މާލޭގައި ތިބި 26 ރިސޯޓް މުވައްޒަފަކާ ގުޅޭ ގޮތް ނުވެގެން ރަށަށް ނުގެންދެވިފައި

ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން ލޮކްޑައުން ކުރުމުގެ ކުރިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ބަޔަކު މާލެ އިން ފުރަނީ: ރަށަށް ދާން ބޭނުންވެފައި 5000 އަށް ވުރެ ގިނަ މީހުން އެބަތިބި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލެ ފުރަބަންދުކޮށްފައި އޮތުމުން ރިސޯޓްތަކުން މާލެ އައިސް ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން 26 މީހަކާއި ގުޅޭނެ ގޮތް ނުވުމުގެ ސަބަބުން އެ ފަރާތައް ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19ގެ ބަލި މީހަކު ފެނުނު ފަހުން ލޮކްޑައުން ކޮށްފައި އޮންތަނާ މިއަދަށް 42 ދުވަސް ވަނީ ވެފައެވެ. އެ މުއްދަތުގައި މާލެ އިން އެހެން ރަށަކަށް ދެވޭނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށްފަހު އެވެ. ރަށް ރަށަށް ދާން ބޭނުން ފަރާތްތަށް ނަން ނޯޓް ކުރުމަށް ހުޅުވާލިރު ކޮންމެހެން ގެންދަން ޖެހޭ މީހުންގެ ކެޓަގަރީގައި ރިސޯޓްތަކުން އަމިއްލަ ރަށަށް ދިއުމަށް މާލެ އައިސްފައިވާ މީހުން ހިމެނެ އެވެ.

ނަން ނޯޓް ކުރުމަށް ހުޅުވާލުމުން ޖުމްލަ 582 މީހަކު ލިސްޓް ކޮށްފައިވާ ކަން ޓުއަރިޒަމް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ރިސޯޓް މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ 80 ފަރާތެއް ވަނީ އުނިކޮށްފަ އެވެ.

ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން 467 މީހަކު ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ފޮނުވާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މިހާރު ކަރަންޓީން ފެސިލިޓީތަކަށް ނުގެންދެވި ވަނީ 35 މުވައްޒިފެކެވެ. އޭގެ ތެރެއިން 26 މުވައްޒަފަކާ ނުގުޅުމުގެ ސަބަބުން އެ ފަރާތްތައް ދާން ބޭނުންވާ ރަށަށް ގެންދިއުމުގެ ކުރިން ކަރަންޓީނަށް ގެންދިއުމަށް ކުރާ މަސައްކަތް ހުއްޓިފައިވާ ކަން ޓުއަރިޒަމް މިނިސްޓްރީން ބުންޏެވެ.

މާލެ ސަރަހައްދު ފުރަބަންދުކުރުމާ ގުޅިގެން ރަށްރަށަށް ދާން ބޭނުންވެ، ތާށިވެފައި ތިބި މީހުންގެ ތެރެއިން 2،000 އަށް ވުރެެ ގިނަ މީހުން ކަރަންޓީން ފެސިލީޓީތަކަށް ގެންގޮސްފައިވާ ކަމަށް އެންއީއޯސީއިން ރޭ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް