ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފުރުވާލައިފި

ބިދޭސީން ފުރަން ގޮސްފައި: މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ވަނީ ބަންގްލަދޭޝްގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައި -- ފޮޓޯ/ މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު އެނބުރި ގައުމަށް ފުރުވާލައިފިއެވެ.

މި މީހުން ބަންގްލަދޭޝް އަށް ފުރުވާލާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މިހާތަނަށް އެގައުމުގެ 1،000 އެއްހައި ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައި ވާއިރު، އޭގެ ތެރޭގައި މޯލްޑިވިއަންގެ ފްްލައިޓުތަކުގައި ގެންދިޔަ މީހުންނާއި ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައި ގެންދިޔަ މީހުންގެ އިތުރުން އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން ގެންދިޔަ މީހުން ހިމެނެއެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ފުރުވާލި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ގަވައިދާ ހިލާފަށް، ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުންނެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުންތެތި 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެއެވެ. ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގއި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

ކޮވިޑް19 ޖެހިފައިވާ 1،395 މީހަކު ރާއްޖެއިން ފެނިފައިވާއިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ 706 މީހަކު ހިމެނެއެވެ.

comment ކޮމެންޓް