ޖަޕާނުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާފަ -- ފޮޓޯ: ރޮއިޓާސް

ޓޯކިޔޯ (މެއި 26): ޖަޕާނުގައި ކޮރޯނާވައިރަހާ ގުޅިގެން އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިއްޔެ ވިދާޅުވި ގޮތުގައި މިދިޔަ މަހު އެގައުމުގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ނިންމީ އެ ހާލަތަށް ބަދަލު ގެންނަން ޖަޕާނުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވެ، ގުދު ފަތި ކުރެވުމުންނެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ކަނޑައަޅާފައި އޮތީ ވަރަށް ހަރުކަށި މިންގަނޑެއް. އަދި ގައުމީ ފެންވަރުގައި އެ މިންގަނޑަށް ވާސިލުވެއްޖެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން،" އަބޭ ވިދާޅުވި އެވެ.

ޖަޕާނުން އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ މަހުގެ ހަތެއްގަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 16އިގައި މުޅި ގައުމުގައިވެސް ކުއްލި ހާލަތު އިއުލާން ކުރި އެވެ. ނަމަވެސް މިމަހުގެ 14އިގަ އާއި މިދިޔަ ބުރާސްފަތި ދުވަހު ޖަޕާނުން ވަނީ ބައެއް ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފަ އެވެ. އަދި އެއާ އެކު އެ ސަރަހައްދުތަކުގެ ސްކޫލުތަކާއި ދާރުލްއާސާރުތައް ހުޅުވަން ވަނީ ފުރުސަތު ދީފަ އެވެ.

އަބޭ ވިދާޅުވި ގޮތުގައި ޖަޕާނުން ދެން ދާނީ މީހުން އެއްވެ އުޅުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. ނަމަވެސް ސަރުކާރުން ދާނީ ވައިރަހުގެ ކޭސްތައް އިތުރުވާ މިންވަރު ބަލަމުން ކަމަށާއި ބަލިވާ މީހުންގެ އަދަދު އިތުރުވާ ނަމަ ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށި ކުރާނެ ކަމަށް އެގައުމުގެ އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ޖަޕާނުގައި މިހާތަނަށް 16،581 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުންގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެ ގައުމުގައި ބަލި ޖެހިގެން މަރުވެފައި ވަނީ 830 މީހެކެވެ.

comment ކޮމެންޓް