ނިއު ނޯމަލްގެ ފުރަތަމަ ޖަލްސާ: މެމްބަރުންނަށް ވެސް އާ ކަމަކަށް

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ކޮވިޑް-19އާ ގުޅިގެން އަންނަ ނިއުނޯމަލްގެ ހާލަތުގައި މަޖިލީހުގެ ތަޅުމުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފަށައިފި އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމުން މަޖިލީހުގެ ޖަލްސާތައް ބާއްވާފައި ވަނީ ވާޗުއަލްކޮށެވެ. ނަމަވެސް މިއަދު ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބާއްވަނީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މައްސަލާގަ އެވެ.

މިއަދުގެ ޖަލްސާއަށް މެމްބަރުން ތަޅުމަށް ވަޑައިގަތީ މާސްކަ އަޅުއްވައިގެންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި މެމްބަރުން އެތުރިގެން ތިއްބެވީ ދުރު ދުރުގަ އެވެ. އިތުރަށް ތަޅުމުގައި ގޮނޑިޖަހާފައިވާއިރު، އިތުރަށް ޖަހާފައިވާ ގޮނޑިތަކުގައި ތިއްބެވި މެމްބަރުން މޭޒުކޮޅު ކައިރިއަށް ދެވޭނީ 30 މިނިޓް ފަހުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

މާސްކް އަޅައިގެން ވާހަކަ ދައްކަން ޖެހޭތީ ބައެއް މެމްބަރުންނަށް އުނދަގޫތައް ކުރިމަތިވެ އެކަން ވަނީ ތަޅުމުގައި ފާހަގަކޮށްފަ އެވެ.

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ މާސްކްއަޅައިގެން ވާހަކަދައްކަން ވަރަށް އުނދަގޫ ކަމަށެވެ. އަދި މެންބަރު ނިޔާޒު އެކި ފަހަރު މަތިން މާސްކު ރަނގަޅު ކުރައްވަމުން ގެންދެވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އެކަމަކު މިއަދުގެ ހާލަތުގައި މާސްކް އަޅައިގެން ތިބެން ޖެހޭ ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ މާސްކް އަޅައިގެން ވާހަކަދައްކަން ޖެހޭތީ ލަސްތަކެއް ހުރި ކަމަށް ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށްވެސް މާސްކް އަޅައިގެން ވާހަކަ ދައްކަން އުނދަގޫ ކަމަށެވެ. އެހެންވެ މެމްބަރުންނަށް ބަހުސަށް ދޭ ވަގުތު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މާސްކް އަޅައިގެން ވާހަކަ ދައްކަން އިސާހިތަކު ފަރިތަވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ހިސާހިތަކު މާސްކަ އަޅައިގެން ވާހަކަދެއްކުމުގެ ހުނަރު. އަޅުގަނޑުމެންނަށް ލިބޭނެ. އަޅުގަނޑު ލަފާކުރާ ގޮތުގައި މިއަދު ނިމޭއިރު އަޅުގަނޑުމެން މިކަމަށް ވަރަށް ތައްޔާރުވެ ތިބޭނީ. ދެން އަޅުގަނޑު އެބަ ބަލަން ޓެކްނިކެއް ލިބޭތޯ. އަޅުގަނޑަށް ހަމަ ލިބޭއިރަށް އިއްޒަތްތެރި މެމްބަރުންނަށް އެ ޓެކްނިކް ހިއްސާ ކުރާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމު ނުގުތާއެއް ނަންގަވާ ވިދާޅުވީ މާސްކް އަޅައިގެން ވާހަކަދެއްކުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ މާސްކަޅައިގެން އައިނު އަޅައިގެން ހުންނައިރު އައިނު ފުސްވާތީ އެއްވެސް ތަނެއް ނުފެންނަ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެޗްޕީއޭއިން ފަހުން ދިން އިރުޝާދުތަކުގައި މާސްކް އަޅައިގެން ތިބުން ލާޒިމް ކޮށްފައި ނުވާކަން ވެސް އާޒިމް ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވާހަކަ ދައްކާއިރު އަނގައިގެ ހަރަކާތްތައް އަދި މޫނުގެ ހަރަކާތްތައް މަޑުކޮށްލުމުން ކުޑަކޮށް ފަސޭހަވާނެ ކަމަށެވެ. އަދި މިއީ އާ ބައްޔެއް ކަމުން، ޑޮކްޓަރުންގެ އިރުޝާދުތައް ވެސް އެކި ފަހަރު ބަދަލުވަމުންދާކަން ފާހަގަ ކުރައްވާ، ވިދާޅުވީ މާސްކް އަޅައިގެން ތިބުމަކީ މިވަގުތަށް އޮތް ގޮތް ކަމަށެވެ.

އޭގެއިތުރުން މަޖިލީހުގެ ތަޅުމުގައި 30 މިނެޓުން މެމްބަރުން ރޮޓޭޓްވާ ގޮތަށް އިންތިޒާމުކޮށްފައި އޮތުމުން އެކަން ވަނީ މެމްބަރުންނަށް އާ ކަމަކަށްވެ ކަން ކުރަންވީ ގޮތް އަދި ދަސްނުވެފަ އެވެ. ރައީސް ނަޝީދު އިރުޝާދުތައް ދެއްވަމުން ގެންދެވިއިރު ވިދާޅުވީ ކޮންމެވެސް ވަރަކަށް މެމްބަރުން ބުއްދި ބޭނުން ކުރަންވެސް ޖެހޭ ކަމަށެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހެލްްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދިނީ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށް ފަހު އެވެ. އޭގެ ތެރޭގައި މެމްބަރުން މާސްކް އެޅުމާއި، ޖަލްސާއަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ދުރުދުރުގައި ތިބުން ހިމެނެ އެވެ.

comment ކޮމެންޓް