ކޮވިޑް-19 ގެ ދެވަނަ ރާޅެއް މިއަހަރުގެ ފަހުކޮޅު ނަގާނެ: ޑަބްލިއުއެޗްއޯ

ޑރ. މައިކް ރިޔަން

ޖެނީވާ (26 މޭ 220): ކޮވިޑް-19 ގެ ދެވަނަ ރާޅެއް މިއަހަރުގެ ފަހުކޮޅު ނެގުން ވަރަށް ގާތްކަމަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޖަމްއިއްޔާގެ ސިއްހަތުގެ ކުއްލި ހާލަތާބެހޭ ޕްރޮގްރާމްގެ ވެރިޔާ ޑރ. މައިކް ރިޔަން ވިދާޅުވީ މިހާރު ދުނިޔެ ތަހައްމަލް ކުރަމުންމިދަނީ ކޮވިޑް-19 ގެ ފުރަތަމަ ރާޅުކަމަށާއި ކާމިޔާބު ވެކްސިން އެއް ނުއުފެއްދިއްޖެނަ އެ ރޯގާގެ ދެވަނަ ރާޅެއް މިއަހަރުގެ ފަހުކޮޅު ނަގާނެ ކަމުގައެވެ.

ކޮވިޑް-19 ފަދަ ރޯގާތަކަކީ އެކި ދުވަސްވަރު ރާޅުގޮތަށް އަންނަ އެއްޗެއް ކަމަށާއި ފުރަތަމަ ރާޅުގެ ބާރު ގިނަ ގައުމުތަކުގައި މިހާރު ކުޑަވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ރިޔަން ވިދާޅުވީ ދިގުމުއްދަތަކަށް ފުރަބަންދުގައި ނުތިބެވޭނެތީ ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ގައުމުތަކުން މިހާރު ލުއިދެމުން ގެންދާކަމުގައެވެ. އެެހެންކަމުން ކޮވިޑް-19 ގެ ދެވަނަ ރާޅު ނަގާނީ ލުއިދިނުމާއެކު ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެވޭ އިހުމާލުގެ ތެރެއިންކަން ރިޔަން ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 އަކީ މޫސުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ކުރާ ވައިރަސްއެއްކަމަށް ސައިންސްވެރިން ބުނެއެވެ. ކޮވިޑް-19 ވައިރަސް ދިރާސާކުރާ ޗައިނާގެ ސައިންސްވެރިންވަނީ އެގައުމުގެ ތަފާތު ސަރަހައްދުތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ ހަށިގަނޑުން އަލާމާތްތައް ފެންނަގޮތަށް ވަރަށް ތަފާތުކަން ފާހަގަ ކުރައްވާފައެވެ. އެހެންވަނީ ފިނި ހޫނުމިނާއި ވައިގެ ތެތްކަން ހުންނަމިންވަރުން ކަމުގެ އަސަރު އެވައިރަހށް ކުރާތީ ކަމަށް ޗައިނާގެ ސައިންސްވެރިން ބުނެއެވެ.

ޑރ. ރިޔަން ވިދާޅުވީ ކޮވިޑް-19 މައިތިރިވަމުންދާކަން ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް އެކަން ދާއިމީގޮތެއްގައި އެގޮތަށް ނޯންނާނެކަމަށާއި ޕޮޒިޓިވް ހާލަތު ގިނަ ދުވަސްވަރާއި މަދުދުވަސްތައް އަންނާނެކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ މިހާރު ގެ ހާލަތަށް ބަލާއިރު އެރޯގާގެ ނުރައްކާ އަދިވެސް އޮތީ ކުރިޔަށްކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގައި ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް ލުއިދިނުމާއެކު އެގައުމުގައި ޕޮޒިޓިވްވާ މީހުން ގިނަވާކަން ފާހަގަ ކުރެވުނު ނަމަވެސް ޔޫރަޕްގެ ގައުމުތަކުން އެކަން އެގޮތަށް ފެނިފައެއް ނުވެއެވެ.

ޔޫރަޕްގައި ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށްކުރި ހަތަރު ގައުމު ކަމަށްވާ އިޓަލީ، ފަރަންސޭސިވިލާތް، ސްޕޭން އަދި ޖަރުމަނުން ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ ކުރީކޮޅު ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް އެއިން އެއްވެސް ގައުމަކުން ޕޮޒިޓިވް ކޭސްތައް ކުރިޔަށްވުރެ އިތުރުވެފައެއް ނުވެއެވެ. އަދި ޗައިނާގައިވެސް ލުއިތައްދީ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައިވީ ނަމަވެސް ޕޮޒިޓިވް ކޭސްތައް އިތުރުވެފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް