އިންޑިއާގައި ކޮވިޑް-19 ފެތުރޭތީ އެގައުމުގައި ތިބި ޗައިނާގެ ރައްޔިތުން ގެންދަނީ

ނިއުދިއްލީ (26 މޭ 220): އިންޑިއާގައި ކޮވިޑް-19، ކުރިޔަށްވުރެ ބާރަށް ފެތުރެމުންދާތީ އިންޑިއާގައި ތިބި ޗައިނާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ޗައިނާ އިން ނިންމައިފިއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ ހިންދުސްތާން ޓައިމްސް ބުނާގޮތުން ނިއުދިއްލީގައި ހުންނަ ޗައިނާގެ އެންބަސީންވަނީ އެގައުމުގައި ދިރިއުޅޭ ޗައިނާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާމީހުން އޮންލައިންކޮށް ޗައިނާގެ އެންބަސީގައި ނަމާއި އެޑްރެސް ނޯޓްކޮށް ދަތުރަށް ތައްޔާރުވެ ތިބުމަށް އަންގާފައެވެ.

އިންޑިއާގައި ތިބި ޗައިނާގެ ރައްޔިތުން އަނބުރައި ގައުމަށް ގެންދާނީ އެކަމަށް ޚާއްސަކޮށްގެން ޗައިނާ ސަރުކާރުން ބާއްވާ ފްލައިޓްތަކަކުން ކަމަށް ބެލެވޭއިރު ފްލައިޓްތައް އިންތިޒާމު ކުރުމާބެހޭގޮތުން ދެގައުމުގެ ކަމާބެހޭ އިދާރާތަކުން ވާހަކަ ދައްކަމުން ގެންދާކަމަށް ހިންދުސްތާން ޓައިމްސް ބުނެއެވެ.

އިންޑިއާގައި އާދީއްތަ ދުވަހުވަނީ 6000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއީ އެއްދުވަހުގެ ތެރޭގައި މިހާ ގިނައަދަދަކަށް އިންޑިއާގައި އެރޯގާއަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއާއެކުވެސް އިންޑިއާ ސަރުކާރުންވަނީ އެތެރޭގެ ވައިގެ ދަތުރުތައް ހޯމަދުވަހު އަލުން ފަށާފައެވެ. އަދި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ދިގުލައިގެންދާތީ އެފިޔަވަޅުތައް ލުއިކުރުމުގެ މަސައްކަތްވެސް އިންޑިއާއިންވަނީ ފަށާފައެވެ.

އިންޑިއާގައި ގިނައިން އުޅެނީ އިންޑިއާގައި ބޮޑެތި މަޝްރޫއުތައް ތަންފީޒުކުރާ ޗައިނާގެ ކުންފުނިތަކުގައި މަސައްކަތްކުރާ ފަންނީ މީހުންނާއި ޔޯގާ ދަސްކުރަން އައިސްގެން އުޅޭ މީހުންކަމަށްވެއެވެ. ނަމަވެސް ފަތުރުވެރިންގެ ގޮތުގައި އައިސް އުޅޭމީހުންނާއި އިންޑިއާގެ ހިންދޫންގެ ތާރީޚީ ތަންތަނަށް ބަލާލަން އަންނަ ޗައިނާގެ ބުޑިސްޓުންވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ.

ބޭރުގައުމުތަކުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން އަނބުރައި ޗައިނާއަށް ގެންދިޔުމުން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބެންޖެހެއެވެ. ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލްކޮށް އެބަލީގެ މައްޗަށް ކާމިޔާބު ހޯދިކަން ރަސްމީ ސިފައެއްގައި އިއުލާނުކޮށްފައިވީނަމަވެސް ބޭރުގައުމުތަކުގައި އުޅުމަށްފަހު އެނބުރި އަންނަ ޗައިނާ ގެ ބައެއް ރައްޔިތުން އެރޯގާއަށް ޕޮޒިޓިވް ވެއެވެ. (ހިންދުސްތާން ޓައިމް)

comment ކޮމެންޓް