ކޮވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ 1438 އަށް

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރުތެރޭގައި އިތުރު 43 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން އެބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 1438 އަށް އަރައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުން މެންދަމާއި ހަމަޔަށް ޕޮޒިޓިވްވި 17 މީހުން އަދި މިއަދު ޕޮޒިޓިވްވި 26 މީހުން ހިމަނައިގެން ޖުމްލަ 43 މީހަކު މި ބައްޔަށް ފާއިތުވި 24 ގަޑިއިރު ތެރޭ ވަނީ އަލަށް ޕޮޒިޓިވްވެފަ އެވެ.

"ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1،438 އަށް އަރާފައި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވްވީ 43 ކޭސް އެއް،" މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވި އެވެ.

އަލަށް ޕޮޒިޓިވްވި 43 މީހުންނާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އެންއީއޯސީއިން ހާމަކޮށްފައެއް ނުވެއެވެ.

އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ރާއްޖޭގައި 1200 ކޮވިޑް ކޭސް ހުރިއިރު ބައްޔަށް ޕޮޒިޓިވްވި 1108 މީހަކު މިވަގުތު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. ޖުމްލަ 1817 މީހަކު މިވަގުތު ތިބީ ކަރަންޓީނު ކުރެވިފައެވެ.

އެންއީއޯސީއިން ވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގެއް މައްޗަށް ވެއްޓިފައި އޮތް ބަންގްލަދޭޝް ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައެވެ. އެމީހާ ވަނީ މަރުވެފައެވެ.

އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެމީހާއަކީ މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި ފަސް ވަނަ މީހާ އެވެ. މި ބަލީގައި މަރުވި ފަސް މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ތިން ދިވެހީން ވެސް ހިމެނެއެވެ.

މި ބައްޔަށް ޓެސްޓުކުރުމަށްޓަކައި 20،551 ސާމްޕަލް މިހާތަނަށް ނެގިފައިވާއިރު ނަތީޖާ ނުލިބި 531 ސާމްޕަލް އެބަ ހުރިކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް