ބިލުގެ މަސައްކަތް ކުރިއަށް ގެންދަން މިރޭ ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަން މިރޭ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރޭ 21:00 ގައި މަޖިލީހުގެ ޖަލްސާ ފައްޓަވާނެ ކަމަށާއި، މިރޭ ވެސް ކުރިއަށް ގެންދާނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ކައުންސިލަތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ މެދު ބުރާސްފަތި ދުވަހު ގޮތެއް ނިންމޭނެ ކަމަށް ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވެފައި ވަނީ މިއަދު އެ މައްސަލައިގައި ވާހަކަދައްކަން އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދީ ނިމޭނެ ކަމަށާއި އަދި މިއަދު ވޯޓަށް އައްސަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އަމާޒަކީ މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ގެންދިއުން ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީގައި ބިލާމެދު ގޮތެއް ނިންމައި، ބުރާސްފަތި ދުވަހުގެ ޖަލްސާގައި ބިލުގެ މަސައްކަތް ނިންމާ ހައްލު ހޯދިގެން ދާނެ ކަމަށެވެ.

ކައުންސިލަރުންގެ ދައުރު ފެށޭ މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެ އެވެ. އެހާ ހިސާބުން ދިމާވެދާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށް ގާނޫނީއަސާސީ އިސްލާހު ކުރުމާމެދު މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. ނަމަވެސް ބަންޑާރަ ނައިބު އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ލަފާދެއްވާފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނޫންގޮތަކަށް ކައުންސިލްތަކުގެ ދައުރު ދިގު ނުދެންމޭނެ ކަމަށެވެ.

އެހެން ނަމަވެސް ބަންޑާރަނައިބު އަދި ކައުުންްސެލް ޖެނެރަލް ދެއްވި ލަފާ މަޖިލީހުގެ މެމްބަރުންނަށް ގަބޫލުކުރަން ދަތި ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ގާނޫނު އަސާސީ އިސްލާހުކުރަން އެމްޑީޕީން ރޭ ތުރީލައިން ވިޕެއް ފާސްކޮށްފައި ވީނަމަވެސް، އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވަނީ ކޮވިޑް19 އާ ގުޅިގެން ގައުމަށް މިހާރު ދިމާވެފައިިވާ ހާލަތަކީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެކަށީގެންވާ ހާލަތެއް ނޫން ކަމަށެވެ.

މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ތަޅުމުގައި މިއަދު ހޫނު ބަހުސެއް ކުރިއަށް ގެންގޮސްފައިވާއިރު ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ދިމާވެދާނެ ގާނޫނީ މައްސަލަތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން މަޖިލީހަށް ގަރާރެއް ވެސް ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް