އެއް މަސް ތެރޭ 70،000 ބަސްތާ ކާޑު އެސްޓީއޯ އިން ވިއްކި

އޭޕްރީލް 22، 2020: އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި މަހެއްހައި ދުވަހުގެ ތެރޭގައި އެސްޓީއޯ އިން 70،000 ބަސްތާ ކާޑު ވިއްކާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އާންމުކޮށް ރޯދަމަހު ރަށްރަށަށް ކާޑު ގެންދާ މިންވަރު އެނޫން މަސްތަކާ އަޅާބަލާއިރު އިތުރު ކަމަށެވެ. ނަމަވެސް މި އަހަރުގެ ރޯދަމަހު ރަށްރަށަށް ކާޑު ގެންދިޔަ މިންވަރު އެއަށްވުރެވެސް އިތުރުވެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

އެގޮތުން ފާއިތުވި މަހެއް ހައި ދުވަހުގެ ތެރޭގައި 70،000 ބަސްތާ ކާޑު ރަށްރަށަށް ފޯރުކޮށްދެވިފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ދުރާލާ ވިސްނައިގެން އިތުރު ގުދަންތައް ހަދާ، އިތުރަށް ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސްފައިވާތީ، ކާޑުގެ ދަތިކަމެއް ކުރިމަތިނުވެ، ކާޑުގެ ބާވަތްތައް ހުސްނުވެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

ރަށްރަށަށުން ކާޑު ގެންދާ މިންވަރު އެސްޓީއޯގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި، އެއްވެސް ރަށެއްގައި ކާޑު މަދުވާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެރަށެއްގެ ކައުންސިލާ ގުޅައިގެން އެ މައުލޫމާތު ސާފުކޮށް ހަދާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

"ކާޑާއި އެހެނިހެން ތަކެތި ޑެލިވަރީ ކުރުމަށް އައި އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑުމެންގެ 200 އަށް ވުރެ ގިނަ މުވައްޒަފުން ކަރަންޓީނު ކުރަން ޖެހުން، މިކަމުގެ ސަބަބުން ޑެލިވަރީ އަށް ހުއްޓުމެއް އައި ނަމަވެސް އެއް ދުވަސް ތެރޭ އަލުން މަސައްކަޔް ފެށުނު. ޑެލިވަރީ ހިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަނުގެ ސްޓާފުންގެ އެހީ ލިބުނުކަން ފާހަގަ ކުރަން،" އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުސް އެސްޓީއޯގެ 980 މުވައްޒަފުން ފްރަންޓުލައިންގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ހިދުމަތްތަކެއް ގުޅިފައިވަނީ އެސްޓީއޯ އަށް ކަމަށާއި ރައްޔިތުންނަށް ދަތިނުވެ، އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ސްޓާފުން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް