މެނީލާ (މެއި 26): ފިލިޕީންސްގެ ސްކޫލުތައް ހުޅުވާނީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ވެކްސިނެއް ލިބުމުން ކަމަށް އެގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.
ފިލިޕީންސްގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ސްކޫލުތައް ބަންދު ކުރީ މިދިޔަ މާޗް މަހުގަ އެވެ. އަދި އެގައުމުން ރާވާފައި އޮތީ އަންނަ އޮގަސްޓު މަހުގެ ފަހުކޮޅު ސްކޫލުތައް ހުޅުވާލާށެވެ. އާއްމު ގޮތެއްގައި އެގައުމުގެ ސްކޫލުތަކުގެ ކިޔެވުން އޮންނަނީ ޖޫން މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޭޕްރިލްއާ ހަމަޔަށެވެ.
ނަމަވެސް އިއްޔެ ޑުޓާޓޭ ދެއްވި ތަގުރީރެއްގައި ވަނީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅުނު ނަމަވެސް އެކުދިން ސްކޫލަށް ފޮނުވުން މާ ނުރައްކާތެރި ކަމަށް ވިދާޅުވެފަ އެވެ.
"ދަރިވަރުން ވައިރަހުން ރައްކާތެރިވެފައިވާކަން ޔަގީން ނުވާ ނަމަ ކްލާސްތައް އަލުން ފެށުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އަޅުގަނޑަށް ފުރަތަމަ ކަމަކީ ވެކްސިނެެއް ލިބުން. ވެކްސިނެއް ލިބިއްޖެ ނަމަ ދެން އެންމެ ރަނގަޅު،" ޑުޓާޓޭ ވިދާޅުވި އެވެ.
ފިލިޕީންސްގެ އެޑިއުކޭޝަން ޑިޕާޓްމެންޓުން ނިންމާފައި އޮތީ ދެން ކިޔެވުން ފަށާ އިރު ސްކޫލުތަކަށް ހާޒިރު ވުމުގެ އިތުރުން އޮންލައިން ކްލާސްތައް ވެސް ކުރިއަށްގެންދާ ގޮތަށެވެ.
ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ އަދަދެއްގެ ތަހުލީލުތައް ކުރަމުން ދިޔަ ނަމަވެސް ވެކްސިނެއް ހޯދާ، ދުނިޔޭގެ އެންމެންނަށް ބޭނުން ކުރެވޭ ވަރަށް އުފެއްދޭނީ ކޮން އިރަކު ކަމެއް އަދި ޔަގީންވެފައި ނުވެ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ވައިރަސް އެއްކޮށް ނައްތާނުލެވުން އެކަށީގެންވާ ކަމަށާއި އެހެންކަމުން ބައްޔާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން ކޮރޯނާވައިރަހާ ގުޅިގެން މީގެ ކުރިން ސްކޫލުތައް ބަންދު ކުރި ބައެއް ގައުމުތަކުން މިހާރު ސްކޫލުތައް ހުޅުވަމުންދާ އިރު އެހެން ބައެއް ގައުމުތަކުން ދަނީ ސްކޫލުތައް ހުޅުވަން ތައްޔާރުވަމުންނެވެ.
ފިލިޕީންސްގައި މިހާތަނަށް 14،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 886 މީހަކު ވަނީ މަރުވެފަ އެވެ.