ދުވާލަކު 50 ކޭސް އަކީ ފުރަބަންދަށް ލުއި ދޭން ގިނަ އަދަދެއް ނޫން: ޑރ. އަފްޒަލް

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އިބްރާހީމް އަފްޒަލް ވާހަކަދައްކަވަނީ --- ފޮޓޯ : އެންއީއޯސީ

ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދޭނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ގައިޑްލައިންގެ މަތީން ކަމަށާއި މިހާރު އާންމުކޮށް ދުވާލެއްގެ މައްޗަށް 50 ވަރަކަށް ޕޮޒިޓިވް ކޭސް ފެނުނު ނަމަވެސް އެއީ ފުރަބަންދު އުވާލަން ވިސްނާއިރު ގިނަ އަދަދެއް ނޫން ކަމަށް އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 ފަދަ ވައިރަލް ފްލޫ ބަލިތަކަށް ބަލާއިރު ދުވާލަކަށް 50 ޕޮޒިޓިވް ކޭސް ފެނުމަކީ މަތީ އަދަދެއް ނޫން ކަމަށެވެ.

އެގޮތުން މާލެ ފަދަ އާބާދީ ބޮޑު ތަނެއްގައި އެ އަދަދަށް ވައިރަހުގެ ކޭސްތައް ފެނުމަކީ ގިނަ އަދަދެއް ނޫން ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެންމެންވެސް ބޭނުންވާނެ ސުމެއް ނުވަތަ ފަސް ވަރަކަށް މީހުންނަށް އެކަނި ޖެހޭ ވަރަށް އެ މައިތިރިވީމައޭ އަޅުގަނޑުމެން ލޮކްޑައުންގެ ލުޔަކަށް ދާންވީ. އެހެންނަމަވެސް އެ ނޫން ގޮތަކަށް ކުރިއަށް ގެންދެވޭނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވައިރަހުގެ ހާލަތު އެންމެ ރަނގަޅު ނުވި ނަމަވެސް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ދިޔުމުން "ބެކް ޓު ނޯމަލް" އަށް ދިޔުމުގެ ދަތުރު ފެށޭނެ ކަމަށެވެ.

"ނިއު ނޯމަލް އަކަށް އަޅުގަނޑުމެން ދާން ފަށާއިރު ބަލާނީ އެންމެ އެންމެ ރަނގަޅު ހިސާބަކަށް ދިޔައީމަ ނޫނޭ. އަޅުގަނޑުމެން ފަށަން ޖެހޭނީ ވަކި ލެވެލް އެއްގައި އަލާމާތްތައް ހިފެހެއްޓިފައި ހުންނަ ހިސާބަކުން،" އޭނާ ވިދާޅުވިއެވެ.

ފުރަބަންދު އުވާ ނުލާ ލުއި ތަކެއް ގެނެސްގެން ހާލަތު ބަލާނީ ކަަމަށާއި ދެން އެއަށްފަހު އެހެން މަރުހަލާއަކަށް ދާނީ ރަނގަޅަށް މޮނިޓާ ކުރުމަށްފަހުގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް