދޫގެ ފަރާތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފިއެވެ.

އުރީދޫއިން މިއަދު ބުނެފައިވަނީ ކޮވިޑް-19 ޓެސްޓުކުރާ ފަރާތްތަކަށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ 50 އިންޓިއުބޭޝަން ފޮށި އެންޑީއެމްއޭއާ ހަވާލުކޮށްފައިވާނެ ކަމަށެވެެ.

އުރީދޫއިން އިތުރަށް ބުނެފައިވަނީ އެތަކެއްޗަކީ ޓައިވާންގެ އިނޮވޭޝަނެއް ކަމަށެވެ. އަދި ސިއްހީ ދާއިރާގެ މާހިރުންގެ ގައިޑްލައިންގެ ދަށުން އިންޓިއުބޭޝަން ފޮށިތައް އިތުރަށް މޮޑިފައިކޮށްފައިވާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

އިންޓިއުބޭޝަން ފޮށިތައް ވީހާވެސް އަވަހަކަށް ހޮސްޕިޓަލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ޑިޒައިން އަދި ޑިވެލޮޕްމެންޓުގެ މަސައްކަތް ކުރާނީ މެޓަލް ސައިންސް ޕްރައިވެޓް ލިމިޓެޑްއިންނެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ޓެސްޓް ކެޕޭސިޓީ ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެކި ފަރާތްތަކާ ގުޅިގެން ރާއްޖެއަށް ޓެސްޓް ކިޓު ގެނައުމުގެ މަސައްކަތް ރާއްޖެއިން ކުރާއިރު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ރާއްޖެއަށް ޓެސްޓް ކިޓު ފޯރުކޮށްދެމުންނެވެ. އިއްޔެވެސް ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް 5،000 ޓެސްޓް ކިޓު ފޯރުކޮށްދީފައެވެ.

ރާއްޖެއިން މިހާރު ކުރާ ޓެސްޓުތަކަށްޓަކައި މިހާތަނަށް 20،000 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ.

comment ކޮމެންޓް