ޔާރާގެ "ފަރުދީ ޒިންމާ" ކޮންމެހެންވެސް ބަލައިލަންވާނެ!

ފިލްމުގެ މަންޒަރެއް---

ކޮރޯނާވައިހަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ޔާރާ ޕްރޮޑަކްޝަން ޓީމުން ކުރު ފިލްމެއް ރިލީޒްކޮށްފިއެވެ.

މަރިޔަމް އައްޒަ އަދި އޭނާގެ މަންމަ އާމިނަތު ރަޝީދާގެ މޮޅު އެކްޓިންނެއް ފެނިގެންދިޔަ ކުރު ފިލްމު "ފަރުދީ ޒިންމާ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ކާމިޔާބު ބަތަލާ އައްޒަ ސޯޝަލް މީޑިއާއަށް އެ ފިލްމު ދޫކޮށްލިތާ އެ ފިލްމަށް ތިން ގަޑިއިރު ތެރޭ ވަނީ 20،000 ވިއުސް ލިބިފައެވެ.

މި ފިލްމުން ފެނިގެންދަނީ އައިންތު ދިރިއުޅޭ ހިސާބަށް އެމްބިއުލެންސެއް އަންނަތަން ފެނުމުން އައިންތު "ކަން ބަލަން" ފުލް ކިޓުގައި ދާންއުޅެން ފެށުމުން އައްޒަ އޭނާއަށް ނަސޭހަތްދޭތަނެވެ. ހަމައެއާއެކު ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލަނބައި ގޭގައި ތިބުމަށް ވެސް މި ފިލްމުގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ. ހަމަގައިމުވެސް މި ކުރު ފިލްމަކީ އާންމުންނަށް ވަރަށް މުހިއްމު މެސެޖެއް ރައްދުކޮށްދޭނެ ފިލްމެކެވެ.

މި ފިލްމުގައި އައްޒަގެ ދަރިފުޅު އީތަން ޖުމައިހު ވެސް ފެނިގެން ގޮސްފައިވެއެވެ.

ގިނަ ދުވަސްތަކަކަށްފަހު އައިންތުގެ އެކްޓިންނެއް މި ކުރު ފިލްމުގެ ޒަރިއްޔާއިން ފެނިގެން ދިޔުމުން އޭނާގެ ގިނަ ފޭނުން ތިބީ އުފަލުންނެވެ. މި ފިލްމުގެ ކޮންސެޕްޓަކީ އައިންތުގެ ކޮންސެޕްޓެކެވެ. އަދި އެޑިޓްކޮށް ޑައިރެކްޓްކުރީ އަބްދުﷲ މުއާޒް އެވެ.

ދާދި ފަހުން އެކްޓަރު އަހްމަދު އަޒްމީލުގެ އިސްނެގުމުގެ މަތިން ވަނީ "ކުޑަކުޑަ ބާރު"ގެ ނަމުގައި ވެސް ކުރު ފިލްމެއް ގެނެސްދީފައެވެ. އެ ފިލްމު މިހާރު ބައިސްކޯފުން ވެސް ބަލައިލެވޭނެއެވެ.

comment ކޮމެންޓް