ހައްލަކަށް ނާދެވުނު، އޮތް ގޮތަކީ ގާނޫނުއަސާސީ އިސްލާހުކުރުން: ހިސާން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން -- ފޮޓޯ/ މަޖިލިސް

ކޮވިޑް ރޯގާގެ ހާލަތާއެކު ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުން، ކައުންސިލުތަކަށް އަންނާނެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންގެ ދައުރު ފެށޭ މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެ އެވެ. އެމައްސަލަ ހައްލުކުރަން ގާނޫނީއަސާސީ އިސްލާހު ކުރުމާމެދު މަޖިލީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. ނަމަވެސް ބަންޑާރަނައިބު އަދި މަޖިލީހުގެ ކައުންސިލަ ޖެނެރަލްވެސް ލަފާދެއްވާފައު ވަނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނޫންގޮަތަކަށް މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމަށެވެ.

ކައުންސިލުތަކަށް އަންނާނެ ގާނޫނީ ހުސްކަން ހައްލު ކުރުމަށް، ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުނުކޮށް ގާނޫނުއަސާސީއިން މުއްދަތެއް ނުވަތަ ދައުރެއް ކަނޑައަޅާފައި އޮންނަ ކަމަކަށް އާންމު ގާނޫނަކުން ހައްލު ހޯދޭނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

"އަޅުގަނޑު ތާއީދު ކުރަނީ ގާނޫނުއަސާސީއަށް މި ހުށަހެޅިފައި އޮތް އިސްލާހު ފާސްކުރަން." ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ކައުންސިލަރުންގެ ދައުރު ދިގުކުރުމުން، އެމީހުން އެމަގާމުގައި ތިބޭއިރު ދިމާވެދާނެ މައްސަލަތަކަކާއި މެދު މެމްބަރުން މަޖިލީހުގެ ތަޅުމުގައި ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ކައުންސިލަރުންގެ ދައުރާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ސަންސެޓް ބިލު މަޖިލީހުގެ ކާމަރުކަޒީ ކޮމިޓީއިން ފާސްކުރިއިރު ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދެވިފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

https://sun.mv/137121

ހަސަން ލަތީފު ހުށަހެޅުއްވި ބިލަށް ކޮމިޓީއިން ބޮޑެތި އިސްލާހުތަކެއް ގެނަ އެވެ. އެގޮތުން ދައުރު ހަމަވުމަށް ފަހު ދެން ތިބޭނީ ވަގުތީ ކައުންސިލަރުން ކަމަށް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ލާމަރުކާޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލުތަކަށް ލިބިދޭ ބައެއް ބާރުތައް ވަގުތީ ކައުންސިލުތަކަށް ނުލިބޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް. ވިއްކުމާއި ހަމަސް ދުވަހަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި. އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި. ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި. ދަރަންޏަށް ފައިސާ ދިނުމާއި. އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި. ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި. ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި. ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު އެވެ." އިސްލާހު ކުރި ބިލުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް