ޖަލްސާ ބާއްވަން ނަޝީދު ނިންމެވި ނިންމުމަށް އިދިކޮޅުން ތާއީދުކޮށްފި

ރައީސް ނަޝީދުގެ ނިންމުމަށް އިދިކޮޅުން ވަނީ ތާއީދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަބަންދު ހާލަތުގައި މަޖިލިސް ކުރާ ގޭގައި ޖަލްސާ ބޭއްވުމަށް މަޖިލިސް، ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތާއީދުކޮށްފި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ހާއްސަ އިންތިޒާމެއްގެ ދަށުން މާދަމާއިން ފެށގެން ތަޅުމުގައި ޖަލްސާ ބޭއްވުމަށް ރައީސް ނަޝީދު ވަނީ ނިންމަވައި އެކަން މެންބަރުންނަށް އަންގަވައިފަ އެވެ. އެހެން ނަމަވެސް، ބައެއް މެމްބަރުން އަންނަނީ މި ނިންމުމާ ދެކޮޅު ހައްދަވަމުންނެވެ. އޭގެ ތެރޭގައި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ މެމްބަރުންވެސް ހިމެނެ އެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު "ސަން" އަށް ވިދާޅުވީ، މާދަމާ ޖަލްސާއަށް އެ ކޯލިޝަންގެ މެމްބަރުން ވަޑައިގަންނަވާނެ ކަމަށެވެ. އެއީ މިހާލަތުގައި މަޖިލީހުން ނިންމަން ޖެހޭ މުހިންމު ނިންމުންތަކެއް އެބަހުރި ކަމަށާއި އެ ނިންމުންތައް ތަޅުމުގައި ޖަލްސާ ބާއްވައިގެން ނޫނީ ނިންމޭކަށް ނެތް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

މަޖިލިސް ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް ނިންމާފައިވާއިރު، މާދަމާ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އަންނަ މަހު ތިން ވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލް ތަކުގެ ދައުރު ދިގުކުރުމުގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލެވެ.

އާދަމް ޝަރީފު ވިދާޅުވީ، މި މައްސަލައަށް ވީހާވެސް އަވަހަކަށް ގާނޫނީ ފަރުވާއެއް ހޯދަން ޖެހޭ ކަމަށާއި އެހެން ނޫނީ އެ މުއްދަތުގެ ފަހުން މުޅި ގައުމު ގާނޫނީ ހުސްކަމުގެ ތެރެއަށް ވެއްޓޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޖަލްސާއަށް ދާނަން. މިއައީ ވަރަށް ތަފާތު ހާލަތެއް. މަޖިލިސް ޖަލްސާ ނުބާއްވައިފި ނަމަ ޖޫން މަހުގެ ތިނަކުން ފެށިގެން މުޅި ރާއްޖެ ދާނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް. ކައުންސިލް މެމްބަރުން ތިއްބަވާނީ އެމީހުންގެ މެންޑޭޓުން ބޭރުވެފައި. އެހާލަތުގައި ކައުންސިލްތައް ހިނގާނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ނޫން. ގާނޫނު އަސާސީގައި ބުނާ މުއްދަތު އޭރު އޮންނާނީ ހަމަވެފައި. އެހެންވީމަ މިހާލަތުގައި އެބަ ލާޒިމްވޭ ޖަލްސާ ބާއްވަން،" ޝަރީފު ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ކުރާއިރު، މެމްބަރުން ގޭގައި ތިބެގެން އެކަން ކުރުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުމަށް އޭނާ ތާއީދު ކުރެއްވި އެވެ. އެގޮތުން އޮންލައިންކޮށް ޖަލްސާ ބޭއްވުމަށް ބޭނުން ކުރާ ސޮފްޓްވެއާތަކަކީ 100 ޕަސަންޓް އިތުބާރު ކުރެވޭ ސްފްޓްވެއާތަކެއް ނޫން ކަމަށާއި އޭނާގެ އަމިއްލަ އެކައުންޓުންވެސް އަމިއްލަ އެހެން ޑިވައިސްތަކުން އޮންލައިން ވެވޭނެ ކަން ޝަރީފު ފާހަގަ ކުރެއްވި އެވެ.

