ބަލި ޖެހުނުކަން ނޭނގި ބަލިން ރަނގަޅުވެފައިވާ މީހުން ދަނީ ފެންނަމުން: ޑރ. ނަޒްލާ

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ: ބަލި ޖެހިފަ ބަލިން ރަނގަޅުވި މީހުންވެސް ފެނިފައިވާ ކަމަށް ވިދާލުވި --- ފޮޓޯ/ އެންއީއޯސީ

ބަލި ޖެހުނުކަން ނޭނގި ބަލިން ރަނގަޅުވެފައިވާ މީހުން ތިބިތޯ ބެލުމަށް މިފަހުން ހެދި އެންޓިބޮޑީ ޓެސްޓްތަކުން ބަލި ޖެހި ބަލިން ރަނގަޅުވި މީހުންވެސް ފެނިފައިވާ ކަމަށް އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީފު ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ އިން މީގެ ކުރިން ވަނީ ރާއްޖޭގައި ވައިރަސް ފެތުރިގަތްފައިވާ މިންވަރު ބެލުމަށްޓަކައި ހަދާ ދިރާސާއަކަށް އެންޓިބޮޑީ ޓެސްޓްތަކެއް ހަދަމުންދާ ކަމަށް ބުނެފަ އެވެ. އެންޓިބޮޑީ ޓެސްޓް ހަދަނީ، މީހަކަށް އެއްފަހަރު ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގައި އުފައްދާ ދިފާއީ ޕްރޮޓީން ހުރިތޯ ބެލުމެވެ.

ރޭ ދަރުބާރުގޭ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެންޓިބޮޑީ ޓެސްޓުތައް އަދިވެސް ހަދަމުންދާ ކަމަށާއި ޓެސްޓުތައް ހަދަމުންދަނީ ބޮޑަށް ތޮއްޖެހިފައި ތިބި ތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ ކަމަށެވެ. އަދި މިހާތަނަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އިން އޭގެ ތެރެއިން ބައެއް މީހުންގެ އެންޓިބޮޑީ ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"އެންޓިބޮޑީގައި މި ބަލަނީ ދެ އެއްޗަކަށް. އައިޖީއެމް އެންޓިބޮޑީޒް ޕޮޒިޓިވްވަނީ ބަލި ހުންނަތާ 10 ދުވަސް ފަހުން. އޭގެއިން ދައްކައިދެނީ ވަރަށް ފަހުން އެމީހަކަށް ބަލި ޖެހިފައި ހުރިކަން. ދެވަނައަށް އެއްޗަކީ އައިޖީޖީ. އައިޖީޖީގެ މާނައަކީ އެމީހަކަށް ބަލިޖެހިފައި މިހާރު ރަނގަޅުވެފައޭ އެހުރީ. މިހާރު ހެދި ޓެސްޓުތަކުގެ އެބަހުރި އެންޓިބޮޑީސް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ ---

އޭނާ ވިދާޅުވީ، އެންޓިބޮޑީ ޓެސްޓަށް އެފަދަ ސައިޓުތަކުން ނެގި ބައެއް ސާމްޕަލްތަކުގައި ބައެއް މީހުންގެ އައިޖީއެމް ވެސް އަދި އައިޖީޖީވެސް ފެނިފައި އެބަހުރި ކަމަށެވެ.

މިހާރު ކޮވިޑަށް ޓެސްޓުކުރަމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓުން ކުރިން އެމީހެއްގެ ގައިގައި ވައިރަސް ޖެހި ރަނގަޅުވި ކަމެއް ދެނެނުގަނެވެ އެވެ. އެންޓިބޮޑީ ޓެސްޓު ހަދަނީ އެ ބޭނުމަށެވެ.

ނަޒްލާ ވިދާޅުވީ، މިހާރު ކޮންމެވެސް ވަރަކަށް އެންޓިބޮޑީ ޓެސްޓުތަކުގެ ނަތީޖާ ލިބުނު ނަމަވެސް މިކަމުގައި ޖުމްލަ ޕަސެންޓެއް ދެންނެވޭނީ ބޭނުންވާވަރަށް ސާމްޕަލް ނެގެމަށް ފަހު ކަމަށެވެ. އަދި ސާމްޕަލް ނެގުމަށް ބޭނުންވާ ހުރިހާ ސައިޓުތަކުން ސާމްޕަލް ނެގުމަށްފަހު، ހުރިހާ ސާމަޕްލްގެ ނަތީޖާ އެއްކޮށްލުމަށްފަހު ނަތީޖާ އާންމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާ ޕަސެންޓެއްގެ މީހުންނަށޭ ވައިރަސް ޖެހިފައި ހުރީ ދެންނެވޭނީ ސާމްޕަލް ނަގަން ބޭނުންވާ ހުރިހާ ތަނެއްގެ ސާމްޕަލް ނަގާފައި އޭގެ ނަތީޖާތައް ލިބުނީމަ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

comment ކޮމެންޓް