ހޯލްސޭލަރުން ހުޅުވިއްޖެ، އެކަމަކު އަތް ބަދެވިފައި

މެއި 14، 2020: މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ އަސަރު އެންމެ ބޮޑަށް ކުރި އެއްބަޔަކީ ހޯލްސޭލް ވިޔަފާރިތަކެވެ. ބާޒާރުމަތީގައި ބަލީގެ އެންމެ ބޮޑު އެއް ކްލަސްޓާ އޮތްއިރު، ވިޔަފާރިތަކުގައި މަސައްކަތްކުރާ ބިދޭސިންގެ މެދުގައި ބަލި ފެތުރި، އެ ވިޔަފާރިތައް ހުއްޓުމަކަށް އައެވެ.

ރަމަޟާން މަހާ ދިމާވުމުން ކެއިން ބުއިމުގައި ބޭނުންކުރާ ބައެއް ތަކެތި ލިބުން ދަތިވެސްވި އެވެ. ހޯލްސޭލަރުންގެ ވިޔަފާރިތައް ވަގުތީގޮތުން ބަންދު ކުރުމުން ރީޓެއިލް ފިހާރަތަކުން މުދާ ލިބުން ދަތިވެ، ރަށްރަށަށް މުދާ ސަޕްލައި ކުރުމުގައިވެސް ދަތިތައް ކުރިމަތިވި އެވެ.

ރޯދަ މަސް ނިމިގެން ދިޔައިރުވެސް ގިނަ ހޯލްސޭލަރުންގެ ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުން އަދިވެސް ތިބީ ކަރަންޓީނުގައެވެ. ބައެއް މުވައްޒަފުން މިހާރު ދޫކޮށްލާފައިވާއިރު، މަދު މުވައްޒަފުންތަކަކާއެކު ހޯލްސޭލަރުންގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މެއި 14، 2020: ބާޒާރުމަތީގައި ބިދޭސީއިން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ސަޕްލައިކުރާ އެންމެ ބޮޑު އެއް ކުންފުންޏަކީ ބީއެޗްއެމް އެވެ. އެ ކުންފުނީގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހި، ކުންފުނީގެ އޮޕަރޭޝަންތައް މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. އެކުންފުނީގެ އޮޕަރޭޝަންތައް މަހަކަށް ވުރެ ގިނަ ދުވަސްވަންދެން ހުއްޓިފައި އޮތް އިރު، ބީއެޗްއެމް އިން ޑިސްޓްރިބިޔުޓު ކުރާ ގިނަ މުދާ ވަނީ ބާޒާރުން އެއްކޮށް ހުސްވެފަ އެވެ.

މީގެ ހަފްތާއެއް ކުރިން ބީއެޗްއެމް އިން ވަނީ އެމީހުންގެ އޮޕަރޭޝަންތައް އަލުން ފަށައި ފައެވެ. އެކުންފުނިން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން އަދިވެސް ތިބީ ކަރަންޓީނުގައި ކަމަށާއި، ކުންފުނީގެ ފުލް އޮޕަރޭޝަންތައް އަދި ނުފެށޭ ކަމަށެވެ.

ބީއެޗްއެމް އިން ވަނީ ރީޓެއިލަރުންނަށް އޮންލައިންކޮށް އޯޑަރު ދެވޭނެ ނިޒާމެއް ގާއިމް ކޮށްފަ އެވެ. ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް އޯޑަރު ނަގަމުންދާއިރު މުދާ ބަލާ ކަސްޓަމަރުން ދާންޖެހޭނީ ބީއެޗްއެމްގެ ގުދަނަށެވެ.

ބީއެޗްއެމް ހުޅުމާލެ ފިހާރަ --- ފޮޓޯ: ބީއެޗްއެމް

"ސަޕްލައި އަށް ބާރު ބޮޑު. އެއްފަހަރާ ގިނަ ބަޔަކު އޮންލައިން ޕޯޓަލް އަށް ވަންނާތީ ވެސް ބާރު ބޮޑުވޭ. މިވަގުތު އަޅުގަނޑުމެންގެ ނެތް ޑެލިވަރީ ކޮށްދޭނެ ކެޕޭސިޓީއެއް. ޑްރައިވަރުންގެ ތެރެއިން ގިނަ ބަޔަކު ތިބީ އަދިވެސް ކަރަންޓީނުގައި. އަނެއްކާ ރަށްރަށަށް ފޮނުވަން މުދާ ބޯޓުތަކަށް ޑެލިވަރީ ކުރުމުގައިވެސް ދަތިތައް އެބައުޅޭ،" ބީއެޗްއެމް އިން ބުންޏެވެ.

ސްޓާފުންގެ ކަރަންޓީނު ނިމި، ވެހިކަލްތައް ނެރެވުމުން އޮޕަރޭޝަނަށް ލުޔެއް އަންނާނެ ކަމަށް ބީއެޗްއެމް އިން ބުންޏެވެ.

"ސްޓާފުން ކްލިޔާ ވީމާ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރިއަށް ގެންދެވޭނެ،" ބީއެޗްއެމް އިން ބުނީ އެ ކުންފުނިން ޑިސްޓްރިބިޔުޓްކުރާ މުދާ ރާއްޖެއިން ބޭރުން ގެނައުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

މެއި 14، 2020: ބާޒާރުމަތީގައި ބިދޭސީއިން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާޒާރުގައި ފުޅާދާއިރާއެއްގައި ހޯލްސޭލްކުރާ ކޭޑީއެމްގެ އޮފިޝަލަކުވެސް ވިދާޅުވީ އޮޕަރޭޝަންތައް ފެށިނަމަވެސް ލޭބަރުންގެ ދަތިކަން އެބައޮތް ކަމަށެވެ. ކޭޑީއެމްގެ ލޭބަރުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ތިބީ ކަރަންޓީނުގަ އެވެ.

"މުދާ ލިބުމުގެ މައްސަލައެއް ނެތް. ލޭބާ ކުދދިން ކަރަންޓީނުގައި ތިބުމުން އަދިވެސް ދަތި އެބަހުރި. މިހާރު މި މަސައްކަތް ކުރަނީ ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ދިވެހި ކުދިންނާއެކު. ފިހާރައަށް ގޮސް މުދާ ގަތުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނާނެ" ކޭޑީއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މުދާ އިމްޕޯޓު ކުރުމުގައި އެއްވެސް ދައްޗެއް ނެތްކަން ކޭޑީއެމް އިންވެސް ފާހަގަ ކުރެ އެވެ.

"25 ވަރަކަށް ދުވަސްވަންދެން އެންމެން ކަރަންޓީނަށް ދިޔުމުން ދަތިކަމެއް އައި. މިހާރު އަނެއްކާވެސް މިއޮތީ އޮޕަރޭޝަންތައް ފެށިފައި. މުދާ ލިބުމުގެ ދައްޗެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

ހޯލްސޭލަރުން ބުނާގޮތުގައި ވިޔަފާރިތައް ފުލް ކެޕޭސިޓީގައި ކުރިއަށް ގެންދާނެެ ގޮތެއް އެކުލަވާލެވޭނީ ނިއު ނޯމަލްގެެ ތެރެއިން އިތުރު ލުއިތަކެއް ލިބިގެންނެވެ. އަދި އެ މީހުންގެ ވިޔަފާރިތައް ހަމަޔަކަށް އެޅެން އަދި މަސްދުވަސް ނަގާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް