ހަދަމުންދާ ދެ ރިސޯޓަކަށް 12 މިލިއަން ރުފިޔާގެ ގެއްލުންދީ މަރާމާރީ ހިންގި ބަޔަކު ފޮނުވާލަން ނިންމައިފި

މ. މަޑިފުށީގައި މަސައްކަތް ކުރަނީ --

އައިމާ ކޮންސްޓްރަކްޝަން އިން އިމާރާތް ކުރަމުމުގެ މަސައްކަތް ކުރަމުން އަންނަ ދެ ރިސޯޓް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ބަޔަކު އެ ތަންތަނުގެ އިމާރާތްތަކާއި ތަންތަނަށް 12.77 މިލިއަން ރުފިޔާގެ ގެއްލުންދީ މާރާމާރީ ހިންގުމުން އެ މީހުން އަނބުރާ އެ މީހުންގެ ގައުމުތަކަަށް ފޮނުވާލުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އައިމާގެ އޮފިޝަލު މިރޭ ސަން އަށް ވިދާޅުވީ އެ ކުންފުނީގެ ފަރާތުން، ކޮންސްޓަރަކްޝަން މަސައްކަތް ކުރަމުން އަންނަ، މ. އަތޮޅު މަޑިފުށީގައި ތަރައްގީ ކުރާ ރިސޯޓަކާއި އަދި އިތުރު ތަނަކާ އެކު، ދެ ދުވަހެއްގެ މަތީން، މިދިޔަ މަހު ފަހުކޮޅު ހަޅުތާލު ހިންގައި ހަމަނުޖެހުން ހިންގުމުގެ އިތުރަށް މާރާމާރީ ހިންގުމުން ފުލުހުންގެ އެހީއާ އެކު އެ މީހުން ގެނެސް ތިލަފުށީގައި ބައިތިއްބާފައިވާ ކަމަށެވެ.

އަދި މީހުން ފޮނުވާލުމުގެ މަސައްކަތް، ވަގުތުން ފެއްޓި ކަމަށާއި އަދި ކޮވިޑްގެ ހާލަތާ ގުޅިގެން އާންމު ދަތުރުފަތުރުގެ ހާލަތަށް ބުރޫއަރާފައިވާތީ މަތިންދާބޯޓެއް ޗާޓަރު ކުރުމަށް ފަހު، މި މަހު 30 ވާ ހޮނިހިރު ދުވަހު ބަނގުލާދޭޝްގެ 270 މީހަކު ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އިންޑިއާ މީހުން ފޮނުވާލުމަށް ބޯޓެއް ޗާޓަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އުންމީދު ކުރެވެނީ އަންނަ މަހު 5 ހިސާބު އެ މީހުން ވެސް ފޮނުވާލެވޭނެ ކަމަށެވެ.

ހަޅުތާލު ހިންގި މީހުން މަރާމާރީ ހިންގައި ބައެއް މީހުންގެ އިނގިލި ތަންތަން ވަނީ ބުރިވެފަ އެވެ. އަދި އަނެއް ބައި މީސްމީހުންގެ ގައިގައި ލަޓިބުރި ފަދަ އެއްޗެތިން ތެޅުމުގެ ސަބަބުން ވަނީ ނޫފައިގެންފައިވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މީހުން ހަމަނުޖެހުން ހިންގައި މަރާމާރީ ހިންގީ މާލެ އައިސް އެ މީހުންގެ އާއިލާ އަށް ފައިސާ ފޮނުވުމަށް ދަތިތަކާ ކުރިމަތިވުމުންނެވެ. އޭރު އޮތީ ކޮވިޑާ ގުޅިގެން ދަތުރުފަތުރާއި މީހުން ތަންތަނަށް ދިއުން މަނާކޮށްފަ އެވެ.

އައިމާގެ އޮފީޝަލު ވިދާޅުވީ އެ ދެ ރަށުގައި މަރާމާރީ ހިންގުމުން ދެތިން ސަތޭކަ މީހުން ގެނެސް އެކޮމަޑޭޓް ކުރަން ޖެހުނީ ވަގުތީ ގޮތުން ތިލަފުށީފައި ތަނެއް މަރާމާތުކޮށްގެން ކަމަށާއި އެ ހާލަތުގައި ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ނުހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް އެ މީހުންނަށް ކާންބޯންދީ ހަދާ ކަމަށާއި ކޮވިޑްގެ މިހާލަތުގައި އެއްވެސް ބަޔަކަށް ބުރަ ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މީހުން ފޮނުވާލާ އިރު، އެމީހުންނަށް ދޭންޖެހޭ މުސާރަ އާއި އަދި އެ ނޫން ވެސް އެއްޗެއް އޮތް ނަމަ އެކަން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެމްބަސީތަކާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ މީހުންނަށް ނުދީވާނީ އެ މީހުން ހަޅުތާލު ކުރި މަސް، މިދިޔަ މަހުގެ މުސާރަ އެކަނި ކަމަށެވެ. އެ މީހުން ފޮނާވާލާނީ އެ މުސާރަ ވެސް ދީފައި ކަމަށް އައިމާގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިމާއަކީ ކްލީން ރެކޯޑެއް ގެންގުޅޭ ކުންފުންޏެއް ކަމަށާއި އެއްވެސް މުވައްޒަފަކަށް ދޭން ޖެހޭ އެއްވެސް އެއްޗެއް ނުދީ ނޯންނާނެ ކަމަށެވެ.

އައިމާގެ އޮފިޝަލު ވިދާޅުވީ އެ ކުންފުނީގެ ޕޮލިސީއަކީ ރާއްޖޭގެ އިންވެސްޓްކުރާ ފަރާތްތަކުގެ އިމޭޖަށް ބުރޫ ނާރާނެ ގޮތަށް ކަންކަން ހަމަޖެއްސުން ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ކަންކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި، އަދި ވާ ކަމަށެެވެ.

އައިމާ އިން ބުނީ އެ ކުންފުނީން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގޮތަށް އެ ކުންފުންޏަށް ދިން ގެއްލުން ވެސް ތަހުގީގުކޮށް ފިޔަވަޅުއަޅައިދިނުމަށް ފުލުހުނާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.

އައިމާ އިން އެސްޓިމޭޓް ކުރާ ގޮތުގައި އެ ދެތަނަށް ދިން ގެއްލުމުގެ އަގު 828،333 ޑޮލަރު (12.77 މިލިއަން ރުފިޔާ) އަަރަ އެވެ.

އެ ދެ ރަށުގައި ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ތަރައްގީ ކުރާ ދެ ރިސޯޓްގެ އަގަކީ 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ކަމަށް އައިމާގެ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް