ކޮވިޑް-19: ރަޝިއާގައި ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ

ކޮވިޑް-19 އާ ގުޅިގެން ރަޝިއާގެ ސިއްހީ ދާއިރާގެ ފަރާތްތައް ހަރަކާތްތެރިވަނީ --- ފޮޓޯ: ޜޭލް ޓްރޭޑާ

ރަޝިއާގައި ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 174 މީހުން މަރުވެފައިވާ ކަމަށެވެ. މިއީ ރަޝިއާގައި ވައިރަސް ޖެހިގެން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ކަމަށް ރިކޯޑު ކުރެވުނު އަދަދެވެ.

ރަޝިއާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވާގޮތުގައި އެގައުމުގައި މިހާރު ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 3،807 އަށް ވަނީ އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވައިރަސް އަށް 8،915 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 362،342 އަށް އަރާފައެވެ. އެއީ މުޅި ދުނިޔޭގައި ތިންވަނަ އަށް އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ގައުމެވެ.

ރެކޯޑް އަދަދަކަށް މަރުގެ ކޭސްތަކެއް ފެނުނު އިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ވައިރަސް ޖެހި 12،331 މީހުން ރަނގަޅު ވެފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

ރަޝިއާގައި ވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާތީ އެގައުމުގައި އިއުލާނުކޮށްފައިވާ ފުރަބަންދު ލުއިކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް