ރާއްޖޭގެ ސްކޫލްތައް ހުޅުވަން ޑަބްލިއުއެޗްއޯއިން އެހީތެރިވެދެނީ

އޭޕްރީލް 6، 2020: ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސްކޫލްތައް ހުޅުވަން ޑަބްލިއުއެޗްއޯއިން އެހީތެރިވެދޭން ނިންމައިފި އެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ރާއްޖޭގެ ސްކޫލްތައް މިދިޔަ މާޗް މަހުން ފެށިގެން އޮތީ ބަންދުކޮށްފަ އެވެ.

މާލެ ފުރަބަންދުކުރި ކުރި ފަހުން މިދިޔަ އޭޕްރީލް މަހު 15 ގައި ޓެލެކްލާސްތައް މެދުކަނޑާލުމަށްފަހު އަލުން ޓެލެކްލާސްތައް ފެށީވެސް އިއްޔެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ބުނީ ސްކޫލްތައް ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށާއި އަދި އެކަން ކުރާނީ ސްކޫލްތައް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން އިއްޔެ ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރުއާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވަވައިފައެވެެ.

އެ ބައްދަލުވުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް އަލުން ފެށުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން "ސެނިޓައިޒް" ކުރުމަށް ބޭނުންވާ ތަކެއްޗާއި އަދި އެކަމަށް މީހުން ތަމްރީންކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން އެއްބަސްވެފައިވާ ކަމަށެެވެ.

ސްކޫލްތައް އަލުން ހުޅުވާއިރު ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ހުރިތޯ ބަލާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ސްކޫލްތައް ހުޅުވޭއިރު އާންމުކޮށް ދަރިވަރުން އަތްލާ ހަދާނެ ތަންތަން ޑިސްއިންފެކްޓްކޮށް އެކަންކަން ކުރާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން މީގެ ކުރިން ބުނީ ސްކޫލްތައް އަލުން ހުޅުވާނީ އަންނަ މަހު 16 އިގެ ފަހުން ކަމަށެވެ. ނަމަވެސް ސީދާ ވަކި ދުވަހެއް ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް