ނަޝީދުގެ ވިސްނުން އެމްޑީޕީ ޕީޖީގެ ނިންމުމާ ދެކޮޅަށް

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް، ގާނޫނު އަސާސީ އަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު އެ ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ނިންމާފައިވީ ނަމަވެސް، އެ ނިންމުމާ ދެކޮޅަށް އެމްޑީޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަ ދައްކަވައިފި އެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅި އިސްލާހަކީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާ މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ބަހުސްކޮށްފަ އެވެ. އެމްޑީޕީގެ މެންބަރުންގެ މެދުގައި އެބިލާ މެދު ވަރަށް ބޮޑަތި ހިޔާލު ތަފާތުވުން އުފެދިފައިވެ އެވެ.

އެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ރޭ ނެގި ވޯޓުގައި ބައިވެރިވި 54 މެމްބަރުންގެ ތެރެއިން 41 މެެމްބަރުން ވަނީ ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެގޮތަށް ފާސްކުރަން ތްރީލައިން ވިޕެއް ނެރުމަށް ތާއީދު ކުރައްވައިފަ އެވެ.

ގާނޫނު އަސާސީ އިސްލާހުކޮށްގެން ނޫނީ، ކައުންސިލްތަކުގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވަނީ ލަފާދެއްވައިފަ އެވެ. އަދި އެކަމަށް މަޖިލިހުގެ ކައުންސެލް ޖެނެރަލް ވެސް ވަނީ އިއްތިފާގުވެވަޑައިގެންފަ އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ އިންތިހާބީ ކައުންސިލަރުން މުއްދަތު އިތުރުކުރެވޭނެ "ސުވިޗު" ގާަނޫނު އަސާސީގައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވި "ސުވިޗަކީ" ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ހ އެވެ. އެ މާއްދާގައި ބުނެފައިި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެ މަތީން، ސިއްރުވޯޓަކުން އިންތިހާބުކުރާ މެންބަރުން ކަމަށެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ މިހާރު ހުށަހަޅުއްވާފައިވާ ބިލު އަޅުގަނޑަށް މި ފެންނަ ގޮތް ކުށް ނޫން ކަމުގައި ވާނަމަ، ފާސްކޮށް ނިމޭ އިރުގައި އަދި ގާނޫނު އަސާސީގައި އެބަވޭ މުއްދަތު އިތުރު ކުރާ ގޮތް ބަޔާންކުރާ އެހެން މާއްދާއެއް، ގާނޫނު އަސާސީގެ އެއް މާއްދާއަކާ އަނެއް މާއްދާއަކާ އަރާރުން ނުވެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން މިކަމާ މެމްބަރުން ވިސްނާވަޑައިގަތުމަށް ނަޝީދު ވިދާޅުވި އެވެ.

ބަންޑާރަނައިބާރި މަޖިލީހުގެ ކައުންސެލް ޖެނެރަލް މި މައްސަލައިގައި ލަފާދެއްވާފައި ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކަން ގަބޫލުކުރަން ދަތިކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގާނޫނު އަސާސީގައި މި ބަޔާންކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ އެބަ ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ތުރީ ލައިން ވިޕާ ދެކޮޅަށް ވެސް ވާހަކަދައްކަވަމުންނެވެ. އަދި ނަޝީދު ވަނީ މެމްބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުން ފިޔަވައި އެހެން މީހަކަށް މެމްބަރުުންގެ ވޯޓަށް "ނުފޫޒު" ނުފޯރުވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

comment ކޮމެންޓް