މެންޗެސްޓާ ސިޓީގެ ކުރީގެ ފުލްބެކް ގްލައިން ޕާޑޯ މަރުވެއްޖެ

މެންޗެސްޓާ ސިޓީގެ ކުރީގެ ފުލްބެކް ގްލައިން ޕާޑޯ

އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގެ ކުރީގެ ފުލްބެކް ގްލައިން ޕާޑޯ މަރުވެފައިވާކަމަށް އެކުލަބުން ބުނެފި އެވެ.

މެންޗެސްޓާ ސިޓީއިން އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި ދުވަސްވަރު އެކުލަބަށް ކުޅުނު ޕާޑޯ މަރުވި އިރު އޭނާގެ އުމުރަކީ 73 އަހަރެވެ. އޭނާ ވަނީ 1960 އާއި 1970 އަހަރުތަކުގައި ސިޓީއަށް ގިނަ މެޗުތަކެއް ކުޅެދީފަ އެވެ.

ޒުވާން ދައުރުގައި ވިންގެއްގެ ރޯލު އަދާ ކުރި ޕާޑޯ ވަނީ އޭނަގެ ކެރިއަރުގައި ގިނަ ޕޮޒިޝަންތަކަކަށް ކުޅެފަ އެވެ. އެހެން ނަމަވެސް އޭނާ އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވަނީ ސިޓީގެ ފުލްބެކްގެ މަގާމަށް ކުޅުނު ދުވަސްވަރެވެ. އޭނާ ވަނީ 1970 ވަނަ އަހަރު ވެމްބްލީ ސްޓޭޑިއަމުގައި އޮތް އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ވެސްޓް ބްރޯމް ކޮޅަށް ގޯލު ޖަހައި ސިޓީއަށް ތަށި އުފުލާލައިދީފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ 1968 އަދި 1969 ވަނަ އަހަރު ސިޓީއިން އިނގިރޭސި އެފްއޭކަޕް އުފުލާލި ޓީމުގައި ހިމެނިފަ އެވެ. އަދި ޕާޑޯ ވަނީ 1970 ވަނަ އަހަރުގެ ޔޫއެފާ ކަޕް ވިނާސް ކަޕުގެ ތަށި ސިޓީއިން އުފުލާލުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

"ސިޓީގެ ހުރިހާ އެންމެން ވެސް ޕާޑޯގެ މަރުގެ ހަބަރު އަޑުއެހީ ފުން ހިތާމައާއެކު. މިވަގުތަކީ ޕާގޯގެ އާއިލާއަށާއި، ގާތް ރަހުމަތްތެރިންނަށް ހިތްވަރުދޭންވީ ވަގުތު،" މެންޗެސްޓާ ސިޓީއިން ބުނެފައިވެ އެވެ.

ޕާގޯ އަކީ ސިޓީގެ ތާރީހުގައި ވެސް އެ ކުލަބުގެ ސީނިއާ ސްކޮޑުން ޖާގަ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ 1962 ވަނަ އަހަރު ސިޓީއަށް ކުޅެން ފެށި އިރު އުމުރަކީ އެންމެ 15 އަހަރެވެ.

ސިޓީއަށް ޖުމުލަ 380 މެޗު ކުޅެދިން ޕާޑޯ ވަނީ 1976 ވަނަ އަހަރު ފުޓުބޯޅައިން ރިޓަޔާ ކުރުމަށްފަހު 1992 އާ ހަމައަށް އެ ކުލަބުގެ ކޯޗިންގް އޭރިއާގައި މަސައްކަތް ކޮށްފަ އެވެ.

comment ކޮމެންޓް