ބަނޑަށް ދަރިިފުޅު މަރުވުން؛ ޑޮކްޓަރަށް ނުދެއްކި ދޮޅުމަސް

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ށ. ނަރުދޫއަކީ މާލެއިން ބޭރުން އެންމެ ގިނަ ކޮވިޑް-19ގެ ކޭސްތައް ފެނުނު އެއް ރަށެވެ. އެހެންވެ، މިދިޔަ މަހު 16 ވަނަ ދުވަހުން ފެށިގެން އެ ރަށް އޮތީ އަރާ ފޭބުން މަނާކޮށް، ފުރަބަންދުގެ ހާލަތުގަ އެވެ.

އެ ހާލަތުގައި އޮތް ނަރުދޫއިން މިދިޔަ ހޯމަ ދުވަހު ފެންމަތިވީ މައްސަލައަކީ، ސިއްހީ ފަރުވާ ނުދެވި އެރަށުގެ މާބަނޑު މީހެއްގެ ބަނޑަށް ތުއްތު ކުއްޖަކު މަރުވި މައްސަލަ އެކެވެ.

ދަރިފުޅު މަރުވެފައިވާކަން އެނގުނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށްދައްކައި ސްކޭން ކުރުމުންނެވެ. އާއިލާއިން ތުހުމަތު ކުރަނީ މިކަމުގައި އިދާރާތަކުގެ އިހުމާލު ބޮޑު ކަމަށެވެ. އެއީ ދޮޅޫ މަސް ވަންދެން މާބަނޑުމީހާ ޑޮކްޓަރަށް ނުދެއްކި ދުވަސްތައް ފާއިތުވުމުންނެވެެ. އަތޮޅު ހޮސްޕިޓަލު އަދި ށ. މިލަންދޫ ސިއްހީ މަރުކަޒަށް ދައްކަން ދޮޅު މަސް ވަންދެން މަސައްކަތް ކުރި ނަމަވެސް ނުދެއްކުނު ކަަމަށް އާއިލާއިން ބުނެ އެވެ.

ދަރިފުޅުގެ ބައްޕަ ހަސަން ޝޫޖާއު "ސަން" އަށް ބުނީ، އޭނާގެ އަންހެނުންނަށް ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ވިހަން ދީފައި އޮތް ތާރީހަކީ މިމަހުގެ 31 އާއި އަންނަ މަހުގެ ތިން ވަނަ ދުވަސް ކަމަށެވެ. އެހެން ނަމަވެސް ޑޮކްޓަރަށް ދައްކައި ޗެކަޕެއް ހެދުމަށް މިދިޔަ ދޮޅު މަސް ތެރޭ އެކި ފަހަރު މަތިން އަތޮޅު ހޮސްޕިޓަލާއި ށ. މިލަންދޫ ސިއްހީ މަރުކަޒަށް ދެއްކުމަށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

"އެންމެ ފަހުން އަތޮޅު ހޮސްޕިޓަލަށް ދެއްކި ދުވަހު ހޮސްޕިޓަލުން އަންގާފައިވަނީ 15 ދުވަސް ފަހުން ޑޮކްޓަރަށް ދައްކަން. 15 ދުވަސް ހަމަވި އިރު، ނަރުދުއިން ޕޮޒިޓިވްވި ކޭސްއެއް ފެނި، ރަށް އޮތީ މޮނީޓަރިންގެ ހާލަތުގައި. އޭރު ރަށުން އޮތީ މާބަނޑު މީހުން ބެލުން ހުއްޓާލާފައި،" ޝުޖާއު ބުންޏެވެ.

ނަރުދޫ ސިއްހީ މަރުކަޒު: އެރަށް އޮތީ އަދިވެސް މޮނީޓަރިންގެ ހާލަތުގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޝުޖާއު ބުނީ، 15 ދުވަސް ހަމަވި ފަހުން އަތޮޅު ހޮސްޕިޓަލު އަދި މިލަންދޫ ސިއްހީ މަރުކަޒުންވެސް އެޕޮއިިންޓްމެންޓެއް ހޯދައި ކައުންސިލުން ހޯދަން ޖެހޭ ހުއްދަ ހޯދުމަށްފަހު ވެސް އެތަންތަނަށް އަންހެނުން ދެއްކޭ ގޮތް ނުވި ކަމަށެވެ.

"15 ދުވަސް ހަމަވުމުން ފުރަތަމަ ބެލީ ފުނަދޫގެ ހާލަތަށް ވުރެ، މިލަންދޫ ހާލަތު ރަނގަޅުވުމުން އަދި ކައިރިވުމުން ފުރަތަމަ ބެލީ މިލަންދޫއަށް ދައްކަން. ކައުންސިލުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން މިލަންދޫއަށް ފުރުމަށްޓަކައި ގެއިން ނިކުތްތަކުން މިލަންދޫ ސިއްހީ މަރުކަޒުން އެންގީ، ބަލި މީހާ އެކޮޅަށް ގޮސްގެން ނުބެލޭނެ ކަމަށް،" އޭނާ ބުންޏެވެ.

އެގޮތަށް މިލަންދޫ ސިއްހީ މަރުކަޒުން ނިންމީ އެމަރުކަޒުން މިދުވަސްކޮޅު ބަލި މީހުން ބެލުން ހުއްޓާލާފައިވާތީ ކަމަށް ޝުޖާއު ބުންޏެވެ.

"ނަރުދޫ ޕޮޒިޓިވް ކޭހާ އެކު އަތޮޅު ހޮސްޕިޓަލުން އަޅާނުލީ"

ށ. ނަރުދޫ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް، އާއިލާއިން ބުނަނީ ރަށުން ޕޮޒިޓިވް ކޭސްއެއް ފެނުމުން އަތޮޅު ހޮސްޕިޓަލުން މާބަނޑު މީހާ ބަލަން ބޭނުން ނުވީ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދެންއެފަހުން މަސައްކަތްކޮށްގެން ށ. އަތޮޅު ހޮސްޕިޓަލަށް މިދިޔަ ހޮނިހިރު ދުވަހަށް އެޕޮއިންޓްމަންޓު ލިބުނު ކަން ނަރުދޫ ސިއްހީ މަރުކަޒުން އެންގި ކަމަށް އޭނާ ބުންޏެވެ.

"އެހެންވެ 23 ވަނަ ދުވަހު ފުރަން ނުކުމެ ހުއްޓާ އަނެއްކާ ރަށުގެ ސިއްހީމަރުކަޒުން އެންގީ، ފުނަދޫ ހޮސްޕިޓަލުން އެންގި ކަމަށް އެރަށަށް ނުދިޔުމަށް. މިވަގުތު ޑޮކްޓަރަށް ދެއްކެން ނެތް ކަމަށް،" ޝުޖާއު ބުންޏެވެ.

އެދުވަހު އެ ސަބަބު ހޯދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފަހުން ބުނެފައިވަނީ، އެތަނުގައި މަރާމާތުގެ މަސައްކަތް ކުރަމުންދާތީވެ، އޮޕަރޭޝަން ތިއޭޓަރަށް ވަނުމުގައި ދަތިތަކެއް ހުރުމުން ކަމަށް އޭނާ ބުންޏެވެ. އޭނާ އަދި ތުހުމަތު ކުރި ގޮތުގައި ބޮޑަށް ބެލެވެނީ ނަރުދުއިން ޕޮޒިޓިވް ކޭސްއެއް ފެނުމުން ހޮސްޕިޓަލުން އަންހެނުން ބަލަން ބޭނުން ނުވީ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަނި މިގޮތަށް ހުއްދަ ނުލިބުނީ. އަޅުގަނޑަށް ބެލެވެނީ ނަރުދުއިން ޕޮޒިޓިވް ކޭސްއެއް ފެނިފައި އޮތުމުން [ހުއްދަ ނުދިނީ ކަމަށް]. އެކަމަކު އެކޮޅުން ފަހުން އެންގީ އޮޕަރޭޝަން ތިއޭޓާ މަރާމާތަށް ބަންދުކޮށްފިއޭ ކުއްލިއަކަށް. އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން މިދަނީ ވިހަންދާކަށް ނޫނޭ، ޑޮކްޓަރަށް ދެއްކޭނެ ނޫންހޭ އޮޕަރޭޝަން ތިއޭޓާއަށް ނުވަދެވުނަސް. އަދި ވިހަން ދީފައި އޮތް ތާރީހުވެސް ކައިރި ނުވެއޭ،" އޭނާ އިތުރަށް ކިޔައިދިނެވެ.

އާބާދީގައި 600 އެއްހާ މީހުން އޮންނަ ނަރުދޫ އިން މިހާތަނަށް ކޮވިޑަށް 11 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ޝުޖާއު ބުނީ އާދިއްތަ ދުވަހު އަންހެނުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އަދި ނަތީޖާ ނުލިބޭ ކަމަށެވެ.

އޭނާ ބުނީ، ޑޮކްޓަށް ދެއްކުމަށްފަހު، ވިހާ ދުވަސް އިތުރަށް ކައިރިވެފައިވާ ނަމަ، އެހެން ރަށަކަށް ގެންދެވިދާނެ ކަމަށް ވެސް ހޮސްޕިޓަލުގައި ބުނި ކަމަށެވެ. އެވަގުތަށް ބޭނުންވަނީ ހަމައެކަނި ފޮލޯއަޕެއް ހަދާލަން ޑޮކްޓަރަށް ދައްކަން ކަމަށް އޭނާ ބުންޏެވެ.

"އެހެން ބުނުމުންވެސް [އަތޮޅު ހޮސްޕިޓަލަށް ދެއްކުމަށް] އެރަށަށް ދެވޭ ގޮތެއް ނުވި. އޭރު އަންހެނުންނަށްވެސް އުދަނގޫތަކެއް ނުވޭ. ހާލަތު ހަމަ ރަނގަޅު. ޑިއު ޓޭޓްވެސް ހަމަ ނުވާތީ، ބޭނުންވީ ވިހައެއުމަށް ކުޅުދުއްފުއްޓަށް ދާން ޖެހޭ ތާރީހު ކަށަވަރު ކުރުމަށް ޑޮކްޓަށް ދައްކާލަން" ޝުޖާއު ބުންޏެވެ.

ޝުޖާއު ބުނިގޮތުގައި، އޭރުވެސް ވިހަން ދާން ޖެހޭ ދަތުރުގެ ހަރަދުތައް އާސަންދައިން ހަމަޖެހިފައިވެ އެވެ. ނަމަވެސް ވިހެއުމަށް ދާން ޖެހޭ ތާރީހުވެސް އެނގޭނީ ޑޮކްޓަރަށް ދައްކައި، ދަރިފުޅާ އަންހެނުންގެ ހާލަތު އެނގިގެން ކަމަށްވާތީ ފަހުން ވެސް ބޭނުންވީ ކައިރި ރަށަކުން ޑޮކްޓަރަށް ދެކުމަށްފަހު ކުޅުދުއްފުޓަށް ފުރަން ކަމަށް އޭނާ ބުންޏެވެ.

ޑޮކްޓަރަށް ނުދެއްކި ދޮޅުމަސްވުމަކީ އިހުމާލެއް!

ށ. އަތޮޅު ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ ފަހުން މިދިޔަ ހޯމަ ދުވަހު މިލަންދޫއަށް ޑޮކްޓަރަށް ދެއްކުމަށް ހުއްދަ ލިބުނުނެވެ. ހުއްދަ ލިބުމުން ހަމަ އެދުވަހު ފުރައިގެން މިލަންދޫއަށް ގޮސް ޑޮކްޓަރަށް ދެއްކި ކަމަށް ޝުޖާއު ބުންޏެވެ.

"ދެން އެފަހުން ހުއްދަ ލިބުނީ، މިލަންދޫއަށް ދާން. މިލަންދޫއަށް ގޮސް ޑޮކްޓަރަށް ދެކުމުން އެންގީ ބޭބީގެ ވިންދެއް ނެތް ކަމަށް ހީވާކަމަށް. ދެން ފުރީ ކުޅުދުއްފުޓަށް ހަމަ އެ ދުވަހު. ކުޅުދުއްފުޓަށް އައިސް ސްކޭން ކުރުމުން ބުނީ ބޭބީގެ ވިންދެއް ނެތް ކަމަށް. ނިޔާވެފައި ކަމަށް ބުނީ،" މިވަގުތު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަރަންޓީންގައި ހުރި ބައްޕަ ބުންޏެވެ.

އަދިވެސް ދަރިފުޅު މަރުވި ސަބަބެއެއްވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ

މިކަމުގައި ބައެއްގެ އިހުމާލެއް އެބައޮތްތޯ ސުވާލު ކުުރުމުން ޝުޖާއު ބުނީ، އޭނާގެ ކަންބޮޑުވުމަކީ، ދެ ރަށުންވެސް ޑޮކްޓަރަށް ދައްކަން ހުއްދަ ނުލިބި، ލަސްވެ، ދޮޅު މަސް ހޭދަވުން ކަމަށެވެ.

"ދޮޅު މަސްވަންދެން ޑޮކްޓަރަށް ނުދެއްކުން އެއީ އިހުމާލެއް. ޑޮކްޓަރަށް ނުދެކެންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގުނު. ދޮޅުމަސްވަންދެން ޑޮކްޓަރަށް ނުދެއްކުމުން ކުރިއާލާ ބޭބީގެ ހާލަތު ދެނެނުގަނެވުނު ސަބަބު އެއީ،" ޝުޖާއު ބުންޏެވެ. "ފުނަދޫއަށް ހޮސްޕިޓަލަށްދާން ހޮސްޕިޓަލުން އެއްބަސް ނުވެގެން، މިލަންދޫ ސިއްހީ މަރުކަޒަށް ދާން އެ މަރުކަޒުން އެއްބަސް ނުވެ، ދޮޅުމަސްވެގެން ދިޔައީ. އެ ދޮޅު މަހަކީ އަޅުގަނޑުމެންނަށް ބޭބީގެ ހާލަތު ނޭނގި ދިޔަ ދޮޅު މަސް،"

އިރުޝާދުދިން، އެ ގޮތަށް އަމަލު ނުކުރީ: އަތޮޅު ހޮސްޕިޓަލް

މިކަމާ ގުޅޭގޮތުން ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޒުމްރަތު "ސަން" އަށް ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތް އިރުވެސް ސިއްހީ ކަންކަމުގައި އެރަށަށް އަންނަ ބޭނުންވާ ފަރާތްތަކަށް ހުއްދަދީ، އެ ހިދުމަތް ހޮސްޕިޓަލުން ދީފައިވާނެ ކަމަށެވެ. އަދި ފުނަދޫ މިމަހު 18 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތުން ނެގި ފަހުން ބަލި މީހުން ބެލުމަށް އެޕޮއިންޓްމަންޓް ވެސް ނަގަން ފެށިކަމަށް އޭނާ ބުންޏެވެ.

މި މަހު 18 އެދުވަހު މާބަނޑު މީހާ ޑޮކްޓަރަށް ދެކުމަށް އެޕޮއިންޓްމަންޓަކަށް އެދިފައިވާ ކަމަށާއި ނަމަވެސް އޭގެ ކުރިން އެޕޮއިންޓްމަންޓަކަށް އެދުނު ކަމެއް އެނގިފައި ނެތް ކަމަށް އޭނާ ބުންޏެވެ.

"މޮނީޓަރިންގެ ހާލަތުގައި އޮތް އިރުވެސް އަޅުގަނޑުމެން އައީ އެހެން ރަށްތަކުން އަންނަ މީހުންގެ ސިއްހީ ކަންކަމުގައި އިންތިޒާމް ހަމަޖައްސައިދެމުން. 18 ވަނަ ދުވަހުގެ ކުރިން އެޕޮއިންޓްމަންޓަކަށް އެދިފައިވާ ކަމެއް އެނގިފައެއް ނެތް،" ޒުމްރަތު ވިދާޅުވި އެވެ.

އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އެޕޮއިންޓްމަންޓް ހަމެޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އެޕޮއިންޓް ހަމަޖެހުނީ 23 ވަނަ ދުވަހު. ޑޮކްޓަރު އިރުޝާދު ދެއްވީ މިހާރު 40 ހަފްތާ ވެފައި ވުމުން ބޭބީ ނަގަންވެސް ޖެހިދާނޭ އެހެންވީމަ ރަނގަޅީ ތިއޭޓާ ހުރި ރަށަކަށް ދިޔުމަށް، މިކޮޅުގައި ތިއެޓާ މަރާމާތު ކުރާތީވެ،" ޒުމްރަތު ވިދާޅުވި އެވެ.

އެގޮތުން ހަމަ އެދުވަހު ޑޮކްޓަރު މާބަނޑު މީހާ ބަލައި، ކުޅުދުއްފުށީ ހޮސްޕިޓަލަށް ރިފާ ކުރި ކަމަށް ޒުމްރަތު ވިދާޅުވި އެވެ. އަދި މިކަމުގައި ހޮސްޕިޓަލުގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް އިންތިޒާމު ކުރިކަމަށް އޭނާ ވިދާޅުވި އެވެ.

"[އާއިލާގެ ފަރާތުން] އަޅުގަނޑަށް ގުޅީމަ އަޅުގަނޑު ޕާސަނަލީ ބުނިން މިކޮޅުން ކުޅުއްދުފުއްޓަށް ދިޔުމުގެ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެނަމޭ، ކުޅުދުއްފުއްޓަށް ދާން ހިނގާށޭ އަވަހަށް،" ޒުމްރަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއާއެކު ޖެހިގެން އައި އާދިއްތަ ދުވަހު ކުޅުދުއްފުއްޓަށް ދިޔުމުގެ އިންތިޒާމް ހަމަޖެހުމުން އާއިލާއިން ކުޅުދުއްފުއްޓަށް ގޮސްފައި ނުވާ ކަމަށެވެ. އަދި އާދިއްތަ ދުވަހު ކުޅުދުއްފުއްޓަށް ދިޔުމުގެ ބަދަލުގައި އެބޭފުޅުން ހޯމަ ދުވަހު މިލަންދޫއަށް ދިޔައީ ކަމަށް ޒުމްރަތު ވިދާޅުވި އެވެ.

"24 ވަނަ ދުވަހު އާސަންދައާއި ހުރިހާ ކަމެއް ހަމެޖެހިފައި އޮއްވާ އާއިލާއިން އެދިގެން އެދުވަހު ދަތުރު ކެންސަލް ކުރީ. އެދުވަހު ދަތުރު ކުރަން ބޭނުން ނުވީ ކަމަށް އެބޭފުޅުން ބުނީ. އެބޭފުޅުން ބޭނުނުންވީ ހޯމަ ދުވަހު ފުރަން. އެގޮތަށް ނަރުދޫ ސިއްހީ މަރުކަޒުގައި އެދުމުން އެ ދަތުުރު ކެންސަލް ކުރީ،" ޒިމްރަތު އިތުރަށް ކިޔައިދިނެވެ.

މިކަމާ ގުޅިގެން މިލަންދޫ ސިއްހީ މަރުކަޒުގެ ބަހެއް ނުލިބުނެވެ.

އެޗްޕީއޭ އިން ބުނެފައިވަނި މިކަމުގައި އެހެން ކޭސްތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތުގެ މަތިން ކޭސް ރިވިއު ހަދާނެ ކަމަށެވެ.

ހޯމަ ދުވަހު ނަރުދޫ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވިއިރު، މީގެ ދެތިން ހަފްތާ ކުރިން އއ. ތޮއްޑޫގައިވެސް ވަނީ ދަރިފުޅު ބަނޑަށް މަރުވެފައެވެ. އެއާއިލާއިން ތުހުމަތު ކުރާ ގޮތުގައި ދަރިފުޅު ބަނޑަށް މަރުވީ ފަރުވާ ދިނުން ލަސްވުމުން ކަމަށެވެ. މި މައްސަލަވެސް އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް