ދެކުނު ކޮރެއާގައި ކަރަންޓީނާ ދެކޮޅު ހެދި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ދެކުނު ކޮރެއާގެ މަގެއް ޑިސްއިންފެކްޓް ކުރަނީ -- ފޮޓޯ: އީޕީއޭ

ސޯލް (މެއި 26): ދެކުނު ކޮރެއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަމަލު ކުރަމުންދާ ކަރަންޓީނު ކުރުމާ ބެހޭ ގަވާއިދުތަކާ ހިލާފުވި މީހަކު ހަތަރު މަހަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ބީބީސީގައިވާ ގޮތުން ދެކުނު ކޮރެއާގެ ގުޔޮންގީ ޕްރޮވިންސުގައި 27 އަހަރުގެ ފިރިހެނަކު ޖަލަށް ލާން ހުކުމް ކުރީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ގޭގައި ކަރަންޓީނުވާން ދޫކޮށްލުމުން 14 ދުވަސް ވުމުގެ ކުރިން ގެއިން ބޭރަށް ދިޔުމުންނެވެ. އަދި އޭގެ ފަހުން ސަރުކާރުގެ ކަރަންޓީނު ފެސިލީޓީއަކަށް ބަދަލު ކުރުމުން ވެސް ހުއްދައާ ނުލައި ބޭރަށް ދިޔުމުންނެވެ. އެމައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގަ އެވެ.

އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނީ ކޮން ސަބަބަކާ ހެދި ކަމެއް ބީބީސީން ރިޕޯޓުކޮށްފައި ނުވެ އެވެ.

އޭއެފްޕީގައިވާ ގޮތުން އެ މީހާ ޖަލަށް ލާން ހުކުމް ކުރީ ދެކުނު ކޮރެއާގެ އިންފެކްޝަސް ޑިޒީސެސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެކްޓުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ކަރަންޓީނުގެ ގަވާއިދުތަކާ ހިލާފުވާ މީހުން ގިނަވެގެން އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށް، 8،000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ.

ދެކުނު ކޮރެއާގައި ކޮރޯނާވައިރަސް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވަނިކޮށް މި މަހުގެ ފުރަތަމަ ހަފްތާގައި އެގައުމުގެ ވެރިރަށުން ވަނީ 200އަށް ވުރެ ގިނަ މީހުން ހިމެނޭ ވައިރަހުގެ ކްލަސްޓާއެއް ފެނިފަ އެވެ. ނަމަވެސް އެގައުމުން ވަނީ އެ ކޭސްތައް މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އެގައުމުގައި ދަނީ ވައިރަސް ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަމުންނެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް 11،225 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 10،275 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލި ޖެހިގެން އެގައުމުން 269 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް