ދިރާގު ހިލޭ ޑޭޓާއާއި ޑިސްކައުންޓު އަންނަ މަހުވެސް ލިބޭނެ

ދިރާގު ހެޑްއޮފީސް--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކޮވިޑް-19 އާ ގުޅިގެން ދިރާގު ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ޑިސްކައުންޓް އާއި ހިލޭ ޑޭޓާގެ އޮފާތައް އަންނަ މަހުގައިގައި ދިނުމަށް އެކުންފުނިން ނިންމައިފި އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކު ދިރާގުން ވަނީ ކަސްޓަމަރުންނަށް މޯބައިލް ޑޭޓާ އާއި ބްރޯޑްބޭންޑު ހިދުމަތައް ލުއިތަކެއް ދީ އިތުރު އެލަވެންސްތަކެއް ދެމުންނެވެ.

ދިރާގުން ބުނެފައިވަނީ މި ދުވަސްވަރަކީ ހުރިހާ އެންމެންވެސް ގޭގައި ތިބެން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން މިދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ކުރިން ފޯރުކޮށްދެމުން އައި އޮފާތައް އަންނަ ޖޫން މަހުގައިވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަނީ ހިލޭ ޑޭޓާ އެލަވެންސް އާއި ޑޭޓާ ބޫސްޓަރުގެ ޑިސްކައުންޓުތައް ތައާރަފުކޮށްފައެވެ. ދިރާގުން ބުނެފައިވަނީ ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓް އާއި 140 ޕަސެންޓް އާ ދެމެދުގެ ހިލޭ އިތުރު ޑޭޓާ ލިބޭނެ ކަަމަށެވެ.

ބްރޯޑްބޭންޑް ބޭނުންކުރާ ފަރާތްތަކަށް ހިމަނާފައިވާ ބޫސްޓާ ތަކުން 50 ޕަސެންޓުގެ ޑިސްކައުންޓެއް އަންނަ މަހުގެ 15ގެ ނިޔަލަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ފޯރުކޮށްދޭ މޯބައިލް ޑޭޓާއިންވެސް ލުއިތަކެއް ދިނުމަށް ވަނީ އެކުންފުނީން ނިންމާފައެވެ. އެގޮތުން މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ، ފާއިތުވި ދެ މަހެކޭ އެއްގޮތަށް އަންނަ މަހުގައިވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މާޗު މަހުން ފެށިގެން ދެމުން އައި މޯބައިލް ޑޭޓާ ބޫސްޓާތަކުން 50 ޕަސެންޓުގެ ޑިސްކައުންޓެއް އަންނަ މަހުގެ 15ގެ ނިޔަލަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މޯބައިލް ޑޭޓާގެ އާއި ފިކްސްޑް ބްރޯޑްބޭންޑުގެ އިތުރުން ޕްރީޕެއިޑް، މަމެން އަދި މޯބައިލް ހޯމް ބްރޯޑްބޭންޑްގެ ހިދުމަތްތަކަށްވެސް ލުޔެއް ދިނުމަށް ދިރާގުން ވަނީ ކުރިން ނިންމާފައެވެ. އެ ނިންމުން އަންނަ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އެގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް އެޑްއޮންގެ ގޮތުގައި 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭއިރު މަމެން ހިދުމަތައް 20 ޕަސެންޓު އިތުރު އެލަވެންސް ލިބިގެންދާނެއެވެ. އަދި މޯބައިލް ހޯމް ބްރޯޑްބޭންޑުގެ ހުރިހާ ބޫސްޓާތަކުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

comment ކޮމެންޓް