"ހުރިހާ ވަގުތެއްގައި އަޅުގަނޑުގެ ފުރިހަމަ ބެލުމުގެ ދަށުގައި އެ ޑިވައިސްތައް ނެތްކަމުގައި ވާނަމަ [ނަގާ ވޯޓަކަށް] ބަަދަލު އައުމުގެ ފުރުސަތު އެބަ އޮތް. އެހެންވީމަ އެ ރިސްކް ނެގުމަކީ ރަނގަޅުކަމެއް ނޫން ހާއްސަކޮށް ގާނޫނު އަސާސީ އިސްލާހު ކުރާއިރު،" ޝަރީފު ވިދާޅުވި އެވެ. "ހަގީގަތުގައި މިވަގުތު މީނޫން ގޮތެއް ނުވެސް އޮންނާނެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަ އިރު، އެކަން އެ ކުރަނީ ކާކުކަން އެނގޭހާ ސާފުކޮށް އެކަން ކުރަންވާނީ،" ކުރީގެ ޑިފެންސް މިނިސްޓަރު ޝަރީފު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ، ތަޅުމުގައި ޖަލްސާ ބޭއްވުމަށް އޭނާ ތާއީދު ކުރައްވާ ކަމަށެެެވެ. އަދި ގާނޫނު އަސާސީގައިވެސް ބުނެފައިވަނީ ޖަލްސާތައް ބާއްވަން ޖެހޭނީ ތަޅުމުގައި ކަމަށާއި އެހެން ކަމުން އެކަން ހިނގަން ޖެހޭނީ އެމަގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއް މިއީ. އަޅުގަނޑު ގަބޫލު ނުކުރަން ގޭގައި ތިބެގެން އެއަށް ވޯޓަށް އެހިދާނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނިންމާފައި ވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ހެލްތު ޕްރޮޓެކެޝަން އެޖެންސީއާ ވެސް މަޝްވަރާނުކޮށް ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ މިރޭ ވިދާޅުވެފަ އެވެ.

ޝަރީފު ވިދާޅުވީ، މިކަމުގައި އޭނާ އުއްމީދު ކުރަނީ އެޗްޕީއޭ އިން މަޖިލީހާ މަޝްވަރާކޮށްގެން ގޮތެއް ނިންމުން ކަމަށެވެ. އަދި މާދަމާގެ ޖަލްސާގެ ކުރިން އެޗްޕީއޭ އިން ހުއްދަ ދޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާލަތައް މިކަން ގޮސްފައިވަނީ ސަރުކާރާއި މަޖިލިސް ރައީސްއާ ދެމެދު އުފެދިފައިވާ ނުތަވަސްކަމުގެ ސަބަބުންކަމަށް ޝަރީފު ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ މަޝްވަރާއެއް ނުހޯދާ އަދި ހުއްދައެއް ނެތި މަޖިލީހުގެ ޖަލްސާތައް ބާއްވާތީ އެކަމާ ނުރުހުން ފާޅު ކުރައްވައި، އެއީ ގާނޫނުގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އާއި ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ ޖަލްސާ ބާއްވާނެ އިރަކާއި ތަނެއް ނިންމާނީ މަޖިލީހުގެ ރައީސް ކަމަށާއި އެކަމަށް އެހެން ފަރާތަކަށް ހުރަހެއް ނޭޅޭނޭ ކަމަށެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މި މަހުގެ 28އާ ހަމަޔަށް ލަސްކުރެވެން ނެތް ކަމަށް ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރުކަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމަށް ނިންމެވީ މެންބަރުންނާ މަޝްވަރާ ކުރުމަށް ފަހު ގިނަ މެންބަރުންގެ ހިޔާލު އެގޮތަށް ހުރުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިކަމުގައި ރައީސް ނަޝީދުގެ ސްޓޭންޑަށް އިދިކޮޅުން ތާއީދު ކުރި އިރު، ދާދި ފަހުން ނަޝީދު ވަނީ މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލު ހުކުމް އިއްވާފައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ދިފައުގައި ވާހަކަ ދައްކަވައިފަ އެވެ.

comment ކޮމެންޓް