ހޯހޯ! މަޖިލީހަށް ވެސް އިންތައް ފަހަނަ އަޅާ ނުދެވޭނެ

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ކޮވިޑް19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ބަހަނާއަކަށް ދައްކައިގެން އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީ މެމްބަރުން ފޫގަޅަން ފެއްޓެވީ ގާނޫނުއަސާސީއަށް އިސްލާހު ނުގެންނާށެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލް އާ ދައުލަތުގެ ބަންޑާރަނައިބުގެ ލަފާ އަޑު ނީވޭ ކަމަށް ހަދައި، ނަޝީދު ގަސްތުގައި އެކަން ދިގު ދެންމި އެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ގަސްތުގައި އެޖެންޑާނުކޮށް ވަގުތުތަކެއް ބޭކާރުކޮށްލި އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާން ހަފްތާއަކަށް ވީއެވެ. އެކަމަކު އެ މަސައްކަތް ކުރަން ބަރާބަރު މަސް ދުވަސް ލިބި ދުވަސްތައް ބޭކާރުކޮށްލީ އެވެ. ގާނޫނީ ގިނަ ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭކަށް ނެތް ކަމަށެވެ. ނަމަވެސް އެކަމުގައި ނަޝީދު ވެސް އެމްޑީޕީވެސް ގޮތް ދޫނުކުރެ އެވެ. މަޖިލީހުން އެކަމަށް ހޯދަންޖެހޭ ފަރުުވާ ހޯދިފައި ނުވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންވާ ގޮތަށް އެކަން ކުރެވެން ނެތިގެންނެވެ.

އެ މައްސަލަ ނުނިންމައި އަނެއްކާ މަޖިލީހުން މިއޮތީ އަނެއް ޑްރާމާ ފަށައިފަ އެވެ. އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަމުން ގޮސް ކުއްލިއަކަށް އިއްޔެ މިވަނީ މަޖިލީހުގެ ޖަލްސާތައް ތަޅުމުގައިި ކުރިއަށް ގެންދަން ނިންމައިފަ އެވެ.

ޖަލްސާތައް ތަޅުމަށް ބަދަލުކުރީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ނޫން ތަނަކު ކުރިއަށްގެންދަން އެމަނިކުފާނު ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެވެ.

އެންމެ ފަހުން މަޖިލިސް ރައީސްގެ ކެތްތެރިކަން ކޮޅުންލައި، ލޮކްޑައުނަށް ލުއި ދޭ ދުވަހަށް މަޑުނުކުރެވޭނެކަން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ވެސް އެންގެވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް މަޖިލިސް މެމްބަރުން ޖަލްސާތަކަށް ހާޒިރުވާން ނިންމީ ކޮން އުސޫލަކުން ކަމެއް ސާފެއް ނުވެއެވެ. އަދި އެކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ ލަފައެއް ވެސް ހޯދާފައެއް ނުވެ އެވެ.

ކަމާބެހޭ ފަރާތްތަކުގެ ލަފައެއް، މަޝްވަރާއެއް ނެތި މަޖިލީހުން ނިންމި ނިންމުމަށް، ބައެއް މެމްބަރުން ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ ހުއްދަ ލިބިގެން ނޫނީ ޖަލްސާއަށް ހާޒިރުނުވާނެ ކަމަށް ވެސް ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއަށް އެންގި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.

މި ބަހުސަށް ދެން ވާހަކަދައްކަވަން ފެއްޓެވީ ގާނޫނީ ބޭފުޅުންނެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރެއްވި ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ އެޗްޕީއޭގެ ހުއްދައެއް ނެތި، ތަޅުމުގައި ޖަލްސާ ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ބައެއް މެމްބަރުންގެ ވާހަކަވެސް ހުންނެވީ އެ މޭރުމުންނެވެ.

ނަމަވެސް ނަޝީދު ވިދާޅުވާ ކޮންމެ ކަމަކަށް ކުރައްވާ ކޮންމެ ކަމަކަށް "އެޅިހާ ބަތަކަށް ރިހަ" ވެފައި ތިއްބަވާ މެމްބަރުން ވަނީ ނަޝީދުގެ ނިންމެވުން ދިފާއުކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަން އެއްވެސް ފަރާތަކުން ހުރަސްއަޅާނަމަ އެފަރާތަކާ މެދު ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

ތެދެކެވެ. އިމްތިޔާޒް ގާނޫނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. ގާނޫނުއަސާސީއާއި އިމްތިޔާޒް ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޖަލްސާތަކާއި، ކޮމިޓީތަކާއި، މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އެކަމާ ސުވާލެއް ނެތެވެ. އަދި އެކަމާ މީހަކު ބެހޭކަށް ނުވެސް އުޅެ އެވެ.

އެ ގާނޫނުގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންކަން ހިނގާނެގޮތް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމު އޮތް ދަނޑިވަޅެއްގައި، ބޭރަށް ނުކުމެ އުޅުމާއި މީހުން ތަންތަނަށް އެއްނުވުމަށް އިލްތިމާސް ކުރަމުން އަންނަ އިރު އަދި މާލެ ފުރަބަންދެއްގައި އޮތް އިރު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެއްވެސް ލަފައެއް ނެތި މިފަދަ ނިންމުމެއް ނިންމިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.

ލޮކްޑައުންގައި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ބޭރަށް ނުކުތުން މަނާކޮށްފައި ވާއިރު، އެ ފިޔަވަޅުތަކުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވެސް އިސްތިސްނާ ނުވެ އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ބުނާގޮތުން އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލްކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލި ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކޮންމެ މީހަކު ވެސް އެއްބާރުލުން ދޭން ޖެހޭނެ އެވެ. އެކަމުން ވެސް ރައްޔިތުންގެ މަޖިލިސް އިސްތިސްނާވާ ކަމަކަށް ފެންނާކަށް ނެތެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ، މަޖިލިސް ބާއްވާނެތަނާއި ވަގުތު ކަނޑައަޅާނީ މަޖިލިސް އިދާރާއިން ކަމަށެވެ.

މެމްބަރަކު މަސްއޫލިއްޔަތު އަދާކުރުމަށް ހުރަހެއްނެތި މަޖިލީހަށް އައުމާއި ދިއުމުގެ ހައްގު އިމްތިޔާޒު ގާނޫނުގެ ތިން ވަނަ މާއްދާގެ ށ އިން މެމްބަރުނަށް ކަށަވަރު ކޮށްދީފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ގާނޫނު އަސާސީން އާންމު ރައްޔިތުންނަށް ވެސް ވަރަށް ބައިވަރު ހައްގުތަކެއް ކަށަވަރުުކޮށްދީފައިވެ އެވެ. ނަމަވެސް މި ހާލަތުގައިި ރައްޔިތުން ވެސް ތިބީ މައިމޫނާގެ އެއްގެވުމަށް ބޯލަނބައިގެންނެވެ. ގާނޫނު އަސާސީ ހިފައިގެން މިނިވަންކަމާ އެކު މަގުތަކަށް ނުކުމެ އުޅުމުގެ ހައްގު ހޯދަން ބޮޑާހާކާ މަންޒަރެއް ނުފެނެ އެވެ.

އިމްތިޔާޒްތަކުގެ ގާނޫނުގައި ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދައުލަތުގެ ސަލާމަތީ ބާރުތަކުން ހަމަޖައްސައިދޭންވާނެ އެވެ. ލޮކްޑައުންގައި ފުލުހުން 24 ގަޑިއިރުު މަގުތައް މޮނިޓާކޮށް، ވަކި އުސޫލެއްގެ ދަށުން ހުއްދަތައް ދޫކުރަމުން މި އަންނަނީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކަ އެވެ. މަޖިލިސް މެމްބަރުން ވެސް ހިމެނޭގޮތުންނެވެ.

ރައީސް ނަޝީދު ކޮންމެ ފަދަ ކަމެއް ކުރެއްވިޔަސް އައްސަރިބަހާއި ސާބަސް ދެއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު މިފަހަރުމި އުފެއްދެވީ އާދަޔާ ހިލާފު މޮޅު ގާނޫނީ ސުވާލެކެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. މިއަދާ ހަމައަށް ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ އެވެ. އާދަޔާ ހިލާފު މޮޅު ގާނޫނީ ސުވާލު އުފައްދަން ވީ މިއަދު ހެއްޔެވެ؟ ގާނޫނީ ފުށުއެރުންތަކެއް ހުރި ނަމަ އެކަމަށް ހައްލު ހޯދަން ވަގުތު ނުލިބޭ ހެއްޔެވެ؟ އެ ހައްލު ހޯދުމުގެ ބާރު އޮތީވެސް މަޖިލީހުގައި ނޫން ހެއްޔެވެ؟ އެމްޑީޕީގެ ސުޕަ މެޖޯރިޓީއަށް އެކަން ނުކުރެވެންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟

އެހެންކަމުން މިވަގުތު ގާނޫނީ މޮޅު ސުވާލު އުފައްދަވަންވީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައެއް ނޫނެވެ. މަޖިލީހުގެ ތެރެއިން އެކަން ކޮށް ނިންމާށެވެ. މަޖިލިސް މެމްބަރުުންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަހެއް ނާޅަ އެވެ. އޮންނަ އުސޫލުގެ ތެރެއިން، އެންގުންތަކަށް ބޯލަނބައިގެން، ހޯދަން ޖެހޭ ހުއްދަ ހޯއްދަވައިގެން ތަޅުމުގައި ވެސް ޖަލްސާ ބާއްވަންވީ އެވެ. އޭރުން ރައްޔިތުން އުފައްދާނެ ސުވާލެއް ކިޔާނެ އެއްޗެއް ވެސް ނޯންނާނެ އެވެ.

ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނާ ދައުލަތުގެ ކޮންމެ ބޭފުޅަކާ ވެސް ގުޅުއްވޭނެ އެވެ. އަދި މަޝްވަރާ ވެސް ކުރެއްވޭނެ އެވެ. މިވަގުތު ސިއްހީ ގޮތުން ކަންބޮޑުވުންތަކެއް ހުރިއިރު އެމަނިކުފާނު އެޗްޕީއޭއާ މަޝްވަރާކޮށް ހުރިހާ ކަމެއް ސާފު ކުރެއްވުމަށް ފަހު، ޖަލްސާ ބޭއްވުމަށް އިއުލާން ކުރެއްވުމަކީ އެންމެ ރީތި ގޮތެވެ. އެކަމަކު، ގާނޫނުތަކާއި ގަވާއިދުތައް މުގުރާލުމަކީ އުސޫލެއް ކަމަށް އާންމު ރައްޔިތުންނަށް ވިސްނޭ ގޮތަށް ކަންކަން ތަރުތީބު ކުރައްވައި ޑްރާމާއެއް ކުޅުއްވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބާރެއް ލިބުމަކީ އެ ބާރު ހިތުހުރި ގޮތަށް ބޭނުން ކުރަން ލިބޭ ލައިސެންސެއް ނޫނެވެ. ބާރުތައް ބޭނުން ކުރަން ޖެހެނީ ހުދޫދުގެ ތެރެއިން ވަކި އިންތަކެއްގަ އެވެ.

ނަމަވެސް ޒިންމާ އަދާކުރައްވާށެވެ. ނަމެއްގައި ޖަލްސާތަކެއް ބާއްވައިިގެން އެއްވެސް ކަމަކަށް ހައްލު ނުހޯދޭ ނަމަ، މި ޖަލްސާތަކުގެ މާނައެއް ނެތެވެ. ޑްރާމާތަކެއް ކުޅުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދަވާށެވެ. މި ހާލަތުގައި މުހިންމީ ބާރުގަދައީ ކޮން މުށެއްގައިކަން ބެލުމެއް ނޫނެވެ. ދައުލަތުގެ އެއް ބާރުންް އަނެއް ބާރަށް އެއްބާރުލުން ދީގެން މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. އެތެރޭގެ ތަޅާފޮޅުމުގައި ރައްޔިތުން ހަނާވާކަށް ނުޖެހެއެވެ.

comment ކޮމެންޓް