މިއަދު ފެނުނީ ކޮވިޑްގެ 19 ކޭހެއް

މެއި 22، 2020: ބިދޭސީން ދިރިއުޅެމުންދާ ސަރަހއްދަކުން ސާމްޕަލް ނެގުމުގެ މަސައްކަތައްފަހު، އެ ސަރަހައްދު ޑިސްއިންފެކްޓް ކުރަމުން ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19ގެ އިތުރު 19 ކޭހެއް މިއަދު ފެނިފައިވާކަމަށް، ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

މިއަދު ވައިރަސް އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެއީ 13 މީހުންނެވެ. ދެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ހަތަރު ދިވެހީންނާއި ނޭޕާލް މީހެއްގެ އިތުރުން އިންޑިއާ މީހެކެވެ.

އެއާއެކު ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،457 އަށް އަރާފަ އެވެ.

އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ރާއްޖޭގައި 1200 ކޮވިޑް ކޭސް ހުރިއިރު ބައްޔަށް ޕޮޒިޓިވްވި 1108 މީހަކު މިވަގުތު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. ޖުމްލަ 1817 މީހަކު މިވަގުތު ތިބީ ކަރަންޓީނު ކުރެވިފަ އެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭގައި ބުނެފައިވަނީ މިދިޔަ ހޯމަދުވަހުގެ ރޭގައި މަރުވެފައިވާ ބަންގްލަދޭޝް މީހާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އެއާއެކު ވައިރަސް ޖެހިގެން މަރުވި މީހުން އަދަދު ރާއްޖޭގައި ފަހަކަށް އަރާ ކަމަށް އެންއީއޯސީއިން ރޭގައި ބުނެފައިވެ އެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި 20،551 ސާމްޕަލް މިހާތަނަށް ނެގިފައިވާއިރު ނަތީޖާ ނުލިބި 531 ސާމްޕަލް އެބަހުރި ކަމަށް އެންއީއޯސީއިން ރޭގައި ބުނެފައިވެ އެވެ.

comment ކޮމެންޓް